އޮސްޓްރޭލިއާއަށް ގެންދަން އުޅުނު އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ 250،000 ޑޯޒްގެ ޝިޕްމަންޓް، ޔޫރަޕިއަން ޔޫނިއަން ސަރަހައްދުން ބޭރުކުރުމަށް ހުރަސްއަޅައި ބްލޮކްކޮށްފިއެވެ.

މި ޝިޕްމަންޓް އޮސްޓްރޭލިއާއަށް ގެންދިއުމަށް ޔޫރަޕް ސަރަހައްދުން ބޭރުކުރުމަށް ހުރަސްއެޅީ ޔޫރަޕިއަން ޔޫނިއަނާއި އިޓަލީންނެވެ.

ވެކްސިން ޝިޕްމަންޓް ބްލޮކްކުރަން އިޓަލީން ނެރުނު އަމުރު ބަލައިގަނެ، އެ ޝިޕްމަންޓް ޔޫރަޕް ސަރަހައްދުން ބޭރުކުރަން ހުރަސްއެޅީ ޔޫޕިއަން ކޮމިޝަނުންނެވެ.

އޮސްޓްރޭލިއާއަށް ފޮނުވަން އުޅުނު ވެކްސިން ޝިޕްމަންޓް، އިޓަލީގެ އެދުމަށް ޔޫރަޕުން ބޭރުކުރުން ޔޫރަޕިއަން ކޮމިޝަނުން މަނާކޮށް ހުއްޓުވީ، ޔޫރަޕްގެ ގައުމުތަކަށް އެސްޓްރަޒެނެކޭއިން ދޭން އެއްބަސްވި ވެކްސިންގެ މިންވަރުން މިހާތަނަށް ފޯރުކޮށްދީފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށްވުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.

މިމައްސަލާގައި އީޔޫއާއި އެސްޓްރަޒެނެކާއާ ދެމެދު ކުރިންވެސް ބޮޑެތި އަރާރުންތައް ހިނގަމުން ގޮސްފައިވާއިރު، އޮސްޓްރޭލިއާއަށް ބޭރުކުރަން އުޅުނު ޝިޕްމަންޓް ހުއްޓުވީ، ބޭހާއި ވެކްސިން އުފައްދާ ބޮޑެތި ކުންފުނިތަކުން އީޔޫއާއެކުވާ އެއްބަސްވުންތަކަށް ކުންފުނިތަކުން އިހްތިރާމް ކުރާކަން ކަށަވަރުކުރުމަށް އީޔޫއިން އަލަށް އެކަށައެޅި އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމްގެ ދަށުންނެވެ.

އެގޮތުން، މިއީ މި ސިސްޓަމްގެ ދަށުން ވެކްސިން ޝިޕްމަންޓެއް އީޔޫއިން ހިފެހެއްޓި ފުރަތަމަ ފަހަރެވެ.

އީޔޫއިން ހިފެހެއްޓީ ނިސްބަތުން މަދު ވެކްސިން ޑޯޒްތަކެއްގެ ޝިޕްމަންޓެއް ނަމަވެސް، މިކަމުގެ ސަބަބުން 27 މެމްބަރު ގައުމު ހިމެނޭ އީޔޫ ސަރަހައްދުގައި ވެކްސިން ލިބުން މަދުވެގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ފުންމިން ހާމަވެގެން ހިނގައްޖެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޚާއްސަކޮށް އެސްޓްރަޒެނެކާއިން ފޯރުކޮށްދޭން ބުނި ވެކްސިންގެ ބޮޑުބައެއް މިހާތަނަށް ލިބިފައި ނުވާތީ، އުފެދިފައިވާ ކޯޅުންތައް ވަރަށް ސީރިއަސް ވެފައިވާކަންވެސް ހާމަވެގެން ހިނގައްޖެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި 80 މިލިއަން ޑޯޒްގެ ވެކްސިން އީޔޫއަށް ފޯރުކޮށްދޭން އެސްޓްރަޒެނެކާއިން އީޔޫއާއެކު އެއްބަސްވުމެއް ހަދާފައި ވެއެވެ. ނަމަވެސް، ބޭނުންވާ މިންވަރަށް ވެކްސިން ނުއުފެއްދޭ ކަމަށްބުނެ އެސްޓްރަޒެނެކާއިން މިހާތަނަށް އީޔޫއަށް ފޯރުކޮށްދީފައިވަނީ އެއްބަސްވެފައިވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެންވެސް މަދު މިންވަރެކެވެ.