ދުނިޔޭގައި ދީނީ ގޮތުން އެންމެ ހަރުކަށި މީހުން ގިނަ ސަރަހައްދު ކަމަށްވާ ދެކުނު އޭޝިއާގައި ގއެރިމަސް ކެއުމާއި ގެންގުޅުން ސިޔާސީ ކަމަކަށް ވެއްޖެއެވެ. އިންޑިއާގައި ގެރިމަސް ގެންގުޅޭހެން ހީވިއަސް އެމީހަކު އަވަހަށް ޝަހާދަތް ކިޔަން ޖެހެއެވެ. އަނެއް ކޮޅުން ބަނގްލަދޭޝްގައި މީހުން ދަނީ ސައި ހޮޓާތަކުގައި ގެރިމަސް ރިހަ ކާން ނުލިބޭތީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
މުސްލިމް ބޮކްތާ ޕެރިޝާދު ޖަމުއިއްޔާއިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މުޒާހަރާގައި ގޮވާލާ ފައި ވަނީ ގެރިމަސް ކާން ނުލިބޭ ރެސްޓޯރެޓްތައް ބަންގްލަދޭޝްގައި ހުރެގެން ނުވާނެ ކަމަށެވެ.
މި މީހުން މުޒާހަރާ ބާއްވާފައި ވަނީ، ޑާކާގައި ގެރިމަސް ކެއްކުން މަނާކޮށްފައިވާ ދެ ރެސްޓޯރެންޓެއްގެ ކުރިމަތީގައެވެ.
މުޒާހަރާގައި ތަގްރީރު ކުރި މީހުން ބުނެފައި ވަނީ ބަންގްލަދޭޝްގެ މުސްލިމް އާބާދީގެ ބޮޑުބަޔަކީ ގެރިމަސް ކާން ބޭނުންވާ ބަޔަކަށް ވާތީ ބަންގްލަދޭޝްގައި ގެރިމަސް ކާން ލިބެން ވާނެ ކަމަށެވެ. އަދި ގެރިމަސް ނުކައްކާ ހޮޓާތަކީ ހިންދޫންގެ އެޖެންޓުންކަމަށްވެސް ބުނެފައި ވެއެވެ.