ސަރުކާރު މުވައްޒަފުންނާއި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގައި ޖާސޫސީ އިދާރާތަކުން މައުލޫމާތު ހޯދައިގެން އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް މަގާމުގެ ކުރިއެރުން ނުދިނުމުން ޕާކިސްތާންގެ ފަނޑިޔާރުން އެކަމާ ދެކޮޅު ހަދައިފިއެވެ.

20 ވަނަ ދަރަޖައިގެ މުވައްޒަފަކަށް ޕްރޮމޯޝަން ދޭން ޖެހުމުން އޭނާއާ ދެކޮޅަށް އެއްކޮށްފައިޥާ ޖާސޫސީ މައުލޫމާތުން އޭނާގެ ނަޒާހަތްތެރިކަމާއި ހުނަރުވެރިކަމަށް ޝައްކު އުފައްދައިގެން މަގާމުގެ ކުރިއެރުން ނުދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އިސްލާމްއާބާދު ހައިކޯޓާއި ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ. އަދި ކޯޓުން ބުނެފައި ވަނީ މުވައްޒަފަށް މަގާމުގެ ކުރިއެރުން ނުދިނުމަށް ބިނާ ކުރާ ޖާސޫސީ މައުލޫމާތަކީ އެމައުލޫމާ މެދު އިއުތިރާޒް ކުރުމަށް މީހާއަށް ފުރުސަތު ދީފައި ނުވާ އަދި އޭނާއަށް ޕްރޮމޯޝަން ދޭ އިދާރާއަށް އެމައުލޫމާތު ފެނިފައި ނުވާ މައުލޫމާތު ކަމަށެވެ.

ދެ ކޯޓުންވެސް ވަނީ ޕާކިސްތާން ސަރުކާރަށް އެގޮތަށް އަމަލު ނުކުރުމަށް އަންގާފައެވެ.