ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް-19 ވެކްސިނަށް ކެނެޑާއިން ހުއްދަ ދީފިއެވެ.
މިއީ، ކެނެޑާގައި، އިމަޖެންސީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާއިން ދިން 4 ވަނަ ކޮވިޑް ވެކްސިނެވެ.
ހެލްތު ކެނެޑާގެ އެކްސްޕާޓުން ބުނެފައިވަނީ، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށް ކަނޑައަޅާފައެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހެލްތު ކެނެޑާއިން ހުއްދަ މިދިނީ، ކެނެޑާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ކަންތައްތައް ވަރަށް ލަސްކަމަށް ބުނެ އާންމު ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.
އެންމެ ޑޯޒެއް ދޭންޖެހޭ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހެލްތު ކެނެޑާއިން ހުއްދަދިންއިރު، އެ އިދާރާއިން އުންމީދުކުރަނީ ވެކްސިން ދިނުމުގެ މަސައްކަތަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށެވެ.
ކެނެޑާއިން މީގެކުރިން ވަނީ، ފައިޒަރ، މޮޑަނާ، އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދީފައެވެ.
ހެލްތު ކެނެޑާގެ ޗީފް މެޑިކަލް އެޑްވައިޒަރ ޑރ. ސުޕްރިޔާ ޝަރްމާ ވިދާޅުވީ، ކެނެޑާ ވެގެންމިދިޔައީ، ދުނިޔޭގައިވެސް ކޮވިޑްގެ 4 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަދިން ފުރަތަމަ ގައުމަށް ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ވެކްސިން އުފައްދާ ކާރުޚާނާއެއް ކެނެޑާއަކުވެސް ނުހުރެއެވެ. އެހެންވެ، ކެނެޑާއަށް ޖެހިފައިވަނީ ބޭރުން ވެކްސިން އެތެރެކުރާށެވެ. އެކަމުގެ ސަބަބުން ކެނެޑާއަށް ބޭނުންވާ ވަރާ ގާތަށްވެސް ވެކްސިނެއް ނުލިބެއެވެ.
ކެނެޑާގެ އެންމެ ގާތް އަވަށްޓެރިޔާ އެމެރިކާއިން މިވަގުތަށްވަނީ، އެމެރިކާގައި އުފައްދާ ކޮވިޑްގެ އެއްވެސް ވެކްސިނެއް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރުން ހުއްޓުވާފައެވެ.
އެހެންކަމުން، އެމެރިކާއާ ބޯޑަރު ހިއްސާކުރާ ކެނެޑާ، މެކްސިކޯފަދަ ގައުމުތަކަށް ޖެހިފައިވަނީ ޔޫރަޕާއި، އޭޝިޔާއިން ވެކްސިން ހޯދާށެވެ.
ކެނެޑާއިންވަނީ ޖޯންސަން އެންޑް ޖޯންސަންގެ 10 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް އޯޑަރު ޖަހާފައެވެ. އަދި އިތުރު 2.8 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށްވެސް އެދިފައި ވެއެވެ.
ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ކެނެޑާއަށް ލިބޭނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ކެނެޑާގެ ކަމާބެހޭ އިދާރާއިން ހުއްދަ ދިނުމާއެކު، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، 4 ވެކްސިނަކަށް ހުއްދަދެވި، އަދި އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ކެނެޑާއަށް ލިބޭގޮތް ވެފައިވުމުން، ކެނެޑާ މިހާރު އޮތީ ކޮވިޑްބަލި ފަތުރާ ވައިރަސް ބަލިކުރުމަށް އެންމެ ފިޔަވަޅެއް ދުރުގައި ކަމަށެވެ.