ޗައިނާ އިން އިތުރު 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި އެކަން އަންގަވާފަ އެވެ.

ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ. މީގެކުރިން ވެސް އެ ގައުމުން ހަދިޔާ ކުރީ ސައިނޯފާމް ވެކްސިނެވެ.

އަވަށްޓެރި އިންޑިއާ އިން ވެސް ވަނީ ހަމަ އެ އަދަދަށް ވެކްސިން ހަދިޔާކޮށްފަ އެވެ. އިންޑިއާ އިން ހަދިޔާ ކުރީ އެ ގައުމުގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އެ ވެކްސިނެވެ.

ޗައިނާގެ ވެކްސިން ބޭނުން ކުރުމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް އަދި ޑަބްލިއުއެޗްއޯ އިން ވެސް އަދި ހުއްދައެއް ނުދެ އެވެ.

ޗައިނާ އިން ދަނީ އެގައުމުގެ ސައިނޯފާމް ކުންފުނިން އުފެއްދި ސައިނޯފާމް ކޮވިޑް ވެކްސިން އެ ގައުމުގެ ރައްޔިތުންގެ ގަޔަށް ޖަހަމުންނެވެ.