ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވެފައިވަނީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި “ފޯރތް ވަރލްޑް ކޮންފަރެންސް އޮން ވިމެން”އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ވާރޗުއަލް ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ކަނބަލުން ކަމަށެވެ. އެގޮތުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތައް އަދާ ކުރެއްވުމުގައި ވެސް ތިއްބެވީ އަންހެން ކަނބަލުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސާމްޕަލް ނެގުމާއި، ކޮވިޑަށް ޓެސްޓް ހެދުމާއި، ޙާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، ހިތްވަރުގަދަ، ހުނަރުވެރި އަދި ޤާބިލު އަންހެން ބޭފުޅުން ހަރަކާތްތެރިވަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީގެ ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގައި، ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިޢާޔަތް ކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުޙަލާގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ރާވާ ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރެއްވިއެވެ.