ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްޖެހިގެން މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ ދިވެހި ފިރިހެނެކެވެ.

ހާލުދެރަވެގެން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް އިއްޔެ ގެންދިޔަ މީހަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާ ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވްއެވެ. އިއްޔެ ހެނދުނު 6:00 ގައި 67 އަހަރުގެ އެ މީހާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 64 އަށް އަރާފަ އެވެ.

މި ބައްޔަށް މިހާރުވެސް 2،615 މީހުން ފަރުވާ ހޯދަމުންދާއިރު، އޭގެތެރެއިން 187 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.