ހއ.އިހަވަންދޫ އެންވީކޭއިން އެއް ދުވަސްތެރޭ ފުޓްސަލް މުބާރާތަކާއި ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައި ސަޕޯޓަރުން ހެއްވާލައިފިއެވެ.
ހއ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް " ބިއުޓިފުލް ބްލޫ މައިކަޕް" ގެ ޗެމްޕިއަންކަން ރޭ ހޯދައި މުބާރާތުގެ ތާރިހުގެ ތެރެއަށް ވަނުމުގެ ކުރިން އަންގާރަ ދުވަހުގެ ރޭ އެކްލަބުން ވަނީ ހއ. ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި “ބޮޑު ހަހެތި ޔޫތު ފުޓްސަލް" ގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއިން ހޯދީ ޕެނަލްޓީ ޖަހައިގެން 8-9 އިން ކުރި ހޯދައިގެންނެވެ.
ފުޓްސަލްގައި ލިބުނު ކާމިޔާބީގެ އުފާ ފާޅުކޮށް ނުނިމެނީސް އެންވީކޭއިން ރޭ، 100،000 ރުފިޔާގެ މައިކަޕް ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން ކުޅިމަގު 5-6 އިން ބަލިކޮށްފައެވެ.
ހަވާގެ ކުޅިވަރުތަކާއެކު ފެށި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެންވީކޭއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ ފުޓްސަލް ޓީމަށް ޗެމްޕިއަންކަން ހޯދައި ދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ނާއިޝްއެވެ. ކުޅިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 60 ވަނަ މިނެޓުގައި ޑިފެންޑަރު ގާސިމް ސަމާމްއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި އެންވީކޭގެ ތަރިޔަކަށްވީ ކީޕަރު އިބްރާހިމް އާޒިމްއެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އޭނާ 2 ޕެނަލްޓީ މަތަކުރިއެވެ. ފައިނަލް މެޗާއި މުބާރާތުގެ މޮޅު ކުޅުންތެރިޔަކީވެސް އާޒިމްއެވެ.
އެންމެ މޮޅު ފޯވާޑަށް ހޮވުނީ ކުޅިމަގު ޓީމްގެ އާދަމް ނާއިލްއެވެ. މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްވެސް ހޮވުނީ އޭނާއެވެ. އޭނާވަނީ މިމުބާރާތުގައި 10 ގޯލް ޖަހާފައެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭ ޓީމްގެ، އައިހަމްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކީޕަރަށާއި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ކީޕަރު އިބްރާހިމް އާޒިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނީ އެންވީކޭގެ ކޯޗް ހަމްޒާ އިބްރާހިމްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ތުރާކުނު ރެކްރިއޭޝަން ކުލަބެވެ.
މިއީ މައިކަޕުގެ ޗެމްޕިއަންކަން އެންވީކޭއިން ހޯދި 2 ވަނަ ފަހަރެވެ.