އެއްބަސްވުމުގެ ގޮތުން ޔުއާނާ ބޯ ޖަހާލުމާއެކު އަޒިކިޔަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް މި ހުރިހާ އިރު އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު އަޒިކިޔަލް ތެދުވެ ވަށައިގެން ހޯދާލިއެވެ. ޖަނބުރޯލު ގަހުގެ ފަހަތުގައި ޖަހާފައިހުރި ވަށް ގޮނޑިތަކުން ގޮނޑިއެއް ހިފައިގެން އައިސް ޔުއާނާގެ ކުރިމަތީގައި އިށީނދެ ހަމަޖެހިލުމާއެކު އަޒިކިޔަލް ބުމަ އަރުވާލީ އެ ހުރިހާއިރު ވާނުވާ ނޭނގިފައި އިން ޔުއާނާއަށެވެ.
"ކިހިނެތްވެފަ ތީނީ؟" ލުއި ގޮތަކަށް ހީލި ޔުއާނާގެ ނޭފަތުގައި މަޑުމަޑުން ހިފާލަމުން އަޒިކިޔަލް އަހާލިއެވެ. ބޯ ހޫރާލުމާއެކު އިސްޖަހާލަމުން ޔުއާނާ އަމިއްލަ ނަފްސު ތައްޔާރުކޮށްލީ އޭނާގެ ހިތުގައި އުފެދިފައިވި ސުވާލުތައް އަޒިކިޔަލްއާއި ކުރުމަށެވެ. އެސްފިޔަ ޖަހާލުމާއެކު އޭނާ ދިން ނަޒަރުން އެކަނި ވެސް އަޒިކިޔަލްއަށް ދޭހަވެއްޖެއެވެ.
"އަނހާ... މިއަދު މިތަނުން ނުނިކުމެވޭނެ ނާހައެއް. ހިތުގައި އެއް ވެސް ވަހުމެއް އޮވެގެންނުވާނެ ގެއަށް ދާއިރު. އެހެންނޫނީ ދެން އޮތް ގޮތަކީ މިރޭ ނުނިދަ އަހަރެން ކައިރީ މިތާ އިނުން.... މާ ރަނގަޅު ދޯ އެ ގޮތް؟" އެއްމިޔަކަނުން ހިނިތުންވެލުމާއެކު އަޒިކިޔަލް އަހާލި ރާގުން ޔުއާނާއަށް ހެވިއްޖެއެވެ.
ޔުއާނާގެ ލުއި ހީލުމުގެ އަޑު ކެނޑުނުއިރު އަޒިކިޔަލްގެ މޫނުން ވެސް ފާޅުވަނީ ހިމޭންކަމެވެ." އައްކި... އައްކި އެންމެ ފުރަތަމަ އިންނަން ބޭނުންވީ އަޝްބާއާތަ؟" ޔުއާނާ އަހާލި ސުވާލުން އަޒިކިޔަލްއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ.
"ކީކޭ؟ ކާކު ދެއްކި ވާހަކައެއް؟ އޭނާއާ އިންނަން ބޭނުންވިނަމަ އަހަރެން އާނާ ކައިރީ އިންނާކަށް ނާހާނެއްނު." ދެ ބުމަ ކައިރިވުމާއެކު އަޒިކިޔަލްގެ ރާގުގައިވީ ފުންކަމެވެ.
އަޑުއަހަން އިން ޔުއާނާ ބޯ ޖަހާލީއެވެ. "އިނގޭޔޭ ތިކަން... އެކަމަކު އެ ދުވަހު އައްކި މަންމަ ދެއްކި ވާހަކަތައް... އައްކި ބޭނުންވިގޮތަށް އަޝްބާއާ އިނދެވުންނަމަ މާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެވުނީހޭ... އެ ދުވަހު އައްކި ވެސް ހުރީމެއްނޫންތަ؟ ކީއްވެ އެއްޗެކޭ ނުބުނެވުނީ؟" ވާހަކަދެއްކިއިރު ޔުއާނާގެ ލޯ ކުރިމަތީން ސިފަވެގެން ދިޔައީ އަޒިކިޔަލްގެ ގޭގައި އޭނާ ހުރި އެންމެ ފަހު ދުވަހެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އަޒިކިޔަލްގެ ހިޔަލުގައި، އަޒިކިޔަލް ދޭ ޔަގީންކަމުގައި ހިފަހައްޓައިގެން އަހަރެންނަށް ހުރެވިދާނެ... އެކަމަކު އަޒިކިޔަލްގެ ފަރާތުން އެދުވަހު ފެނުނު ހިމޭންކަން... އޭގެން އަހަރެން ނަގާނީ ކޮން މާނައެއް؟" ހަތަރުކަޅިހަމަނުކޮށް އިނދެ ޔުއާނާ ދެއްކި ވާހަކަތަކުން އަޒިކިޔަލްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެ ދުވަހު އޭނާއަށް ވެސް ހިލުނު މައްސަލަ ހައްލުކުރަން ނޫޅެވުނީއެވެ.
ޔުއާނާ އޭނާގެ މަންމަމެން ގެއަށް ދިޔަގޮތަށް އެނބުރި ނައުމުން ހޯދަން އަޒިކިޔަލް ނުދިޔައީ ޔުއާނާއަށް ވަގުތު ދިނުން މުހިންމު ކަމުގައި ވިސްނާފައެވެ. ނަމަވެސް ހިތުގެ ގޮވުމަށް އިޖާބަދީ އެ ވަގުތު ޔުއާނާ ހިފެހެއްޓުނުނަމަ ހާލަތު ބަދަލުވީހޭ އަޒިކިޔަލްގެ ހިތުގައިވިއެވެ.
ޔުއާނާގެ އިސްޖެހިފައިވާ މޫނަށް ފުން ނަޒަރަކުން ބަލާލަމުން އަޒިކިޔަލް އިހުނަށްވުރެ ޔުއާނާއާ ގާތަށް ޖެހިލުމަށް ގުދުވެލިއެވެ. މަޑުމަޑުން ދަތްދޮޅީގައި އިނގިލި ޖައްސާލުމާއެކު އެ މޫނު އުފުލާލައި ހަތަރުކަޅިހަމަކޮށްލަމުން އަޒިކިޔަލް ވާހަކަދައްކަން ފެށިއެވެ.
"އާނާ... ޤަބޫލުކުރޭ... ތި ނޫން އަންހެނެއް އަހަރެންގެ ހަޔާތަށް ބޭނުމެއްނުވޭ. އަދި ތި ނޫން އަންހެނަކަށް އަހަރެންގެ ހަޔާތުން ދުވަހެއްގެ ކޮޅުން ވެސް ޖާގައެއްނެތް." އަޒިކިޔަލްގެ ކަޅުކަންގަދަ ދެ ލޮލުގައިވި ޖާދުލުން ޔުއާނާގެ ބަސް ހުއްޓޭގޮތްވިއެވެ.
"އާނ ގަބޫލުކުރަން... އެ ދުވަހު ހަގީގަތުގައި މަންމަ ދެއްކި ވާހަކަތަކަށް ހަނުހުރުން އެއީ އަހަންނަށް ހެދުނު ގޯހެއް. އެދުވަހު އަހަންނަށް އިވުނު ވާހަކަތަކަކުން މުޅި ދުވަސް ޚަރާބުވެފަ ހުއްޓަ އެކަހަލަ ބަސްތަކެއް އިވުނީމަ ކަންތައް ކުރަންވީ ގޮތް އެންމެ ރަނގަޅަށް ނުވިސްނުނީ. މިހެން މިބުނަނީ އެއްގޮތަކަށް ވެސް ކުށް ގަބޫލުނުކުރާކަށްނޫން. އެއީ އަހަންނަށް ވެވުނު އިހުމާލެއް" އާހުގެ އަޑާއެކު އަޒިކިޔަލްގެ ދެ ލޮލުން އެކަމުގެ ގިލަންވެރިކަން ފާޅުވާން ހުއްޓެވެ.
"އެންމެ ފަހުން ވެސް... އެހެން އަންހެނަކާއެކު އަހަރެންގެ އަނބިމީހާއަށް ޝައްކެއް ވާގޮތަށް ފެނިގެން ނުވާނެ. އެކަމަކު އާނާ..." ހަތަރުކަޅި ހަމަކޮށްގެން ހުރެ އަޒިކިޔަލް އޭނާގެ އުނގުގައިވި ޔުއާނާގެ މަޑު ދެ އަތްތިލައަށް ފިތާލިއެވެ.
"އެ ދުވަހު އަހަރެން އޮފީހަކަށް ނުދަން. ސައިބޮއެގެން ކަބަޑުމަތީން މާމުތުގެ ބަދަލުގައި ބަލައިނުލައި ބޮވުން އެއްޗަކުންހެން ހީވަނީ. ބޮލަށް ގޮތެއްވެފަ ދެން ވާންފެށި ގޮތްގޮތުން ޖައްސާލީ. އެއްގޮތަކަށް ވެސް އަޝްބާ ވަނީ ކިހިނެތް ކަމެއް ވެސް ނޭނގެ. ދެ ލޯ ހުޅުވާލެވުންއިރު ވާނެ އެއްޗެއް ވެ ނިމިއްޖެ." އަޒިކިޔަލް ވާހަކަ ކުރިޔަށް ގެންދިޔަ ވަރަކަށް ޔުއާނާގެ ދެ ލޯ ބޮޑުވެ އަނގަ ހުޅުވިއްޖެއެވެ.
"އަމިއްލަޔަށް ވަސް ޖެހިފަ ވެސް ނޭނގުންތަ މާމުތް ނޫންކަމެއް؟ އެހެންވެ ދޯ އޭގެ ފަހުން އެހާ ގަދަޔަށް ހުން އައީ. އަޒިކިޔަލް... އެއީ މަންމަ ހަދާފަހުރި ބޭހެއް ފާޑު އެއްޗެއް. އަހަރެން ހަނދާންކޮށް އެ ބިތްދޮށަށް ލައިފަ ހުންނާނީ. އެކަމަކު އައްކި ކައިރި ބުނަން ހަނދާން ނެތުނީ އެއަށް ރާހުތް އަޅާފަ ހުރި ވާހަކަ." ދެއްކި ވާހަކަތަކު ތެރެއިން ޔުއާނާއަށް ސަމާލުކަން ދެވުނީ އެ ބަޔަށެވެ.
ޔުއާނާގެ ކަންބޮޑުވުން ފެނި އަޒިކިޔަލްއަށް ހިތަށް ފިނިކަމެއް ލިބުނެވެ. " އެއީ މާ ބޮޑު ކަމެއް ނޫނެއްނު." އިސްޖަހާލުމާއެކު ހިނިތުންވުން ފޮރުވަމުން އަޒިކިޔަލް ބުނެލިއެވެ.
"އެވަރުކަމެއްނޫން. އެއަށް އެލާޖިކުވެގެން އަޒިކިޔަލްއަށް ވާވަރު އަހަރެން ކިޔައިދޭކަށް ނުޖެހޭނެ ކަންނޭނގެ" ދެ ބުމަ ގޮށްޖަހާލަމުން ޔުއާނާ ބުނެލިގޮތުން އަޒިކިޔަލް ބަލަހައްޓައިގެން އިނީއެވެ.
ކަޅިޖަހައިނުލައި އަޒިކިޔަލް ބަލަންއިންގޮތްފެނި ޔުއާނާ ރަކިވެއްޖެއެވެ. އަޒިކިޔަލްގެ ލޮލުގައި އަތް އެޅުމާއެކު ޔުއާނާ ގުދުވެލައި އެ ފުޅާ ކޮނޑުމަތީ އޮށޯއޮތީއެވެ.
"ހެހެހެެ... މިހާރު މުޅީން ރުހުނީތަ؟ އިތުރު ސުވާލެއް ކުރަން ބޭނުމެއްނޫން؟" ޔުއާނާގެ ބޮލުގައި ފިރުމާލުމާއެކު އަޒިކިޔަލް އަހާލީ މަޑު ހުނުމެއް ހެމުންނެވެ.
މަޑުމަޑު ހޫމްއެއް ލައްވާލުމާއެކު ޔުއާނާ އިހުނަށްވުރެ ހަމަޖެހިލީއެވެ. "އާނާގެ މަންމަ މިހާރު ނުރުހިދާނެ ކަންނޭނގެ ދޯ؟" ހިމޭންކަމުގެ ތެރެއިން ޔުއާނާގެ ގައިގައި ހިފަހައްޓައިގެން އިނުމަށްފަހު އަޒިކިޔަލް އަހާލިއެވެ. އެއާއެކު ދުރަށްޖެހިލާ ޔުއާނާ ބަލާލީ ހައިރާންވެ އިނދެއެވެ.
"އެއީ ކިހިނެތްވީ؟" ދެ ލޮލަށް ގޮތެއް ހަދާލަމުން ޔުއާނާ ބުނެލީ ސިޓިންރޫމުގައި މަންމައާއެކު އަޝަލް އިން ހަނދާންވެފައެވެ.
ޔުއާނާގެ މޫނުމަތީން ހިތްހަމަނުޖެހުމެއްގެ އަސަރު ފެނުންހެން ހީވެ އަޒިކިޔަލް ބޭނުންވީ މާހައުުލުގައި ހިފާފައިވި ފިނިކަން ކަނޑުވާލާށެވެ.
"އާނާގެ ފިރިމީހާ ސިއްރުން އާނާ ވަގަށް ނަގަން ޖެހެނީ. އެކަމަކު ބައެއް މީހުންނަށް މައިދޮރުން ވަދެގެން ގޮސް އެޕޮއިންޓްމެންޓަކާ ނުލައި އާނާއާ ބައްދަލުކުރެވޭ." އެއްފަރާތަކަށް މޫނު ލައިގެން އިނދެ ހިތްހަމަނުޖެހުމުގެ އަސަރު މޫނުމައްޗަށް ވެރިކުރުވަމުން އަޒިކިޔަލް ބުނެލިއެވެ.
އަޒިކިޔަލް ލޮލަށް ހަދާލިގޮތް މަޖާވެ ޔުއާނާއަށް ހެވުނީއެވެ. "ތިގޮތަށް ހެންޏާ ގޮތެއް ހަދާލަން ޖެހިދާނެ އިނގޭ. ހަނދުވަރު ވެސް ނެތް ރެޔެއް. މީހުން ނޫޅޭ ދިމާލެއްގަ އެކަނި ތީނީ. އާނާއަށް ކޮންމެ ގޮތެއް ހެދިޔަސް އިނގޭނެ މީހެއް ނުހުންނާނެ" ލޯ ހަނިކޮށްލަމުން އަޒިކިޔަލް އަޑަށް ވެރިކުރުވި ނުރައްކާތެރިކަމުން ޔުއާނާގެ ގައިން ހީބިހި ނެގިއެވެ. ބިރުގެ އަސަރެއް ހިތަށް ވެރި ނުވި ނަމަވެސް އޭނާގެ ހިތުގެ ހިމަ ނާރާ އެ ލަފުޒުތައް ކުޅެލައިފިއެވެ.
"އަޒިކިޔަލް..." އަޒިކިޔަލްގެ ލާނެތް ހިނިތުންވުން ފެނި މޭގައި އަޅާ ކޮށްޕާލަމުން ޔުއާނާ ގޮވާލިއެވެ. ކިރިޔާ ގޮނޑީގެ ކޮޅުގައި ފޫ ޖައްސައިގެން އިން އަޒިކިޔަލް އަރިއަޅާލައި ވެއްޓުނީއެވެ. އަތުގައި ހިފައިގެން އިނުމުން ޔުއާނާ ވެސް އަޒިކިޔަލްއާއެކު ދޮން ފަސްގަނޑުމައްޗަށް ވެއްޓިއްޖެއެވެ.
އަޒިކިޔަލްގެ ގައިމަތީގައި ޔުއާނާ ގޮސް ޖެހުމާއެކު އޭނާއަށް ކަރުތެރެއިން އަޑެއް ލައްވާލެވުނެވެ. އަވަސްއަވަހަށް ބޯ ހިއްލާލުމާއެކު ޔުއާނާ އެއްފަރާތަކަށް ފުރޮޅިލީއެވެ. ޖެހިޖެހިިގެން ފަސްގަނޑުމަތީ ދެ މީހުން ހަމަޖެހުމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. މަޑުމަޑުން އަތް ހިއްލާލުމާއެކު ޔުއާނާ އަޒިކިޔަލްގެ ފިރިހެންވަންތަ މޫނުގައި ފިރުމާލިއެވެ. އަނދިރިކަމުގެ ތެރޭގައި ދެމީހުން ތިބިއިރު ވަށައިގެންވީ މާހައުލުގެ ނާމާންކަން އިހްސާސް ނުވާފަދައެވެ.
ދިރިއުޅުމުގައި ކޮންމެ ނުރައްކަލަކާ ކުރިމަތިލާންޖެހުނަސް އަޒިކިޔަލްގެ ހިޔަލުގައި ވީހާ ހިނދަކު އޭނާގެ ހިތް ވާނީ ރައްކާތެރިކަމުގައޭ ޔުއާނާގެ ހިތަށް އެރިއެވެ. "ބަލާބަ އައްކި އުޑުމައްޗަށް. ހަނދު ނެތަސް ތަރިތައް ހާދަ ގިނައޭ މިރޭ. އަދި އެހާ އަލިގަދަ" އިރުކޮޅަކު އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލި ތިބުމަށްފަހު ޔުއާނާ ވާހަކަދެއްކީ ހަށިގަނޑު ސީދާކުރަމުންނެވެ.
ޔުއާނާގެ އަތްތިލަ ނަގާ ތުންފަތުގައި ޖައްސާލަމުން އަޒިކިޔަލް އާނއެކޭ ބުނިއިރު ހިނދުކޮޅަކަށް ވެސް އެ ނަޒަރު ޔުއާނާގެ މޫނުން ނުނެއްޓެއެވެ. އަބަދަށް އެ ސޫރަ ދެ ލޮލުގައި ރައްކާކުރަން އުޅޭ ފަދައެވެ.
މާޒީގެ ހަނދާން އާ ކުރުމުގައި ވަގުތު ދާގޮތާމެދު ހޭވެރިކަމެއް ނުވެ ތިބީ ޔުއާނާގެ ދެމަފިރިން އެކަންޏެއް ނޫނެވެ. އަޒިކިޔަލްމެންގެ ގޭގެ ބިއްދޮށުފަޅީގައި ޖަހާފައިހުރި ހަޓުތަކުން ހަޓެއްގައި އަޔާޝްއާއި އާޒިފާ ތިބިއިރު ދެމެދުގައި ލެވިފައިވި ހިމޭންކަމުގެ ފާރު ފުންވެފައި ބޮލެވެ. އިރުކޮޅަކު ހުސްކަމަށް ގެއްލި އިނުމަށްފަހު އާޒިފާ ތެދުވީއެވެ.
"އަހަރެން މި އައީ މަޢާފަށް އެދެން..." އިސްޖަހައިގެން އިނދެ އަޔާޝް ބުނެ ލި ލަފުޒުތައް އާޒިފާގެ ފައިގައި ތަޅުއެޅުވި ފަދައެވެ.
"އަޔާޝް ތި އައީ މާޒީގެ ވާހަކަ ދައްކަން ކަމުގައި ވާނަމަ އެ ދުވަސް ފިރާލާ ހިނގައްޖެ. މިއީ އަހަރެމެންގެ ޒުވާން ދުވަސްވަރެއްނޫން. އެ ދުވަސްތައް ވީ އަތް ނުފޯރާ ހިސާބު ދުރުގަ..." ހިމޭންކަމާއެކު އާޒިފާ ދެއްކި ވާހަކަތަކުން އަޔާޝްއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
"ޔަގީންތަ އެ ދުވަސްތައް ވީ އަތްނުފޯރާ ހިސާބު ދުރުގަކަން؟ އެހެންނަމަ އޭގެ އަސަރު މިއަދާ ހަމައަށް ނުފޯރީސް. ޔަގީނުން ވެސް އެ ދުވަސްތަކުގެ ކޫރުން އާޒިފާގެ ހިތުން ނުފިލާކަން އެނގެނީ. އެހެންވެ އަހަރެން މި އައީ މައާފަށް އެދެން..." އަޔާޝްގެ ބަރު އަޑުން ދެއްކި ވާހަކަތައް އިވި އާޒިފާގެ ދެ ލޯ ވިދާލީ ވޭނުންނެވެ.
މެދު އުމުރުގެ ދުވަސްތައް ގުނަމުން ދިޔަކަމުގައި ވިޔަސް އަޔާޝްގެ މޫނުމަތި އަދި ވެސް ތާޒާއެވެ. ހަތަރެސްކަން މޫނުގެ ބައްޓަމާއި ހެޔޮވަރުވަރަކަށްހުރި ތުނބުޅީން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އާޒިފާ ބޭނުންވީ އެ ވަގުތު އެ ތަނުން ދާށެވެ. މާޒީގެ ދުވަސްތަކުގެ ވާހަކަ ދައްކައިގެން ތޫފާނެއް އުފެދިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އުފެދެނީއެވެ.
އާޒިފާގެ ހިތުގެ އަޑާއި މޫސުން ވެސް ގުޅިލާމެހުނު ފަދައެވެ. ބަނަކަން އުޑުމައްޗަށް ވެރިވެ ބޯކޮށް ވާރޭ އޮށްސާލައިފިއެވެ. އެވަގުތު އަޔާޝްގެ މޫނަށް ވެރިވީ އުނދަގޫކަމުގެ އިހްސާސެކެވެ. ވާރެއިން އޭނާގެ ހިތުގައި ހައިޖާނެއް އުފެއްދި ފަދައެވެ.
ބޮޑުތިކި ވާރޭ އޮށްސާލުމާއެކު ޔުއާނާގެ އަތުގައި ހިފައިގެން އަޒިކިޔަލް ދުއްވައިގަތީ ދުރުގައި ހިޔާކޮށްފައިހުރި ސްޓޭޖްކޮޅަށް އެރުމަށެވެ. ހިޔާ ލިބުންއިރު ދެމީހުން ވެސް ނުހަނު ބޮޑަށް ތެމިއްޖެއެވެ. ފިނިވެގެން ޔުއާނާއަށް ދެއަތްދެއަތާއި ކާއްތާލަމުން ވަށައިގެން ނަޒަރު ހިންގާލެވުނީ ކަންބޮޑުވެ ހުރެއެވެ.
"ހާސްނުވޭ... ކޮންމެހެން ހަދާފަ ވެސް އާނާ ގެއަށް ލައިދޭނަމޭ" ބޯ އަރިކޮށްލައި ޔުއާނާގެ މޫނަށް ބަލާލަމުން އަޒިކިޔަލް ބުނެލީ ޔަގީންކަމާއެކުއެވެ. ޔުއާނާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އަޒިކިޔަލް ވާރޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.
"އެހެންޏާ ވާރޭ ފެނުނީމަ މާބޮޑު އެއްޗެއް އަހަރެންގެ ހިތަކަށް ނާރަ. އެކަމަކު މިހާރު ތަފާތު..." ވާރެއިން ފޯވަމުންދިޔަ ބިންގަނޑަށް ބަލަހައްޓައިގެންހުރެ އަޒިކިޔަލް ވާހަކަދައްކަންފެށިއެވެ. ބުމަ އަރުވާލުމާއެކު ޔުއާނާ އަޒިކިޔަލްގެ މޫނަށް އިސްއުފުލާ ބަލާލިއެވެ.
"މިހާރު ހަނދާންވަނީ އާނާ އަހަންނަށް ފަސްއަހަރު ދުވަހަށް ގެއްލުނު ހަނދާން... އެހާ ވިއްސާރަ ދުވަސްވަރެއް... ވައި އެހާ ގަދަ... އާނާ ފުރާ ވާހަކަ މެސެޖްކުރިއިރު ގަޑިއެއް ނުބުނެ... އެ ދުވަހު ވެހުނު ވާރޭގައި ކުރި ދިގު ދަތުރަށްފަހު ވެސް އާނާ އަތުވާގޮތްނުވީ... އެ ދުވަހު ހިތަށް ވެރިވި އެކަނިވެރިކަން އެހެން އެއްވެސް ދުވަހަކު އިހްސާސެއް ނުކުރަން..... އާނާ" ގަޔާ ޔުއާނާ ދުރުކޮށްލަމުން އަޒިކިޔަލް އޭނާއާއި ޔުއާނާ ކުރިމަތިކުރުވިއެވެ.
"ފަސް އަހަރު ދުވަހަކީ ވަރަށް ގިނަ ދުވަސް... އަހަރެމެންގެ ދިރިއުޅުމުން އެހާ ގިނަ ދުވަސް ދުރުގައި ކަޑައްތު ކުރެވިއްޖެ... މީގެ ފަސް އަހަރު ކުރިޔާ މިއަދާއި އަޅާކިޔާނަމަ އަހަރެންގެ ހިތުގައި ޔުއާނާއާމެދު ވާ އިހްސާސަކަށް ބަދަލެއް ނާދޭ..." އަތް އުފުލާލައި ޔުއާނާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އަޒިކިޔަލް ވާހަކަ މަޑުޖައްސާލިއެވެ. އޭރު ގަދަވެފައިވި ވައިރޯޅިތައް ވެސް މަޑު ރާގަކަށް ބަދަލުވެއްޖެއެވެ.
ބޮޑުވައި އިނގިލިން ޔުއާނާގެ ކޮލުގައި ފިރުމާލުމާއެކު އަޒިކިޔަލްގެ ދެ ލޮލުން އެތައް ވާހަކައެއް ކިޔައިދިން ފަދައެވެ. "އަހަރެން އާނާދެކެ ވަރަށް ލޯބިވޭ... އޭރު ވެސް... މިހާރު ވެސް މި ހިތުގައި ވާ ލޯތްބަކަށް ބަދަލެއް ނާދޭ..." އަޒިކިޔަލްގެ ހިތުން ހީވީ ބޮޑު ބަރެއް ނެގުން ހެންނެވެ. އޭނާ އެ ލަފުޒުތައް ބޭރުކުރަން އުޅޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. ވަގުތާއި ހާލަތު އެކަމަށް ތަން ނުދެނީއެވެ.
"އަހަރެން ވެެސް..." އެ ޖުމްލަތައް އިވި ހިތް ބެހިގެންދިޔަ ހިނދުކޮޅަކަށްފަހު ޔުއާނާގެ ދުލުން ވެސް ނިކުތެވެ. އެއާއެކު އަޒިކިޔަލް އޭނާގެ ދެ އަތުން ޔުއާނާގެ މަޑު ކޮލުގައި ހިފާލިއެވެ.
"އަހަރެން ވެސް ކޯއްޗެކޭ؟ ޖުމްލަ ފުރިހަމައެއް ނުވޭ..." ލޯ ހަނިކޮށްލުމާއެކު އަޒިކިޔަލް ބުނެލައިފިއެވެ.
"އަހަރެން ވެސް... ވަރަށް ލޯބިވޭ" އަޒިކިޔަލްގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޔުއާނާ ބުނެލީ ކަންފަތުގައި ހިފާލާފައެވެ.
"އެއީ ނީވުނީމަ ދިން އަދަބެއް" ހުދުހުދު ދަތްތައް ދައްކާލައި ހީލަމުން ޔުއާނާ ބުނެލީ ސަމާސާ ރާގަކަށެވެ. އެއާއެކު ފަޒާގެ ތެރެއަށް ފޭދިގެންދިޔައީ ދެމީހުންގެ ލުއި ހުނުމުގެ އަޑެވެ.
ވާހަކަ ނިމުނީތަ???????????? ހާދަ އެހެން ކަހަލަ ގޮތަކަށް... ވާހަކަ ނުނިމެންޔާ ދެން އިން ބައި އަވަހަށް ގެނެސްދެއްޗޭ... ހަފްތާއަކު 2 އެޕިސޯޑް ކިޔާލަން ލިބޭނެ ނަމަ... ހާދަ ލަހުންނޭ ދެން އިންނަ ބައި އަޕް ވަނީ