ޤައުމު އިސްލާހު ކުރައްވަން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އެކުލަވާލެއްވި "ޑްރީމް ޓީމް" ވާނީ ޑްރީމަކަށް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަޙުމަދު ސައުދު ޢުމަރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާހު ކުރައްވަން ޑްރީމް ޓީމެއް އެކުލަވާލެއްވި ވާހަކަ ޢުމަރު އިޢުލާން ކުރެއްވީ ރޭ ބޭއްވި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

ޢުމަރު ވިދާޅުވީ ޑީއެންއޭ ހަރަކާތަކީ ދިވެހިން އިންތިޒާރު ކުރަމުން އަންނަ ތަޢުލީމާއި ތަޖުރިބާ ހުރި، ތެދުވެރި، އިޚްލާސްތެރި، ހަރުދަނާ ޓީމު ކަމަށެވެ. އެއީ ދިވެހި ދައުލަތް އަލުން ތަރުތީބު ކޮށްދޭނެ ޤައުމީ އައު ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޢުމަރުގެ މިވާހަކަތަކަށް ރައްދު ދެއްވައި ސަޢުދު ވިދާޅުވީ "ތިޔަ ޑްރީމް ޓީމްވާނީ ހަމަ ޑްރީމަށް،" ކަމަށެވެ. ރައްޔިތުން ވަނީ ޢުމަރުގެ ޓީމަށް ސަރުކާރުންނާއި، އިދިކޮޅު ޕާޓީން ވެސް ޖާހަގަ ހޯދައިދީފައި ނޫންތޯ ވިދާޅުވެ ސަޢުދު ސުވާލު ކުރެއްވިއެވެ. ޑީއެންއޭ ހަރަކާތަކީ "ދެހާސް ތޭވީހަށް ކޮންމެވެސް ދިމާއަކުން ޖާގައެއް ހޯދަން ކުޅޭ ޑްރާމާއެއްތޯ،؟ ވެސް ސަޢުދު ސުވާލު ކުރައްވާފައި ވެއެވެ.

ޑީއެންއޭ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ ހެޔޮލަފާ އަދި ގާބިލް މީހުން ސިޔާސީ ކަންކަމަށް ކައިރިވާން މިހާރު ޖެހިލުންވާ ކަމަށެވެ. ސިޔާސީ މަސައްކަތް މިހާރު ޚާއްސަ ވެފައިވަނީ މިއާ އިދިކޮޅު ސިފަތަކުގެ މީހުންނަށް ކަމަށް ދެކެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ޢުމަރު ވިދާޅުވިއެވެ.