ސައުވީސް ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.
މި ކޭމްޕް އިފުތިތާހު ކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހިމް ވަނީ ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮންމެ ކެޑޭޓަކު ވެސް ހިތްވަރާ އެކު މަަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ އިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.
އޭގެ އިތުރުން ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ހިތްވަރުދެއްވިއެވެ. ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޭމްޕްގެ ކޮމާންޑަރ، ކެޕްޓަން އަޙްމަދު ވިޝާންއެވެ. އަދި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން ޙަސަން އަކްރަމެވެ.
މީގެ އިތުރުން ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު ލަޠީފްއެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މުދައްރިބުންނެވެ. ދިވެހިރާއްޖޭގެގައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުންނެވެ.
މީގެ އިތުރުން ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.
ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަހުލާގާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.
މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އެޖުޓަންޓް އޮފް އެމްއެންސީސީ އަދި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދުއާއި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި، އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް އަބްދުﷲގެ އިތުރުން އެމްއެންސީސީގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މިމަހު 21 އިން ފެށިގެން އަންނަ މަހު 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނެއެވެ