ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަސަދަވެރިކަމުގެ ތެރެއިން ހިންގާ ފިނޑި އަމަލެއް ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެފަދަ ވާހަކަތައް ފަހަކަށް އައިސް ކެނޑިނޭޅި ދައްކަމުންދާ ކަމަށް ވެސް އެކުންފުނީން ވިދޅުވެފައިވެއެވެ. "ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި ޢަމަލުތަކުގެތެރެއިން ކަމެއް ކަމުގައި ދަންނަވަމެވެ."

ފެނަކައާ މިހާރުގެ މެނޭޖުމަންޓުން ހަވާލުވީ 2018 ވަނަ އަހަރު ޑިސެމްބަރު ގައެވެ. އެއަށްފަހު ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާޙާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ ނަޒާހަތްތެރި ކުންފުންޏަކަށް އެތަން ހެދުމަށް އެތަނުން ވަނީ ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ޤާއިމްކޮށް ޢަމަލުކުރަމުންދާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. "މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤަވާޢިދެއް ނުވަތަ ޢުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، ފާއިތުވެދިޔަ ކިލަނބު މާޒީގައި އެކުލަވާލެވިފައިވި އެފަދަ ޤަވާޢިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާ ކަމާއެކު ޚިދުމަތް ފޯރުކޮށްދެމުންދާ ކަން ފާހަގަކުރަމެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.

އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން މިހާރުގެ މެނޭޖްމަންޓަށާއި ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާތީ އެކަމަށް ނުހަނު ހިތާމަކުރައްވާ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.

"ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން، ކަމުގެ ހަޤީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މަޢުލޫމާތު ޢާންމު ކުރެއްވުމަށް،" ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ފެނަކަކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވައިފައިފައެވެ.

ފެނަކައިން މިހެން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން އެކުންފުނީން ހިނގަމުންދާކަމަށް ވިދާޅުވެ އޭސީސީން އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވުމުންނެވެ.