ރަޝިޔާގެ ނިއުކްލިއަރ، ކެމިކަލް އަދި ބަޔޮލޮޖިކަލް ޓްރޫޕުގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އައިގަރ ކިރިލޯވް، ވެރިރަށް މޮސްކޯގައި ރޭ މަރާލައިފިއެވެ.

ލެފްޓިނެންޓް ޖެނެރަލް ކިރިލޯވް މަރާލާފައި ވަނީ އެޕާޓްމަންޓަކުން މަގުމައްޗަށް ނިކުތްވަގުތު ބޮމެއް ގޮއްވާލައިގެންނެވެ. ބޮން ހަރުކޮށްފައިވަނީ އިލެކްޓްރިކް ސްކޫޓަރެއްގައެވެ. މި ހަމަލާގައި ކިރިލޯވްގެ އެހީތެރިޔާވެސް މަރުވިއެވެ.

ލެފްޓިނެންޓް ޖެނެރަލް ކިރިލޯވްއަށް ދިން ޓެރަރިޒަމްގެ ހަމަލާގެ ޒިންމާ ޔޫކްރައިން އަސްކަރިއްޔާއިން ވަނީ ނަގާފައެވެ. ޔޫކްރައިން އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނީ މި ހަމަލާއަކީ އެގައުމުގެ އިންޓަލެޖެންސުން ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ.

މިއީ ރަޝިޔާ އާއި ޔޫކްރައިނުގެ ހަނގުރާމަ މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ފެށުނު ފަހުން ރަޝިޔާގެ ފަސްގަނޑުގައި ރަޝިޔާގެ މިހާ އިސް އޮފިޝަލަކު މަރާލި ފުރަތަމަ ފަހަރެވެ.

މި ހަމަލާއާ ގުޅިގެން ރަޝިޔާގެ ކުރީގެ ރައީސް ކަމާއި ބޮޑުވަޒީރުކަން ކުރައްވާފައިވާ އަދި މިހާރު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ދިމިޓްރީ މެޑްވެޑޭވް ވިދާޅުވީ ޔޫކްރައިނުން ދިން މި ހަމަލާގެ ބަދަލު ހިފާނެކަމަށެވެ.