ޕެޕް ގާޑިއޯލާ މެންޗެސްޓަރ ސިޓީއަށް އިރުޝާދުދިން 500 ވަނަ މެޗުން މިރޭ މޮޅުވެއްޖެއެވެ.
ބަލިވުމުގައި އާދަޔާހިލާފް ހިތްދަތިކަމެއް ކުރިމަތިވެފައި އޮތް މެންޗެސްޓަރ ސިޓީ، ލެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.
ލެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި ސިޓީއިން ލީޑް ނެގީ 21 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ވިންގަރ ސަވިންހޯއެވެ. ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ލީޑް ފުޅާކޮށްދިނީ ފޯވާޑް އާލިންހ ހާލަންޑެވެ.
މިމޮޅުގެ ސަބަބުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. މިނަތީޖާއާއެކު ސިޓީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ 5 ވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ. ސިޓީ ވަނީ މިސީޒަނުގައި ޕްރިމިއަރ ލީގުގެ 6 މެޗުން ބަލިވެފައެވެ. ސިޓީއަށް ކުރިއަށް އޮތީ ޖެނުއަރީ 4 ވަނަ ދުވަހު ވެސްޓްހޭމްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.