ގާނޫނީ ހުކޫމަތު އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފާއެކު ހިނގާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް ފެނިގެން ދިޔައީ މުވައްޒަފުން ރޭޕް ކުރަން މަސައްކަތް ކުރި ވަޒީރުން ރާއްޖެއިން ފުރުވާލައި، ސަފާރީތަކުގައި ރޭޕް ގެ ހުތުރު އަމަލު ހިންގި މީހުން ރައްކާތެރިކޮށްދިން މަންޒަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފަސް ބޭފުޅުން ވެރިކަން ކުރެއްވި ކަމަށާއި ނަމަވެސް ހުރިހާ ވެރިކަމެއްގައިވެސް އެއް މައްސަލަތަކެއް ހައްލު ނުކުރެވި ހުރި ކަމަށެވެ.
"މަސައްކަތް ކުރާ އުމުރުގެ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާން ޖަހައި ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާ ކުރަންވީ ވަޒީފާތައް ފުރަމުން. ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދޭ. ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެމީހުންގެ އުޅަނދުތަކާއެކު ފައިބައިފި. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގައި ފިތިބާރުވެގެން ތިބެ ކައްކާ، ކައިބޮއި، ކިޔަވާ ނިދާ ހަދައިގެން އުޅޭތާ އެތަށް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާ ގޭންގް ތަށް މަގުތަކުގައި އާންމުވެއްޖެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ނުކޮށް، އިތުރު 20 އަހަރު ކަޑަތުކޮށްފިނަމަ، ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަން ގެއްލި، ދިވެހިން ރާއްޖޭގައި ބާކީވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 16 އަހަރު ކުރިން މަލްޓި ޕާޓީ ނިޒާމު އުފެދިގެން އައުމުން ދެން އުފެދިގެން އަންނާނީ ހަރުދަނާ، ސާފުސީދާ ވެރިކަން ތަކެއް ކަމަށާއި ސިޔާސީ ޕާޓީތަކުން ދިވެހިންނަށް ހުރިދަތިތައް ފިލުވާ ދޭނެ ކަމުގެ އިތުރުން ކޮރަޕްޝަން މަދުވާނެ ކަމަށް ހީކުރެވުނު ކަމަށެވެ.
"ނަމަވެސް ތިޖޫރިގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި ދައުލަތުގެ ކަރާމާތް ގެއްލުން ނޫން ކަމެއް ނުފެނުނު. އަޅުގަނޑުމެން ހީކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން ދޮގުތައް ބޭޒާރުވެ، ތެދަށް ނަސްރު ލިބިގެންދާނެ ކަމަށް. ނަމަވެސް ދޮގު ހެދުމުގެ ހުނަރު ކުރިއަރާ ދޮގުހެދުމާ، ދީނަށް ފުރައްސާރަ ކުރުމާ، ޓީވީތަކާ މަޖިލީހުގައި ކުރާ ހަޑިހުތުރު ޒުވާބުތައް ގޭގޭގެ ސިޓިންގް ރޫމްތަކާ ހަމައަށް ދިޔަ،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން އިންތިހާބުތަކުގެ ތެރެއަށް ވަދެ، މިނިވަންކަން ގެއްލޭ ހިސާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
"ޕާޓީތަކުގެ ވާދަވެރި އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން ވަދެ، ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އެމީހުންގެ ނުފޫޒު ފަތުރައިފި. އެމީހުންގެ ސިފައިން އިތުރުކޮށްފި. އެމީހުންގެ އުޅަނދުތައް އިތުރުކޮށްފި. އެމީހުން ގާއިމްވެ ތިބޭ ސަރަހައްދުތައް އިތުރުކޮށްފި. ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ހަރާބުކޮށް، ދިވެހިންނަކީ ޓެރަރިސްޓުން ކަމަށް ބޭރު ގައުމަތަކަށް ދައްކައިފި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވިގޮތުގައި ރާއްޖެ މިހާރު ދަތުރުކުރަމުންދާ މިސްރާބު ބަދަލު ކުރުމަށް މުޅި ގައުމުވެސް އެދިގޮވަ އެވެ. އަދި ޓެސްޓް ކުރެވިފައިވާ ސިޔާސީ ލީޑަރުންނާ މެދު އަލުން ކުރާނެ އުއްމީދެއް ނެތް ކަމަށާއި އެ ބޭފުޅުން ދެން އިތުރަށް ގެނެދެއްވާނެ އާ ވައުދެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ފެށި ޑީއެންއޭ ހަރަކާތަކީ ދިވެހިން އިންތިޒާރު ކުރަމުންދާ ތައުލީމާއި ތަޖުރިބާ ހުރި، ތެދުވެރި، އިހުލާސްތެރި، ހަރުދަނާ ޓީމު ކަމަށާއި އެއީ ދިވެހި ދައުލަތް އަލުން ތަރުތީބު ކޮށްދޭނެ އާ، ގައުމީ ހަރަކާތެއް ކަމަށެވެ.
"މިއީ ދިވެހި ވަތަން އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށް ފަށާ ހަރަކާތެއް. މިއީ ކޮރަޕްޓް ޕޮލިޓީޝަނުންގެ އަތުން މި ވަތަން އަނބުރާ އަތުލައި، މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، މި ރާއްޖެ އަމިއްލަ ފައިމައްޗަށް ނެގުމަށް ފަށާ ގައުމީ މަސައްކަތެއް. މި ގައުމު އަމިއްލަ ފައިމައްޗަށް އަލުން ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރިހޯދައިގެން،" އުމަރު ވިދާޅުވި އެވެ.
މި ހަރަކާތަކީ ރާއްޖެ މުޅިން ބަދަލުކޮށްލަން ފެށި ހަރަކާތެއް ކަމަށާއި އަންނަ ރިޔާސީ އިންތިހާބު ވާނީ އެކަން ކުރަން ލިބޭ އެއް ފުރުސަތަށް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރުގެ އިތުރުން އެ ހަރަކާތުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން އެވެ.
މިއީ މި ގައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޙަރަކާތެއް.
މިއީ މި ގައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޙަރަކާތެއް.