ލޯބިވެރިޔާ ބައެއް ފަހަރު ފަހަތުން ނައްޓައިލައެވެ. އަނެއްކާ ފަހަތުން އަޅުވައިލައެވެ. ނުވަތަ ތަތް ކޮށްލައެވެ. އަނެއްކާވެސް ދޫކޮށްލައެވެ. އެއަށް ފަހު ލޭ ބޯ ފަންޏަކަށް ވެއެވެ. ބައެއް ފަހަރަށް ރީތި ކަމަށް އެދެނީ ލޯބިންނެވެ. ބައެއް ފަހަރު ތިމާގެ ޙައްޤެއް ކަމަށް ބަލައި، ފޭރިގަނެއެވެ. ލޭ ހޫނުކޮށް ތާޒާކޮށް ބަހައްޓާނޭ ބަހަނާއެއް ހޯދައެވެ. ހިތާމައެއް ނެތަސް، ހިތާމައިގެ ބައިވެރި އަކަށް ވެގެން އާދެއެވެ. އެއަށްފަހު މަޑު މަޑުން ދިރިއުޅުމަށް ހިތާމައިގެ ކުލަވަރު ފާއްދާލައެވެ. ލޭ ބޯ ފަނި ލޭ ބޮނީ ގައިގައި ތަތްކޮށްލައިގެން އޮވެ މަތިމަތީންނެވެ. ލޯބިވެރިޔާ ލެޔަށް ވެގެން ނާރުތަކުގެ އެތެރޭގައި ދަތުރު ކުރަނީއެވެ. މަޑު މަޑުން ލަސް ލަހުން ރީތިކަމުގެ ތެރޭގައި ހެދި ބޮޑުވާން ފަށްޓައެވެ.

ލޯބީގެ ނަމުގައި ފުރަތަމަ އޭނާޔާ ނުލައި ނޫޅެވޭ ވަރު ކޮށްލަނީއެވެ. އެއަށް ފަހު ތިމާގެ އަޅަކަށް ހަދަނީއެވެ. ފީރޯޒާ ރިސީވަރު ކަންފަތުގައި ޖައްސައިގެން އޭނާގެ ވާހަކަ އަޑު އަހަމުން ގެންދަނީއެވެ. އޭނާ ވާހަކަ ދައްކަނުން ގެންދިޔައެވެ. "ފީރޯޒާގެ ފަހަރިއަކީ އަހަރެންގެ ސަލްމާ ދައްތަ- އަހަރެން ތިޔަ ގެއަށް ދަނީ ދައްތަޔާ ތިޔަ ގެޔާ އޮންނަ ގުޅުމެއްގެ ސަބަބުން- އެކަމަކު ހުވާ ކޮށްފައި މި ބުނަނީ- އަހަރެން ދަނީ ފީރޯޒާ ދެކިލަން ވެގެން-" ފީރޯޒާ ބުންޏެވެ. "ޗައުދަރީ ޞާޙަބް- ކިތަންމެ ވަރަކަށް ބުރު ޖެހިޔަސް އަހަރެން މަޅީގައެއް ނުޖެއްސޭނެ-" "އަހަންނާ ދިމާއަށް ޗައުދަރީ ޞާޙަބޭ ތިޔަ ކިޔަނީ ކީއް ވެގެން-؟ އަހަރެންގެ ނަން ކިޔާބަލަ-" "ނަމަކީ އަކްބަރް ޢަލީއެއްނު؟ ޢަލީ އަކީ ނުލާހިކު މާތް، އަބުރުވެރި ނަމެއް- ތިޔައީ ބޮޑު މަކަރުވެރިއެއް-" "ރުޅި ނާދޭ- އެންމެ ރަނގަޅު- ޢަލީ ނުކިޔަކަސް ހެޔޮ- އަކްބަރޭ ކިޔަންވީނު-؟" "اللّـه أكبر އޭ ކިޔާފައި ޗައުދަރީއަކަށް އަކްބަރެކޭ ނުކިޔޭނެ- ދައްތަގެ އަތަށް ފޯނު ދެންތަ-؟" "ނޫނޭ- އެހެން ނުހަދާތި- ފީރޯޒާއާ މި ގުޅުނީވެސް އެތައް މަސައްކަތަކުން- ދޮގު ނުހަދާ ބުނެބަލަ- އަހަރެން ދެކެ އެހައި ރުޅި އަންނަނީ ކީއްވެގެންތަ-؟" "އެވަރުވެސް އެނގެނީ އަހަރެން ބުނީމާތަ-؟ ތިޔައީ މީހަކާ އިނދެގެން އުޅޭ މީހެއް- ދެ ދަރިންގެ ބަފައެއް-" "ފިރިއަކަށްވުމާއި ބަފަޔަކަށް ވުމަކީ ކުށެއް ނޫނެއްނު-؟" "އަނބިމީހާގެ އިތުބާރު ނަގައިލުމަކީ ހެޔޮ ކަމެއްތަ-؟" "ފީރޯޒާ- ގަބޫލު ކުރޭ- ކާވެނިވީ ރޭ އަހަރެން ޞަފޫރާ ލައްވައި ލިޔުމެއްގައި ސޮއި ކުރުވިން- އޭގައި އޮންނާނީ އަހަރެން ރުހޭ ކަހަލަ އަންހެން ކުއްޖަކާ ދިމާވީމާ ދެ އަންބަށް އިންނާނަމޭ- އެކަމާ އޭނާ ދެކޮޅު ހަދައިގެން ނުވާނެއޭ- ފީރޯޒާ ބޭނުމިއްޔާ އަހަރެން އެ ލިޔުން ދައްކަފާނަން-" "ކާވެނި ކުރާ ދުވަހު އެކަހަލަ ލިޔުމެއްގައި ސޮއި ކުރަން އަންހެން ކުއްޖަކު ރުހޭނީ ކިހިނެއް-؟" "ޞަފޫރާ އަކީ އަހަރެން ގަޔާވާ މީހެއްއް ނޫން ކަން އަހަރެން ޢާއިލާގެ އެންމެން ދަންނާނެ- އެއީ ބިމާއި މުދަލާ ހެދި ވީ ކަމެއް- އަހަރެން ނީންނަމަ އޭނާގެ ބިމާއި، މުދަލާ އެކީ ގޮސް އިންނާނީ އެހެން މީހަކާ-" "އަހަރެން މި އަހަނީ ތިޔަ ބުނާ ލިޔުމެއްގައި އޭނާ ލައްވައި ސޮއި ކުރުވީ ކިހިނެއްހޭ-؟" "ފީރޯޒާ އަކަށް، ޞަފޫރާއެއް ނޭނގޭނެ- އޭނާ އަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހެއް ނޫން- ރީތި މީހެއް ނޫން- ކިޔަވައިގެން އިން މީހެއްވެސް ނޫން- އެކަމަކު ރަނގަޅު އަނތްބެއް- އޭނާ ލިޔުމުގައި ސޮއި ކުރީ ދުވަހަކުވެސް އޭނާ ވަރި ނުކުރާނެ ކަމަށް އަހަރެން ލައްވައި ހުވައި ކުރުވާފައި- އޭނާ ކޯރުގެ އައްސޭރީގައި އެހެރަ ގޭގައި އޮންނާނެނު-؟" "އަންހެނުންނަކީ އެމީހުންގެ ފިރިންގެ ގެ ސުވަރުގެއަށް ހަދާ ބައެއް- އަނބިމީހާގެ ސުވަރުގެ ތިޔަ ހެދީ ފެނުގެ ތެރޭގައި- ކިހާ ރަނގަޅު-" "އެހެންނެއް ނޫން- އަހަންނަށް ލިބުނު އަނިޔާ އާ މެދު ނިކަން ވިސްނައިލަބަލަ- ގަދަ ކަމުން އަހަރެން މީހަކާ ދެވީ އަހަރެންގެ ޢުމުރުން އެންމެ އަށާރަ އަހަރުގައި- ބައްޕަ ފިކުރު ބޮޑުވީ ޞަފޫރާގެ މުދާގަނޑު އަތުން ބީވެދާނެތީ- އަހަރެން މީ ޅެންވެރި ޚިޔާލުގެ ޖަޒުބާތީ މީހެއް- މީހަކު ދެކެ ލޯބިވާނެ މުހުލަތެއް އަހަންނަކަށް ނުލިބުނު- އެސްފިޔައެއް ޖަހައިލީއިރު ދެ ދަރިންގެ ބަފަޔަކަށް ވެއްޖެ-" ފީރޯޒާ ހިމޭން ވެއްޖެއެވެ. ޗައުދަރީ އަކްބަރް ޢަލީ އެ ދެއްކި ވާހަކައިގެ ތެރެއިން އެއް ވާހަކަ އަކީ ތެދު ވާހަކަ އެކެވެ. އޭނާގެ ކާވެނި ކުރެވުނީ މުދަލާ ހެދިއެވެ. އެއީ ހިސާބުކިތާބުގެ މުޢާމަލާތެކެވެ. ފަގީރު ދަނދުވެރިންނަށް ދަނޑުގެ މަސައްކަތުގައި އުޅެން މަޖުބޫރު ކުރުވާ ފަދައިން، އަކްބަރް ޢަލީ އަށް މަޖުބޫރުވީ ބިމާއި، މުދަލުގެ ކުރިމަތީގައި ޢައިލާގެ ނުފޫޒަށް ބޯ ލަނބައިލާށެވެ. އަކްބަރް ޢަލީގެ ވާހަކަ ގަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް، ފީރޯޒާއަކީ ރީތިކަމުގެ އެއްވަނަ ދަރަޖައިގައި ހިމެނޭ ކުއްޖަކަށް ވާތީ އަކްބަރް ޢަލީގެ ހިތް ދަމައިގަންނަ ކަހަލަ ގޮތެއް ހުރީއެވެ.

އެފަދަ މަޖުބޫރު ޙާލަތެއްގައި މީހަކާ އިނިއްޔާ އެހެން ދިމަދިމާއަށް ނަޒަރު ހިންގޭ ގޮތް ވުމަކީ އެކަށިގެންވާ ކަމެކެވެ. އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެންގެ ވާހަކަ ދައްކާއިރު އަނބިދަރިންގެ ވާހަކަ ދެއްކީމާ މީހުން ދެކެނީ އަހަރެން މިއީ މާ މުސްކުޅި މީހެއް ކަމަށް- އަހަރެމެންގެ މުޖުތަމަޢު މި އޮންނަނީ ޙައިރާންވާ ފަދަ ގޮތަކަށް- ބަފަޔަކަށް ވުމާ އެކީ ކޮންމެ މީހަކު ބޮޑު މުސްކުޅިއަކަށް އެބަ ހަދާ- އަހަރެންގެ ޢުމުރަކީ އެންމެ ސައްބީސް އަހަރު- މިއީ ފިރިއަކަށް ވާން ޖެހޭ ޢުމުރެއް ނޫން- ބަފަޔަކަށް ވާން ޖެހޭ ޢުމުރެއްވެސް ނޫން- މިއީ މިނިވަންކަމާއެކު ހީނ މަޖާކޮށް އުޅޭ ޢުމުރު- ލޯބިވެރިޔާ އާ އެކީގައި ބަގީޗާ ތަކުން މާ ހޮވައި، ޖައްވުގައި އުދުހި އުޅޭ ޢުމުރު-" ފީރޯޒާ ފޫހި ރާގަކަށް އަހައިލިއެވެ. "މާ ހޮވައި، ޖައްވުގައި އުދުހެން ބޭނުމިއްޔާ އަހަރެންގެ ފަހަތުން އަޅައިގަތީ ކީއް ވެގެން-؟" "ސިކުނޑި އޮންނަނީ ބޮލުގެ ފަހަތު ބައިގައި ކަން ދަންނަމެއްނު ދޯ-؟ – މިއަދު އެކަނި އިސް ޖަހައިލައިގެން އިނދެ ނިކަން ވިސްނައިލަބަލަ- އަހަންނަކީ ފީރޯޒާ ބޭނުންވާ މީހާކަން އެނގޭނެ- ފީރޯޒާ އަކީ އަހަރެން ބޭނުންވާ ކުއްޖާ- ބޭނުންވާ މީހާ ފަހަތަށް ލާން އުޅުނު ވަރަކަށް ކުރިއަށް އަރާނެ-" ފީރޯޒާ ބުންޏެވެ. "ތިޔަ ދައްކަނީ ދެ ދަރިންގެ ބަފަޔަކު ދައްކާ ކަހަލަ ވާހަކައެއް ނޫން-" "އިރުއިރުކޮޅާ ދަރިންގެ ހިސާބު ނުޖަހަބަލަ- އަހަރެންގެ ޢުމުރާއި އަހަރެންގެ ޒުވާން ހިތަށް ބަލާބަލަ-" އޭނާ ފިނި ނޭވައެއް ލިއެވެ. "އަހަރެންގެ ކުރިމަތިން އަހަންނަށް ފެންނަނީ ހަމައެކަނި ޗައުދަރީގެ އަނބިދަރިން-" "ލޯބިގަނޑާ- ލޮލުން ފެންނަނީ ހަމައެކަނި ކުރިމަތީގައި ހުންނަ އެއްޗެއް- ކުރިމައްޗާއި ފުރަގަސް ފެންނާނީ ސިކުނޑިއަށް- ސިކުނޑިން އަހަރެން ބަލާފައި…" "އޭތް- އަހަންނާ ދިމާއަށް މީގެ ފަހުން ލޯބިގަނޑާއޭ ނުކިޔާތި- އެއީ ވަރަށް ވިޔާނުދާ ބަހެއް-" "އަހަރެން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން- ލޯބީގެ އަދަބާއި ސަދަބު ހުންނަ ވާހަކަ ކިޔާތީ އަހަން- ފީރޯޒާ އަހަންނަށް ދަސްކޮށްދީ- އަހަރެން ދަސް ކުރާނަން-"(ނުނިމޭ)