ހެނދުނުގެ ސައި ތައްޔާރުވުމާއެކު އެންމެން މޭޒުކައިރިއަށް ހަމަވިއިރު މޭޒުދޮށުގައި އަޝަލް އިންތަންފެނި ޔުއާނާގެ މޫނަށް ވެރިވީ ފޫހިކަމެވެ. ޔުމްނާއާ ޖެހިގެން އިށީނދެ ބުމަ އަރުވާލުމާއެކު ނުހަނު އަވަހަށް އޭނާ ދެކޮނޑު އަރުވާލައިފިއެވެ.
ހިމޭންކަމުގައި ހެނދުނުގެ ސައި ކުރިއަށް ދިޔައިރު ސަބާނާގެ ނަޒަރު ހުއްޓިފައިވީ އިރުއިރުކޮޅާ ކިނބިހި އަޅަމުންދިޔަ އަޔާޝް އާއި ޔުއާނާއަށެވެ. ފިންޏަށް ބަލި ދެމީހުންކަމަށްވާތީ ސަބާނާއަށް ރޭގައި ވީ ކަންކަމުގެ ހިލަމެއް ވެދާނެތީ ދެމީހުން ވެސް ތިބީ ސަމާލުވެއެވެ.
"އާނާ..." ސަބާނާގެ އަޑަށް ސިހިފައި ޔުއާނާއަށް ބަލާލެވުނެވެ. "ރޭގަ އެވަރަށް ފޯނު ރިންގުވި އިރު ވެސް ނުނެގީ ކިހިނެތްވީ؟" ސަބާނާގެ ޖުމްލައިން ޔުއާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
އޭނާ ދޮރު ހުޅުވާފައި ނިކުތްކަން ޔަގީނުން ވެސް މަންމައަށް އެނގޭނެއެވެ. އަލުން އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު ތަޅުލާކަށް ވެސް އޭނާ ހަނދާނެއް ނެތެވެ. އަނެއްކޮޅުން މަންމަ ކޮޓަރިއަށް ވަތްނަމަ އޭނާ ނެތްކަން އެނގޭނެއެވެ. އަނެއްކާ އެނބުރި ގެއަށް އާދެވުނީ ވެސް އެހާ ލަހުންނެވެ.
ބާރު ކިނބިއްސަކާއެކު ޔުއާނާއަށް ކުރެވުނުހާ ވެސް ކަމަކީ ހިނިތުންވެލުމެވެ. އެ ވަގުތު ދޮރުގައި ޓަކިޖަހާލުމާއެކު ސަލާން ގޮވަމުން ގޭތެރެއަށް ވަދެގެން އައި ޝަރަފާގެ އަޑާއެކު ޔުއާނާއަށް ސުވާލުން ރެކުމުގެ ފުރުސަތު ލިބުނެވެ.
"ސަބާނާ... މިއަދު މީޓިން ގަޑި އަވަސްކުރީމަ މި އައީ... އަހަނ... މީ މިހާރު މިގޭ ސޮރެކޭ ދޯ." ވާހަކަދައްކަމުން ގޮސް ސުފުރާ ދޮށުގައި އިން އަޝަލް ފެނުމާއެކު ޝަރަފާ ބުނި އަޑު އިވުނެވެ. ދަނޑިވަޅު ބަލާ މޭޒުދޮށުން ދުރަށް ހިނގައިގަތް ޔުއާނާއަށް ކަޅި އަނބުރާލެވުނީ ބޭއިޚްތިޔާރުގައެވެ.
މީޓިންއަށް ސަބާނާ ބަލައި އައި މީހާ ދެން ފެނުނީ މޭޒުދޮށުގައި ޖައްސާލިތަނެވެ. "އަހަރެން އަޑުއެހީން މިގެއިންނޭ ދެން އެންމެ އަވަހަށް ސަޔެއް ލިބޭނީ.. ތެދެއްތަ ޔުމްނާ؟ އަހަރެމެން ކަހަލަ މުސްކުޅީންނަކަށް ތިކަހަލަ ކަންކަމެއް ދެން ނުކުރެވޭނެ ވިއްޔަ... ބޮޑު ސަޔެއް ބާއްވައްޗޭ" ޝަރަފާގެ ވާހަކަތަކަށް ގަދަކަމުން ހިނިތުންވެގެން އިން ޔުމްނާގެ މޫނަށް ސަކަގޮތަކަށް ބަލާލަމުން ޔުއާނާ އަވަސްއަވަހަށް ނިކުތީއެވެ.
އެހެނަސް މާދުރަށް ނުދެވެނީސް ފަހަތުން އައި އަޝަލް ގޮވައިފިއެވެ. މަޑުކުރަން ބޭނުންނުވި ނަމަވެސް ޔުއާނާ ހުއްޓުނީ އަޝަލްއަށް ކަމެއް އެންގުމަށެވެ.
"އާނާ..." ޔުއާނާގެ ދެ ލޮލުން ފާޅުވާންހުރި ހަރުކަށިކަމުން އަޝަލް ފަސްޖެހޭގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ އަހަން އައި ސުވާލު އެހިއެވެ. "ރޭ އެހާ ދަންވެފަ ހުއްޓަ ކޮންތާކަށް ދިޔައީ؟"
"މަންމައަށް އެނގޭތަ؟" ޖަވާބުދިނުމުގެ ބަދަލުގައި ޔުއާނާ ވެސް ކުރީ ސުވާލެކެވެ.
"ސަބައްތަ އުޅުން ކޮޓަރި ބަލަން. އަހަރެން އެކި ވާހަކަ ދައްކައިގެން ހަމަޖައްސާލީ..." ދެފަރާތަށް ބޯ ހޫރާލުމާއެކު އަޝަލް ޖަވާބުދިނެވެ.
"ދެން އަހަރެން ބުނަންވީ ޝުކުރިއްޔާއޭތަ؟ އަސްލު މި ހިތަށް އަރަނީ މާމުއި ފުޅިއާ މަންމަ ހެދި ބޭސްފުޅިއާ ބަދަލުކުރީ ކާކުބާއޭ... އަހަންނަށް ހީވަނީ އޭރު މިގެއަށް ވަދެ އުޅުނީ އެންމެ މީހެއްހެން." ހިމޭން ރާގަކަށް ބުނި ނަމަވެސް ޔުއާނާގެ އަޑުގައި ވީ ހަރުކަށިކަމެވެ.
އަޝަލްގެ މޫނަށް ތޫނު ނަޒަރެއް ދިނުމަށްފަހު ޔުއާނާ އެނބުރިލީ އެތަނުގައި ހުންނަން އުނދަގޫވާން ފެށުމުންނެވެ. އޭނާގެ މޭ ނުބައިކުރަނީއެވެ. އެނބުރި ވަކި ހިސާބަކަށް ގޮސް ބަސްހުއްޓިފައިހުރި އަޝަލްއަށް ފަސްއެނބުރި ބަލާލަމުން ޔުއާނާ އަދި އެއް ވާހަކަ ބުނާހިތްވިއެެވެ.
"އޮހް. އަދި ހަނދާންނެތުނީ... އަހަރެން ދިޔަތާކަށް ދިޔައީ އަހަރެންގެ ފިރިމީހާއާ އެކީ. މަންމައަށް އެނގުނަސް މައްސަލައަކަށް ވާނެހެން ހިއެއްނުވޭ. އެހެންނޫނަސް އަހަރެން ދާހާ ތާކާ ކުރާހާ ކަމެއް އަޝަލްއަށް އަންގާކަށް ނުޖެހޭ ކަންނޭނގެ ދޯ. އަހަންނާ އެއް ވެސް ގުޅުމެއް އޮތް މީހެއް ނޫން ތިއީ." ޖުމްލަ ނިންމާލުމާއެކު ޔުއާނާ ބަލާލުމެއްނެތި ބާރުބާރަށް ގޮސް ވަނީ ކޮޓަރިއަށެވެ.
އަވަސްއަވަހަށް އެނދުގައި އޮށޯތުމާއެކު އޭނާއަށް ކިޔުނު އެއްޗިއްސާމެދު ވިސްނި ހައިރާންވާގޮތްވިއެވެ. ދުވަހަކު ވެސް ރުޅިއައިސްގެން އޭނާ މީހަކާ އެ ގޮތަށް ވާހަކަ ދެއްކި ހަނދާނެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާގެ ދުލުން އެ ލަފުޒުތައް ބޭރުވީއެވެ.
ކަންކަމާމެދު ވިސްނުމުގައި އެނދުގައި ދެފައި އެލުވާލި ގޮތަށް އޮވެ ޔުއާނާއަށް ނިދިއްޖެއެވެ. އޭނާއަށް އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސްވަނީއެވެ.
މީޓިންއަށް ސަބާނާ ދިޔަތާ ދެތިން މިނެޓަށްފަހު ގޭގެ ބޭރުން ސަލާންގޮވި އަޑު އިވުނީ ޔޫނުސްއެވެ.
"ވަދޭ..." ކާމޭޒު ސާފުކުރުމުގައި އުޅުނު ޔުމްނާ ގޮވާލިއެވެ. އޭރު ޔުމްނާގެ ކައިރީގައި ލުނބޯ ފަނި ތައްޓެއް ހެދުމުގައި އަޔާޝް ވެސް އުޅުނެވެ. އަޔާޝްއަށް ބަލާލުމަށްފަހު ޔުމްނާ ކާގެއިން ނިކުތީއެވެ. އޭރު ސިޓިންރޫމުގެ މެދުގައި ޔޫނުސްއާއެކު އަޒިކިޔަލް ވެސް ހުރިތަން ފެނުނެވެ.
"އާނާ ވީ ކޮޓަރީގަ... ދޭބަލަ އެ މަންޖެ ކައިރިއަށް" ގޭގެ އެކި ތަންތަނަށް ނަޒަރު ހިންގަމުންދިޔަ އަޒިކިޔަލްއަށް ބަލާލަމުން ޔުމްނާ ބުނެލީ ހިނިއައިސްފައެވެ.
"ތިއުޅެނީ އަހަރެން މިތާ ހުރީމަ ދައްކަން އުޅޭ ވާހަކަ ނުދެއްކިގެން ދޯ... ގޮސްދާނަމޭ..." އަޒިކިޔަލްގެ ވާހަަކަ އެހާ ހަމައަށް ދިއުމާއެކު ޔޫނުސް ހޯހޯ ވެއްޖެއެވެ.
"ނޫން ނޫން... ކޮންމެހެން އަހަރެމެން މަތި އަޅުވާނެކަމެއްނެތް... ދޭބަލަ ހިތުގެ ރާނީ ކައިރިއަށް. ނުބުނާނަަމޭ އެއްޗެކޭ." އަޒިކިޔަލްގެ ބުރަކަށީގައި އަަޅާ ޔުއާނާގެ ކޮޓަރިއާއި ވީ ދިމާލަށް ކޮށްޕާލަމުން ޔޫނުސް ބުނެލިއެވެ.
އަތް އުފުލާލާ އަމާން ދެމޭ ބުނާފަދައިން އަޒިކިޔަލް ހިތުގެ އެދުމާއި އެއްބަސްވެއްޖެއެވެ. މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ޔުމްނާއާއި ޔޫނުސްއަށް އެކަކު އަނެކަކަށް ބަލާލާ ހީލެވުނެވެ.
"އަނހަ ޔޫނުސް... ކަމަކުތަ ތި އައީ... ޔުމް ނުވެސް ބާންދަންތަ ޔޫނުސް ތާކު... އަވަހަށް އިށީނދޭ" އެއްއަތުން ލުނބޯފަނި ތަށި ހިފައިގެން ކާގެއިން ނިކުމެގެން އައި އަޔާޝްއަށް ޔޫނުސް ފެނުމާއެކު ހިނިތުންވަމުން ބުނެލައިފިއެވެ.
"ނޫނޭ. އަދި ނުބުނެވިފައެއް ނެތެއްނު ދޯ ޔުމް... މި އައީ މަންމަ ބުނެގެން މެންދުރު ކެއުމަށް މިގޭ އެންމެނަށް ދައުވަތު ދޭންވެގެން. ދެ ގޭގަ ވެސް ކެއުން ބޭއްވީމަ އެއްނޫންހޭ ހަމަހަމަވާނީ މަންމަ ބުނީ... ކައިވެނީގެ ކަންތަކާ ވެސް ވާހަކަދައްކާށާ އެކީ ދެ އާއިލާ ބައްދަލުވެލަންވެގެން" އަޔާޝްގެ މޫނަށް ބަލާލަމުން ހިތްތިރި ރާގެއްގައި ޔޫނުސް ވާހަކަދެއްކީ ހިނިތުންވެ ހުރެއެވެ.
އަޔާޝްއަކީ ޔުމްނާގެ އާއިލާގެ އެންމެ އިސް މީހާކަން ޔޫނުސް ދަނެއެވެ. އޭނާގެ ޝަޚްސިއްޔަތުގެ ވަރުގަދަކަމުން އެންމެން ވެސް އޭނާއަށް ޤަދަރުކުރާކަމީ ޚުދު އަޔާޝް ވެސް ދަންނަ ކަމެކެވެ. ދެރައީ އެ ހައިބަތު އޭނާއަށް ލިބުމުގެ ކުރީން އޭނާގެ ފަސްބަޔަށް ހިޔަނިއެޅިފައިވާ ކަމެވެ.
ކޮޓަރީގެ ދޮރު ލައްޕާޕައި ވަތް އަޒިކިޔަލްއަށް ހައިރާންކަމެއް ލިބުނީ ފައި ބޭރަށް ލައިގެން ޔުއާނާއަށް ނިދިފައި އޮތްތަން ފެނިފައެވެ. ކޮންމެ ކޮންމެ ގޮތަކަށް އޮވެގެން ނިދުމަކީ ޔުއާނާއަށް އުނދަގޫ ކަމެއްކަން އަޒިކިޔަލް ދަނެއެވެ. ކިތަންމެ ނިދި އައިސްފައި ހުއްޓަސް ބުރުގާ އަޅައިގެން ދިގު ހެދުން ލައިގެން ހަމަޖެހިނުލައި ނިދުމަކީ ޔުއާނާގެ ޠަބީޢަތާ ޚިލާފު ކަމެކެވެ.
"ރޭގަ މާލަހުން ބޭރުގަ އުޅުނީމަ ބަލިވީތަ؟" އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލު މަޑުމަޑުން އެނދާ ކައިރިވި އަޒިކިޔަލްގެ ހިތުގައިވިއެވެ.
ލޯ މެރިފައި އޮތް ޔުއާނާގެ ލޯ ކައިރިއާއި ނޭފަތުގެ ކޮޅު ރަތްވެފައިވީއިރު މޫނުމަތީން ވަރުބަލިކަން ފާޅުވާން ހުއްޓެވެ. މަޑުމަޑުން ޔުއާނާގެ ކޮލުގައި ފިރުމާލުމާއެކު އަޒިކިޔަލް ފަރުވާތެރިކަމާއެކު ޔުއާނާ އުފުލާލައި މައްޗަށް ޖައްސާލިއެވެ. ބާލީހުގައި ރަނގަޅަށް ހަމަޖެހެވުމާއެކު ޔުއާނާގެ ދެ ބުމަ ކައިިރިވިތަން ފެނުނެވެ. ބަލަހައްޓައިގެން ހުރުމަށްފަހު އަޒިކިޔަލް ޔުއާނާގެ ނިތްކުރިއަށް ބޮސްދިނެވެ. އެއާއެކު ނިދީގެ ތެރެއިން ވެސް ޔުއާނާގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.
އަޒިކިޔަލް ކޮޓަރިން ނިކުތްއިރު ބޮޑުކޮޓަރީގެ ސޯފާގޮނޑިތަކުގައި އިން އަޔާޝް ފެނި ހުއްޓެވުނެވެ. ޔޫނުސް އާއި ޔުމްނާއަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީ އަޔާޝްގެ ނަޒަރު އަޒިކިޔަލްއަށް ހުއްޓުމާއެކު ބުނެލި ޖުމްލައިންނެވެ.
"އަޒިކިޔަލް.. އާދެބަ ބޭބެއާއެކު އެ ފަރާތަށް" ދައްކަން އުޅޭ ވާހަކައެއް ނޭނގުނު ނަމަވެސް ޔޫނުސްމެންގެ މޫނަށް ބަލާލަމުން އަޔާޝްގެ ފަހަތުން އަޒިކިޔަލް ދިޔައީ ގޭގެ ބިއްދޮށްފަޅިއަށެވެ. އެ ދިމާލުގައި ހައްދާފައިވާ ކުލަކުލައިގެ މާތަކުގެ ވަސް މުޅި ތަނަށް ފެތުރިފައިވީ ރޭގެ ވާރެއިން މާތަކުގެ ކަރުގަނޑު ފޯވެފައިވުމުންނެވެ.
ހިނގަމުން ހިނގަމުން އައިސް އަޔާޝް ހުއްޓިލީ އެއްފަރާތުގައި ބަހައްޓާފައިވާ ޖޯލިތަކުގެ ކައިރީގައެވެ. އިށީންނަން އިޝާރާތްކުރުމާއެކު އަޒިކިޔަލް ވެސް އަޔާޝްއާއެކު އިށީނީއެވެ.
"ދުރުދުރުން ވާހަކަ ދައްކާކަށް ނެތިން. ދެމީހުނަށް ވެސް ދެ މީހުން ރޭގަ ފެނުނު. އެހެންނު... އަޒިކިޔަލް ޔުއާނާއާއެކު ދިޔަތަނެއް އަހާކަށް ނެތިން. އެކަމަކު ތި ގުޅުމާމެދު މިހާރު ފަހަރެއްގަ ސަބާނާގެ ވިސްނުން ތަފާތުވެދާނެ." އަޒިކިޔަލްގެ މޫނަށް ބަލަހައްޓައިގެން އިނދެ އަޔާޝް ބުނެލިއެވެ.
"ދޮންބެ ބުނާނެ ވާހަކައެއް ނެތް. ހަގީގަތުގައި ލޯތްބެއް ވަންޏާ ހަޔާތުގައި އޭގެ މޫ ލައިފައި ހުއްޓާ އުފުރާލަން އެއްގޮތަކަށް ވެސް ވިސްނާކަށް ނުވާނެ. ދޮންބެ ވާނަން ތި ދެ ކުދިންނާއެކު... އަޒިކިޔަލް... އަސްލު ބޭނުންވަނީ ތި ހިތުގަ އެއް ވެސް ސުވާލެއް އޮތިއްޔާ ބޭބެއާ އެ ސުވާލެއް ކުރަން ފުރުސަތު ދޭން" އިސްޖަހާލުމާއެކު އަޔާޝް ދެއްކި ވާހަކަތައް އަޒިކިޔަލްއަށް ދޭހަކުރަން އުނދަގުލެއް ނުވިއެވެ.
އޭނާގެ ނަޒަރުގައި މާޒީގައި ވީ ކަމެއްގެ ހިޔަނީން މުސްތަޤްބަލުގެ ޗާޓު ކުރަހަންވެއްޖެނަމަ މީހާގެ ރޫހު ގެއްލިދާނެއެވެ. ހަމަ ޔަޤީނުން ވެސް މާޒީގައި އަޔާޝްއަށް ކުރެވިފައިވާ ކުށަކުން މިއަދު އޭނާ އަޔާޝްއަށް ކުރާ ޤަދަރަށް އެެއް ވެސް އުނިކަމެއް ނާދެއެވެ. އޭނާ ބޭނުންވީ އެކަން އަޔާޝްއަށް އަންގައިދޭށެވެ.
"މަންމަ ބުނެދިން ރޭގައި ބައްދަލުކުރީ ކީއްވެކަން. އަހަރެންގެ ހިތުގައި އެއްވެސް ކަހަލަ ނުބައި ޚިޔާލެއް ނެތް. ވީ ކަމެއް މާޒީއަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތް" އަޔާޝްގެ މޫނަށް ބަލާލަމުން ޔަޤީންކަމާއެކު އަޒިކިޔަލް ބުނެލިއެވެ.
ޔުއާނާ ގެއަށް ލައިދެން އަޒިކިޔަލްމެން ގޭގެ ހަޓުތައް ކައިރިން ދެވުނީ އިއްތިފާގަކުން ކަމެއް ނޭނގެއެވެ. ނަމަވެސް ރޭގައި މަންމައާއެކު އަޔާޝް ވީތަން ފެނި އޭނާއަށް އެއްކަމެއް ޔަގީންވިއެވެ. މާޒީގެ ގޮތުގައި ވީ ނަމަވެސް އަދިވެސް މަންމަގެ ޚިޔާލުގެ ފަސްމަންޒަރު ސިފަކޮށްދެނީ އެ ދުވަސްތައްކަމެވެ.
ކިތަންމެ ނުދައްކަން އުޅުނު ކަމުގައި ވިޔަސް އެ މަންމަގެ ހަޔާތުގެ އެކަނިވެރިކަން އޭނާގެ ހިތުގައި ވެސް ކޫރުން އަޅުވައެވެ. އަޔާޝްގެ މޫނަށް ބަލާލުމާއެކު އަޒިކިޔަލްއަށް ސިފަވި މަންޒަރުތައް ފޮޅުވާލަމުން އޭނާ ހިނިތުންވެލީއެވެ.
މެންދުރުވެގެން އައި އިރު އަޒިކިޔަލް ވެސް ހުރީ ޔޫނުސްގެ ދައުވަތަށް އެ ގޭގައެވެ. ކެތްތެރިކަމެއްނެތި ޔޫނުސްގެ ކޮޓަރީގައި ދެ ކޮޅަށް ދެ ކޮޅަށް ހިނގާލަ ހިނގާލަ ހުރިގޮތުން ޔޫނުސް ދިމާކޮށްލިއެވެ.
"އަހަންނަށް ހީވަނީ އަލަތު ކައިވެނި ކުރެވެން އުޅެނީ އަހަންނަކަށް ނޫންހެން. ކޮންކަމަކާތަ އެއްތާކު ފައިނުޖަހަ ތި ހިނގަނީ..." ލޯގަނޑު ކުރިމަތީ ރީތިވާންހުރެ ޔޫނުސް ބުނެލިއެވެ.
ގައިގެ އެކި ދިމަދިމާލަށް ސެންޓު ބުރުވަމުންދިޔަ ޔޫނުސްއާ ދިމަ ބަލާލަމުން އަޒިކިޔަލް ހުއްޓި ހަށަންބަނދެލައިފިއެވެ.
"އަދި ވެސް އަހަންނަށްބާ މިއުޅެވެނީ އެހެން... ތި ލޯގަނޑު ކުރިމަތީ ފަރިވާން ހުންނަތާ ކިހާ އިރެއް މިވަނީ. އަންހެނަކު ވެސް ތިހާ ގިނައިރު ނުވާނެ" ކައިރިއަށް އައސް އަޒިކިޔަލްގެ ކޮނޑުގައި ގޮށްމުށުން ޖަހާލަމުން ޔޫނުސް ޖަހާލީ ހިނިގަނޑެކެވެ.
"ހިނގާބަލަ އަންހެންވެރީން ސުފުރާމަތި ތައްޔާރުކޮށްފިތޯ ބަލަން" ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ޔޫނުސް ބުނުމާއެކު އަޒިކިޔަލް ފޯނު ނަގާ ބަލާލިއެވެ. އޭނާ ޔުއާނާއަށް މެސެޖުކުރިތާ ގަޑިއެއްގެއިރުވީއެވެ. އަދި ވެސް ޖަވާބެއް ނާންނަ ތާނގައި އޮންލައިންވިކަމަށް ވެސް ދައްކާފައެއް ނެތެވެ. ހިތަށް އަރަމުންދިޔަ ނުރަނގަޅު ޚިޔާލުތައް ފޮޅުވާލަމުން އަޒިކިޔަލް ވެސް ޔޫނުސްއާއެކު ކޮޓަރިން ބޭރަށް ހިނގައިގަތެވެ.