ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި އެ މަނިކުފާނު ތަގުރީރު ކުރައްވާފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވާންގް ޔޮންގް، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއާމަން ލިއު ސިއާއޮކައި އާއި ބައްދަލުކުރައްވާފައެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ވަނީ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތަށްފަހު އެމަނިކުފާނު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ފޯރަމްގެ ދެ ވަނަ ބައްދަލުކުރެއްވުމުގައި މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ނާއިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު މިއީ އެ މަނިކުފާނު ޗައިނާއަށް ކުރައްވާ މިފަދަ ދެވަނަ ދަތުރުފުޅެވެ.