ފްރާންސްގެ ވެރިރަށް ޕެރިހުން ފުރައިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރުކުރި އެއަރ ފްރާންސްގެ މަތިންދާ ބޯޓެއް، އިމަޖެންސީ ހާލަތުގައި ބަލްގޭރިއާގެ ސޯފިއާއަށް ޖައްސައިފިއެވެ.

އެއަރ ފްރާންސްގެ މަތިންދާ ބޯޓު، އިމަޖެންސީ ހާލަތުގައި ސޯފިއާގެ އެއަރޕޯޓަކަށް ޖެއްސީ، މަތިންދާ ބޯޓުން ދަތުރުކުރި ފަސިންޖަރެއްގެ އުނދަގޫ ބޮޑުވެގެން ކަމަށް، ބަލްގޭރިއާގެ އޮފިޝަލުން ވިދާޅުވެއެވެ.

މިކަމެއް ހިންގީ، ބޯޓުން ދަތުރުކުރި އިންޑިއާގެ ރައްޔިތެކެވެ.

މަތިންދާ ބޯޓު ޕެރިހުން ފުރުމާއެކު، އިންޑިއާ ފަސިންޖަރު، އެހެން ފަސިންޖަރުންނާ ޒުވާބުކުރަން ފެށި ކަމަށާއި، އަދި ފަހުން ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ޖަހައި، އަދި ކޮކްޕިޓްގެ ދޮރުގައި ތަޅައި ހެދިކަމަށްވެސް ބަލްގޭރިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

މަތިންދާ ބޯޓު، އިމަޖެންސީ ހާލަތުގައި ސޯފިއާގައި ޖައްސަން ފްލައިޓް ކޮމާންޑަރަށް މަޖުބޫރުވީ، އެމީހާގެ އުނދަގޫ ބޮޑުވެގެން އެހެން ގޮތެއް ނެތުމުން ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ސޯފިއާގައި ބޯޓު ޖެއްސުމަށްފަހު އިންޑިއާމީހާ މިހާރުވަނީ ބަލްގޭރިއާގެ ކަމާބެހޭ އިދާރާއާ ހަވާލުކޮށްފައެވެ.

އޭނާގެ މައްޗަށް، މަތިންދާ ބޯޓުގެ ސަލާމަތަށް ނުރައްކާ ކުރިކަމުގެ ދައުވާ ކުރެވޭނޭ ކަމަށާއި، ކުށްވެރި ވެއްޖެނަމަ 10 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ވެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އިންޑިއާ މީހާ މަތިންދާ ބޯޓު ތެރޭގައި ހިންގި އަމަލުތަކާއި އަދި އޭނާގެ މަގްސަދު ތަހްގީގުކޮށް ހޯދާނޭ ކަމަށް ބަލްގޭރިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީންގެ އޮފިޝަލެއް ކަމަށްވާ އައިވައިލޯ އެންގްލޯވް ވިދާޅުވިއެވެ.