ލޭ ބޯ ފަނި (4)

ފީރޯޒާ ކޮލެޖަށް ދަނީ އޭނާގެ ބައްޕަ، ޢިނާޔަތު ޙުސައިނާ އެކީ ކާރުގައެވެ. ޢިނާޔަތު އޭނާ ކޮލެޖަށް ލައިފައި އޮފީހަށް ދަނީއެވެ. އެކެއް ޖަހަން ވާއިރަށް އޭނާ ބަލައި އަންނަނީ ވެސް ބައްޕައެވެ. ގެއަށް ގެނެސް ލައިފައި، މެންދުރު ކައިގެން އަނެއްކާ ވެސް އޮފީހަށް ދަނީ އެވެ. މިއީ ކޮންމެ ދުވަހަކު ވެސް ކަންތައް ހިނގާ ގޮތެވެ. އެހެންވީމާ ފީރޯޒާއާ ގެއިން ބޭރުގައި ބައްދަލު ކުރާނޭ ފުރުޞަތެއް އަކްބަރް ޢަލީ އަކަށް ނުލިބެއެވެ. އެންމެ ފުރަތަމަ އޭނާ ލޯބީގެ ވާހަކަތައް ދެއްކީ ފޯނު ކޮށްގެންނެވެ. ވާހަކައިގެ ތެރެއިން އަކްބަރް ޢަލީއާ ބެހޭ ބައެއް މަޢުލޫމާތު ފީރޯޒާއަށް ލިބުނެވެ. އަދި އެހެން ގޮތްގޮތުން ވެސް ބައެއް ކަންތައްތައް އެނގުނެވެ. އެނގުނު ކަންތައްތަކުގެ ތެރޭގައި އޭނާގެ އަތްނބަކު އިންނަ ކަމާއި، ދެ ދަރިން ތިބޭކަން ހިމެނެއެވެ. ޢާއިލީ ގޮތުން އެހައި ބޮޑު ގުޅުމެއް އޮތިއްޔާ، ކަންތައްތައް ސިއްރު ވެފައެއް ނޯންނާނެއެއް ނޫން ހެއްޔެވެ؟ ފީރޯޒާ އޭނާގެ ފަހަރި، ސަލްމާޔާ ސުވާލު ކުރިއެވެ. "ފަހަރި އެކަންތައް އަހަންނަށް ސިއްރު ކޮށްފައި ބޭއްވީ ކީއް ވެގެން؟"

ސަލްމާ ބުންޏެވެ. "ފީރޯޒާ އަހަންނަކާ ސުވާލެއް ނުކުރަމެއްނު؟ އެހެންވީމާ ނުބުނީ. ސުވާލު ކުރި ނަމަ ތެދަށް ބުނީމުސް."

"ފަހަރި އަކީ މިހާރު މިގޭ މީހެއް. އެހެންވީމާ ޢާއިލާގެ އެހައި މުހިއްމު ވާހަކައެއް އަމިއްލައަށް ނުބުނެ އޮވެގެން ނުވާނެ. މަންމައާއި ބައްޕަ ތިޔަ ގެއަށް ގޮސް ފަހަރީގެ ވާހަކަ ދެއްކި އިރުވެސް، ޞަފޫރާ ނަމަކަށް ކިޔާ މީހަކު ތިޔަ ގޭގައި އުޅޭ ކަމެއް ވެސް ނޭނގޭ. އަޖައިބެއް ކަހަލަ ކަމެއްނު.؟ ކާވެނި ޕާޓީގައިވެސް އެ ފަކީރު ބައިވެރިއެއް ނުކުރޭ. އެ ދެ ކުދިންވެސް ނުއެއް ފެނޭ. އެހައި ބޮޑު ސިއްރަކަށް އެކަން ހަދައިގެން އުޅެނީ ކީއްވެގެން.؟"

"އެއީ ސިއްރެއް ނޫން. ސިއްރަކަށް ހަދައިގެން އުޅެނީއެއްވެސް ނޫން. ޞަފޫރާ، އަކްބަރާ އިނީ ވިޔަފާރި މުޢާމަލާތެއްގެ ގޮތުގައި. އެއީ އެހައި ރީތި ކުއްޖެއް ނޫން. އަދި އުޅުން ހުންނަނީވެސް މީހުންގެ ތެރެއަށް ނުކުމެ އުޅޭ ފަދަ ގޮތަކަށް ނޫން. އެހެންވީމާ ޕާޓީތަކަށް ނުނެރެނީ. އަނެއްކޮޅުން އަކްބަރް އަބަދުވެސް ބޭނުން ވަނީ އޭނާ ރުހޭ، ހިތާވާ މީހަކާ އިންނަން. އެހެންވީމާ އަހަރެމެން އޭނާގެ ކާވެނީގެ ވާހަކަ ދައްކައި އިޝްތިހާރުކޮށް ނުހަދަނީ."

"ފަހަރި އަހަރެން ގާތު އެވާހަކަ ތިޔަ ބުނީ އަހަރެން އަކްބަރް ދެކެ ލޯބިވާން ފެށީމާ ދޯ ؟"

"ކާވެނީގެ ކުރީން ފީރޯޒާއަށް ހުރިހައި ވާހަކައެއް ކިޔައި ދޭނަމޭ އަކްބަރް އޮތީ ބުނެފައި. ތިޔަ ދެ ކުދިން އެކަކު އަނެކެއްގެ ސިއްރުތައް ދަނެގަނެ، އެކަކު އަނެކަކާ ރުހި ގަބޫލު ވީމާ މަންމަޔަށާއި ބައްޕައަށް އެކަން އަންގާނީ."

"ފަހަރީގެ ލޯބިވާ ކޮއްކޮ ގާތު ބުނޭ އަހަރެން ގަބޫލެއް ނޫނޭ. މީގެ ފަހުން ފޯނަކުންވެސް އޭނާގެ މަކަރުވެރި ވާހަކަތަކެއް އަޑެއް ނާހާނަން."

"ތިޔަ ވާހަކަ ފީރޯޒާ އަމިއްލައަށް އޭނާ ގާތު ބުނޭ."

"އޭނާޔާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން."

"ވާހަކަ ކުރިއަށް ގެންދިޔައީ ފީރޯޒާ. އަންހެނަކު ހިތްވަރު ނުދީފިއްޔާ ފިރިހެންމީހާ ފަހަތަށް ޖެހޭނެ. އިތުރަށް ކުރިއަށް ގެންދާކަށް ނުކެރޭނެ. އޭނާ ފަހަތަށް ޖެހިޔަ ނުދިނީ ފީރޯޒާ. އަބަދުވެސް ކުރިއަށް ދާނެ މަގު ދެއްކީ."

"އޭނާ އުޅެނީ އޭނާގެ އަސްލު ސިފަ ފޮރުވައިގެން ކަމެއް އަހަންނަކަށް ނޭނގޭ."

"އިނުމުގެ ކުރީން ފީރޯޒާ ގާތު ހުރިހައި ވާހަކައެއް އޭނާ ބުނެފި. އެއްވެސް ކަމެއް ސިއްރު ކޮށްފައި ނުބޭއްވީ އޭނާގެ ރަނގަޅު ކަމުން. އޭނާ މަކަރެއް ނުހަދާ. އެކަމަކުވެސް ފީރޯޒާ ތިޔަ ބަލަނީ އެއީ މަކަރުވެރިއެއް ކަމުގައި."

ސަލްމާގެ ވާހަކަތަކާއި ހުއްޖަތުގެ ސަބަބުން ފީރޯޒާގެ ދޫ ބަންދު ވެއްޖެއެވެ. އަކްބަރް ޢަލީ އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ގަބޫލު ކޮށްފިއެވެ. އަދި މަކަރެއްވެސް ނުހަދާ ކަމަށް ގަބޫލު ކޮށްފިއެވެ. މީހަކާ އިނދެގެން އުޅޭކަން ނާންގައި، އޭނާޔާ އިނުމަށް ފަހު އެކަން އެނގުނު ނަމަ އޮތީހީ މާ ބޮޑަށް ލަސް ވެފައެވެ. އަކްބަރް ޢަލީ އެހެން ހެދިނަމަ އޭނާއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ އެވެ.

އެއަށް ފަހު ފޯނުން ވާހަކަ ދައްކައި އަކްބަރް ޢަލީ ވެސް އޭނާ މައިތިރި ކޮށްފިއެވެ. އޭނާގެ ދިރިއުޅުމުގެ ހިތާވެރި ވާހަކަތައް ކިޔައި ދީގެން ފީރޯޒާ ރޮއްވައިފި އެވެ. އޭނާގެ ދެކެ ލޯބިވާ މީހަކު މި އުޑުހިޔާ ދަށަކު ނެތޭ، ޞަފޫރާއާ އިނީ މަޖުބޫރު ވެގެންނޭ ކިޔައި، އަސަރު ގަދަ ވާހަކަތައް ދައްކައިގެން ވަރަށް ރަނގަޅަށް ފީރޯޒާ ގޯނި ފުލަށް ލައިފި އެވެ.

ފީރޯޒާ ފޯނުން ވާހަކަ ދެއްކީ ހަރުކަށި ކަމާއި، މަލާމާތުގެ ރާގަކަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާގެ ހިތް އޮތީ މަޑު ކަފަކޮޅެއް ހެންނެވެ. އަކްބަރްގެ އަޑު އިވުނީމާވެސް އޭނާއަށް އާދަޔާ ޚިލާފު އަސަރެއް ކުރެއެވެ. މޫސުމް މުޅީން ބަދަލު ވެގެން ދެއެވެ. ޖަޒުބާތުގެ ހޫނު ވައި ރޯޅިތައް އަންނަ، ނާންނަ ތަނެއް ނޭނގި، ޖެހެން ފަށައެވެ. އަކްބަރް އެދެމުން ދިޔައީ ގެއިން ބޭރުގައި، ކޮންމެވެސް ތަނެއްގައި އޭނާޔާ ބައްދަލު ކުރާށެވެ. އެހެން ހަމަ ބުނުމާއެކު ފީރޯޒާ ފޯނު ބާއްވައިފިއެވެ. ދެވަނަ ފަހަރު އެހެން ބުނެފިއްޔާ، ޖަޒުބާތުގެ އޮއިވަރުގައި ޖެހި، އާނއެކޭ ބުނެވިދާނެތީއެވެ.

ލޯބީގައި ދީވާނާ ވީމާ އާނއެކޭ ބުނުން ނޫން ކަމެއް ނުކުރެވެއެވެ. ވިސްނައި ފިކުރު ކުރުމަށް ފަހު ޖަވާބެއް ދެވޭނީ ހަމަ ހޭގައި ހުރެގެން ނޫން ހެއްޔެވެ؟ ޖަވާބެއް ނުދީ ފޯނު ބޭއްވީ އެހެން ވެގެންނެވެ. މީހުންގެ ފިރިންނާ ހިތާވާ މީހުން ދެކެ އޭނާ ރުޅި އާދެއެވެ. އޭނާ ދެކެނީ އެއީ ގޮތެއް ފޮތެއް ނެތް ބައެއްގެ ގޮތުގައެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އައުމަކީ ހާދަހާވާ އުނދަގޫ ކަމެކެވެ. ޚުދު ތިމާގެ ގޮތެއް ފޮތެއް ނެތް ކަމަށް ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ ހިތާއި ސިކުނޑިއަށް ވެރި ވެގެންފައިވާ މީހަކު ނަގައި ބޭރަށް އެއްލައި ލެވޭނީ ކިހިނެއް ހެއްޔެވެ؟

އޭނާގެ ހިތަށް އެރިއެވެ. މިކަހަލަ ކަމެއް ކުރާ މީހަކަށް މި ދުނިޔޭގައި އުޅެނީ އަހަރެން އެކަންޏެއް ނޫނެވެ. އަހަރެން ކަހަލަ އެތައް ބަޔަކު މި ރަށުގައިވެސް އުޅޭނެއެވެ. ބާޒާރަށް ނުކުމެ ހިތް ގަނެ ވިއްކައި އުޅޭ މީހުންވެސް މަދެއް ނުވާނެއެވެ. އެހްވީމާ އަހަރެން މިކުރާ ކަމަކީ އެހައި ބޮޑު ކަމެއް ނޫނެވެ. އޭނާ ވިސްނަމުން ދިޔައެވެ. އޭނާޔާ ދިމާއަށް އަހަރެންގެ ހިތް ލެނބެމުން މިދަނީ ކީއް ވެގެން ހެއްޔެވެ؟ އޭނާގެ ކިބައިގައި ހުރީ ކޮން ކަހަލަ ދަމާ ބާރެއް ހެއްޔެވެ؟ މީހަކަށް، މީހަކު ރަނގަޅު ވާ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟ މީހަކު ފެނުނީމާ ފުރަތަމަ ކުރެވޭ އިޙްސާސަކީ ކޮބައި ހެއްޔެވެ؟ ފެނުމާއެކު އެންމެ ފުރަތަމަ ލޯތްބެއް ނުވެއެވެ. އެކަމަކު ކޮންމްވެސް ކަހަލަ ގޮތެއް ވެއެވެ. އޭގެ ފަހުން މަޑު މަޑުން އެމީހަކު ރަނގަޅު ވަމުން ގޮސް، ލޯބިވެސް ވަނީއެވެ.

ލޯބީގެ ކަންތަކުގައި ހިތަކީ ވަރަށް މޮޔަ އެއްޗެކެވެ. މީހެއްގެ ލޯ ރީތި ވެއްޖެއްޔާ، ލޮލާ ބެހޭ ގޮތުން ޅެން ހަދަން ފަށައެވެ. މީހެއްގެ ތުންފަތާއި، ކޮލުގެ ވާހަކަ ދައްކާފައި މާނޭވާ ލާން ފަށައެވެ. މީހެއްގެ އަޑުގެ ޖާދޫގައި ޖެހުނީމާ އެމީހެއްގެ އަތު ތެރެއަށް ހިތް އެކީގައި ދޫކޮށްލެވެއެވެ. ފީރޯޒާގެ ހިތުގެ އަޑިން އަޑެއް ނުކުތެވެ. "ތިޔައީ ވަރަށް ބޮޑު ތެދެކެވެ." އޭގެ ފަހުން އެއްވެސް އަޑެއް ނީވެއެވެ. އެކަމަކު ހަމަ އެކަނި އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލަ ގުގުމާލާ އެތައް އިރަކު ހުއްޓެވެ.

އޭނާގެ ޢާއިލާގައިވެސް ފިރިހެނުން މަދެއް ނޫނެވެ. ގާތް ތިމާގެ މީހުންގެ ތެރޭގައިވެސް ފިރިހެނުން ވަރަށް ގިނައެވެ. އެކަމަކު އެއިން އެކަކަށްވެސް އޭނާގެ ހިތާ ކުޅެލެވިފައެއް ނެތެވެ. އެއިން މީހެއްގެ އަޑަކުން އޭނާއަކަށް އަސަރެއް ނުކުރެއެވެ. ހުރިހައި އަޑެއްގެ މައްޗަށް އިވެނީ އަކްބަރް ޢަލީގެ އަސަރު ގަދަ އަޑެވެ. ސެކަންޑް ހޭންޑް މީހެއްގެ އުރަށް ވެއްޓިގަންނަން އޭނާ ތައްޔާރުވީ އެހެން ވެގެންނެވެ.

(ނުނިމޭ)