މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލައްވައިފިއެވެ.

ފެބުރުއަރީ އެކެއްގައި މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށް، ނެރުއްވބަޔާނުގައި ވިދާޅުވެފައިވަނީ ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ދިވެހިސަރުކާރުން ކުށްވެރި ކުރައްވާ ކަމަށެވެ.

ބަޣާވާތަށް ފަހު އެ ޤައުމުގެ އަސްކަރިއްޔާއިން މިޔަންމާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވާ ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ. ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށް ވެސް ރާއްޖެއިން ވަނީ އެޤައުމުގެ އަސްކަރިއްޔާއަށް ގޮވާލައްވައިފައެވެ. އަދި އެޤައުމުގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ވެސް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައްވައިފައެވެ. އޭގެ އިތުރުން ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށް ވެސް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ވެސް ރާއްޖެއިން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.