ކުއްލި ޙަމަލާ – 5
“ނަޞީރުއްދީން. މިހާރު ހުރިހައި ކަމެއް އޮޅުން ފިލައިފިތަ؟” އޭނާ ސިޓީ ކިޔައި ނިމުނީމާ އަހަރެން ބިރުން ހުރެ އަހައިލީމެވެ.
ޖަވާބުގައި އޭނާ ކަަކައަޅާފައި ހީނގަތެވެ. “ކަލެއަކީ ހާދަހާ ވަރުގަދަަ މީހެކޭ. އަހަރެން ހަމަ ހައިރާން ވެއްޖެ. މި މަންޖެވެސް ވަކި ސަހަލެއް ނޫން.”
ޝަބްނަމްއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަ އަހަންނަކަށް ރަނގަޅެއް ނުވިއެވެ. އެކަމަަކު ކުރާނީ ކީއް ހެއްޔެވެ؟ މި ވަގުތު އަހަރެމެން މިތިބީ އޭނާގެ އެހީއަށް ބޭނުން ވެފައެވެ.
“ނަޞީރުއްދީން. އަހަރެމެން ގެއަކަށް ނުވައްދާނަންތަ؟”
“ނޫނޭ… ނޫނޭ… ކަލޭމެންނަކީ އަހަރެންގެ މެހުމާނުންނެއްނު؟ މަޑުކޮށްލާ. އަންހެނުން ބުރުގާ އަޅަން ބުނެލާނަން.” މިހެން ބުނެފައި އެތެރެއަށް ވަން ވަރަށްވުރެ އަވަހަށް ނުކުމެއްޖެއެވެ. “ވަދޭ.”
އަހަރެމެން ދެމީހުން އެތެރެއަށް ވަދެއްޖައީމެވެ. އެތެރެއިން އެ ދުވި ނުބައި ވަހަކުން ގޮހޮރާއެކީ ހޮޑަށް ނުލެވުނީ ހަމަ ކިރިޔާއެވެ. އެކަމަކު އެއީވެސް ދެއްކޭން އޮތް ވާހަކައެއް ނޫން ވީމާ އަޅާނުލީއެވެ. ނަޞީރުއްދީންގެ މިޒާޖު ފުރަތަމަ ސިކުންތުގައި އެނގި ދަސް ވެއްޖެއެވެ. އޭނާ ރުޅި އަންނާނީ ކޮން އިރަކުން ކަމެއް ލަފާކޮށްލާކަށްވެސް ނޭނގެއެވެ.
އޭނާ އަހަރެމެން ގެންގޮސް ކޮޓަރިއަކަށް ވައްދައިފިއެވެ. “ކާނަންތަ؟” ހާންތި ވެފައި ހުރި ކަމުގައި ވިޔަސް އޭނާ ސުވާލު ކުރި ގޮތުން އާނއެކޭ ބުނާކަށް އަހަންނަކަށް ނުކެރުނުވެ. އެކަމަކު ޝަބްނަަމަކަށް ކެތެއް ނުކުރެވުނެވެ.
“އާނ. ކާނަން… ނުކާންވީ ކީއްވެގެން؟” ޝަބްނަމް އަވަސްއަވަހަށް ބުނެލިއެވެ.
“ވަރަށް ދޫ ހަލުވި މަންޖެއެއް ދޯ؟ ދޭ… އަހަރެންގެ އަންހެނުންނާ އެކީ ކައްކަން ދޭ…” ނަޞީރުއްދީންގެ އަޑުގައި ހަރުކަށިކަން ހުއްޓެވެ. އެކަމަކުވެސް ކުރާނީ ކީއް ހެއްޔެވެ؟ އަމިއްލައަށް ތެދުވެގެން ގޮސް ފެން ތަށްޓެއްވެސް ނުބޯ ޝަބްނަމް ތެދުވެގެން ހިނގައްޖެއެވެ.
“ބޮޑު އުނދަގުލެއް. މި ޖެހުނީ ކޮންފަދަ ބޮޑު މުސީބާތަކާ…” ކާ އެއްޗެހި ހިފައިގެން އަންނަމުން ޝަބްނަމް ކުދި ކިޔަމުން ދިޔައެވެ. “ޣަރީބުއްދީން. އަހަންނަކަށް މި ގެޔަކު ނުހުރެވޭނެ.”
“އަހަރެންވެސް މިހިރީއަކީ ހުންނަ ހިތަކުންނެއް ނޫން.” އަހަރެން ވަރަށް ދެރަ ވެފައި ބުނީމެވެ.
“އެހެން ވެއްޖެއްޔާ އެހެން ތަނަކަށް ހިނގާ.”
“ދާނެ އެހެން ތަނެއް ހުރި ނަމަ މި ތަނަށް އަހަރެން އަންނާނަންތަ؟ ދެ ދުވަހަކަށް ކެތް ކޮށްލާ. ކާާވެނި ކޮށްލެވުނީމާ މޭ ފުއްޕާލާފައި ދުނިޔެއާ ކުރިމަތިލާން ނުކުންނާނީ. އޭރުން އެކަކަށް އެއް ކަމެއްވެސް ނުކުރެވޭނެ.”
“އެހެންތަ؟ ކާވެނި ކުރެވުނީމާ ބައްޕަ ކަލެއަށް ދެވަރުން އެއްވަރު ކޮށް ނުލާނެހެން ހީވަނީތަ؟”
“ކިތަންމެ ވަރެއް ކުރިޔަސް ކާވެނި ނުއެއް ރޫޅޭނެ. އޭނާގެ މޮޔަ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ.
ކައި ނިމުމާ އެކީ ނަޞީރުއްދީން އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. ޝަބްނަމް ފޮނުވައިލީ އޭނާގެ އަންހެނުންގެ ގާތަށެވެ. ކަން އޮތް ގޮތަށް ބަލާފައި އަހަރެން ދެކޮޅެއް ނުހަދަމެވެ. ކާވެނީގެ ވާހަކަ ހަމަ އެ ވަގުތު ދައްކަން އަހަރެން ބޭނުން ވިއެވެ. އެކަމަކު ނަޞީރުއްދީންގެ ވާހަކަ ގިނަ ކަމުން ފުރުސަތެއް ނުލިބުނެވެ. އަނެއްކޮޅުން އަހަރެން ހުރީ ބިރުންނެވެ. އެހެންވީމާ އެ ވާހަކަ އިހަށް ބޭއްވީއެވެ. ނަޞީރުއްދީން ނިދީ އަހަރެންގެ ކައިރީގައެވެ. އޭނާގެ ނިދުމަކީވެސް ވަރުގަދަ އަޖައިބެކެވެ. އޭނާގެ ދަތް ކާރުވާ އަޑު އެތައް ހިސާބަކަށް އިވޭނެކަން ގައިމެވެ. އިރުއިރުކޮޅާ އަތްފައި ހޫރުވައިގަންނަ ގޮތަކުން ސަލާމަތުން އޮވެވެނީ ކިރިޔާއެވެ. ގުގުރި ދަމާ އަޑު ދަށް އުޑުން ޖަހާ ހޮނު ގުގުރިއެކޭ އެއްވަރެވެ. އެ ރޭ އަހަންނަކަށް ލޮލު ފިޔައެއް ޖަަހައިލެވޭ ވަރެއް ނުވިއެވެ.
ހެނދުނު ތެދުވުމާއެކު ކާވެނީގެ ވާހަކަ ދައްކަން އަހަރެން އޮތީ ގަސްތު ކޮށްގެންނެވެ. ކާާވެނި ކުފެވުމާއެކު އަހަރެމެން އެގެއިން ނުކުމެގެން ދާނީއެވެ. އެކަމަކު އިރުއެރިތަނާ އެހެން މުސީބާތެއް ލައިގެންފިއެވެ. ނަޞީރުއްދީން ހަޅޭއް ލަވަނީ ތަންގަނޑު މީހުންނަށްވެސް އިވޭ ވަރަށެވެ.
“ތެދުވޭ… ގޮތްކުޑަ… ހަމަ މިހާރު މި ގެއިން ނުކުމެގެން ރައްކާވޭ. ކަލޭ ތިޔަ އައީ އަހަރެމެންގެ ބޯ ދަންޖައްސާ މަޅިގަނޑަކަށް މަހާފައި…”
އަހަރެން ތެދުވެއްޖައީމެވެ. “އެރި އިރާއެކު މޮޔަވީތަ؟ ކިހިނެއްވީ؟”
“މޮޔަވީ ކާކުތޯ ނިކަން ބަލާލަބަލަ.” އޭނާ އަހރެންގެ އަތަށް ދިއްކޮށްލީ ނޫހެކެވެ. ނޫސް ފެނުނީމާ އަހަރެންގެ މޫނުމަތީގައި ކޮކާ ބުރަން ފަށައިފިއެވެ. ފުރަތަމަ ސަފުހާގެ ތިރީގެ ގޮޅިއެއްގައި އަހަރެންގެ ފޮޓޯ ޖަހާފައި ހުއްޓެވެ. ފޮޓޯގެ ތިރީގައި އަހަރެންގެ ނަންވެސް އޮތެވެ. އޭގައި ލިޔެފައި އޮތް ގޮތުގައި އަހަރެން ވަނީ ޕްރޮފެސަރު ޢަލީ ޤުލީ ޚާންގެ ގެއިން އަގު ބޮޑު އެއްޗެއް ވަގަށް ނަގައިގެން ފިލައިފައެވެ. އެދިފައި އޮތީ އެ އެއްޗެއް ވަގުތުން ގެނެސް ދޭށެވެ. ޝަބްނަމާ ބެހޭ އެއްވެސް ވާހަކައެއް ނޫހަކު ނެތެވެ.
“ތިޔައީ ކޮން ވާހަކައެއް؟ ކޮން އެއްޗެއް ވަގަށް ނެގީ. ގެނައި ސާމާނު ކޮބާ؟ އަވަހަށް ދައްކާ. ގެނައި އެއްޗެއް ހަމަޔަށް ދެބަޔަށް ބަހާނީ. އެހެން ނޫނީ ރައްކާވޭ.” ނަޞީރުއްދީން ހުރީ ރުޅި އައިސް ރަތް ވެފައެވެ.
އަހަރެން އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ. ވިސްނުމުގެ ގާބިލުކަން ނެތިއްޖެ ކަހަލައެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ ސިކުނޑީގެ ދޮރުތައް ހުޅުވޭން ފަށައިފިއެވެ. އޭރުވެސް ބުޅަލެއް ތެތް މަސްގަނޑަކަށް ބަލާހެން ނަޞީރުއްދީން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކަލޭ ވަގަށް ނެގި މުދާގަނޑު ކޮބައިހޭ؟” އޭނާ އަނެއްކާވެސް ހަޅޭއް ލަވައިގަތެވެ.
“އެއީ ދެބައި ކުރެވޭ ކަހަލަ މުދަލެއް ނޫން.” އަހަރެން މަޑުމަޑުން ބުނެލީމެވެ. “އެ މުދަލަކީ މި އަންހެން ކުއްޖާ.”
“ދޮގު ނުހަދާ. ކަލޭ ކޮންމެވެސް އެއްޗެއް ވަގަށް ނެގިކަން ޔަގީން.”
“ނޫނޭ. އެކައްޗެއްވެސް ނުނަގަން. ގަބޫލު ކުރޭ.” އަހަރެން ދެއްކި އެއްވެސް ވާހަކައެއް ނަޞީރުއްދީން ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން އަހަރެންގެ ހިމާޔަތުގައި ވާހަކަ ދެއްކީ ޝަބްނަމެވެ. އޭނާ ބުނެލުމާއެކު ނަޞީރުއްދީން ގަބޫލު ކޮށްފިއެވެ. އަންހެނަކު ވާހަކައެއް ބުނެލުމާއެކު އިތުބާރު ކުރުމަކީ ފިރިހެނުންގެ އާދައެކެވެ.
“އެހެން ވެއްޖެއްޔާ ނޫހުގައި ލިޔެފައި މިއޮތީ ކޮން ވާހަކައެއް؟” އޭނާގެ ބަހުސު ހުއްޓޭ ގޮތެއް ނުވިއެވެ.
“ނަޞީރުއްދީން. ކަލެއަކީ މޮޔައެއްތަ؟ ޣަރީބުއްދީން ތިމަންގެ އަންހެން ދަރި ގޮވައިގެން ފިލައިފިއޭ ނޫހުގަ ޖަހާނެތަ؟ އެއީ ބޮޑެތި މީހުންގެ އާދަ ހުންނަ ގޮތް. ޕްރޮފެސަރު ޢަލީ ޤުލީ ޚާން އޭނާގެ އަބުރު ސަލާމަތް ކުރަނީ. އަހަރެން އަތު ޖެހުނީމާ އޭނާގެ ދަރިފުޅުވެސް އަތު ޖެހޭނެކަން އޭނާ ދަންނާނެ.” އަހަންނަށް މާނޭވާ ލެވެން ފަށައިފިއެވެ. “ފުލުސް އޮފީހުގައި ލިޔުއްވާފައި އޮންނާނީވެސް ޝަބްނަމް ފިލި ވާހަކައެއް ނޫން. އަހަރެން އޭނާ ވަގަށް ނެގި ވާހަކަ. ނޫހުގައި އެހެން ގޮތަކަށް ޖަހާފައި ތިޔަ އޮތީ އަބުރު ސަލާމަތް ކުރަން ވެގެން.”
އަހަރެން ދެއްކި ވާހަކަ ނަޞީރުއްދީނަށް ވިސްނިއްޖެއެވެ. “އެންމެ ރަނގަޅު… އެންމެ ރަނގަޅު…”
“އަދި މުޅިއަކުން ރަނގަޅެއް ނުވޭ. ކަންތައްތައް ރަނގަޅު ކުރެވޭނީ ކަލެއަށް.” އަހަރެން ބުނެލީމެވެ.
“އަހަަންނަށް ކުރެވޭނީ ކޮން ކަމެއް.”
“އަހަރެމްނެ ދެމީހުންގެ ކާވެނި ކުރުވައި ދީ.” އަހަރެން ސާފު ބަހުން ބުނެފީމެވެ.
“ތިޔަ ކަމެއް ނުވާނެ.” އޭނާ ދެކޮޅު ހެދިއެވެ.
“ނުވާންވީ ކީއްވެގެން؟”
“މައްސަލަގަނޑު އަދި ފިންޏެއް ނުވޭ. މިހާރު މި އޮތީ ވަރަށް ހޫނުކޮށް. ނޫހުގައިވެސް ޖަހައިފި. އަމީރުއްދީނަކީ މި މަންޖެގެ ގޭގެ ނޯކަރެއް. މިކަހަލަ މައްސަލަތަކުގައި ފުލުހުން އެންމެ ބޮޑަށް ޝައްކު ކުރާނީ ގޭގެ ނޯކަރުންނަށް. އަމީރުއްދީން މިހާރު ފުލުސް އޮފީހުގެ ގޮޅިއެއްގައި އެކޮޅުކޮޅުން އެލުވާފައި ނެތްކަމެއްވެސް ނޭނގޭ. މި ވަގުތު ކަލޭމެންގެ ކާވެނި ކުރުވައިފިއްޔާ ފުލުހުންނަށް އެނގިދާނެ. ޕްރޮފެސަރު އަހަރެންގެ ހަން ދަމައިލާނެ. އެހެން ނޫނަސް ކަލޭމެން މިގެއަށް ވެއްދި ހިސާބުން އަަހަރެން މިހިރީ ރަނގަޅަށް ބެދިފައި.”
“ކަލޭ ތިޔަ ބުނަނީ އަމީރުއްދީން އަހަރެމެންގެ ވާހަކަ ފުލުހުންނަށް ކިޔައި ދީފާނެއޭތަ؟” އަހަރެން ބިރު ގެންފިއެވެ.
“އަހަރެންގެ ބޭބެއަކީ ސިންގާއެއްހައި ހިތްވަރު ގަދަ މީހެއް. އެކަމަކު ހަށިގަނޑަކީ ހަމަ އިންސާނެއްގެ ހަށިގަނޑު. ތަޅައިގަތީމާ ކެތް ނުކުރެވިވެސްދާނެ. އެކަމަކު އެހައި ފަސޭހަޔަކުން ނުއެއް ބުނާނެ. އެކަން އަހަންނަށް ޔަގީން.” އޭނާ ބުންޏެވެ.
“ފަސޭހައިން ބުންޏަސް، ތުރާލުން ބުންޏަސް، ބުނެފިއްޔާ އަހަރެންގެ ދުވަސް ދާނެ.” އަހަރެންގެ ހިތްވަރު އެލޭގޮތް ވާން ފަށައިފިއެވެ.
(ނުނިމޭ)