ތޭވީސް ވަނަބައި

"އަހަރެން ބުނާ ނަމަކުން ރުޅި ނާންނައްޗޭ.." ޒިޔާން ބޭނުންވީ ޔަޤީންކަން ހޯދާށެވެ. މާޒް ބޯޖަހާލިއެވެ.

"އެއީ ދޮނަޅޭމެންގޭ ނަޝްވާ.." ޒިޔާން ބުނެލި ނަމުން މާޒް ސިހުނެވެ.

"ނަޝްވާއޭ..!!"

"އާނ.. ކީއްތަވީ؟ އޭނަ ހުތުރީ؟ އަޚްލާޤު ގޯހީ؟ އޭނަ މީހަކާ އިނދެ ވަރިވެފަ ހުރީމަ؟ ފަސްމަހުގެ ކުއްޖަކު އޮތީމަ؟" ޒިޔާން ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.

"ނޫން.. އޭނަ ހުތުރީކީ ނޫން.. އަޚްލާޤު ގޯހީއެއްވެސް ނޫން.. އަދި މީހަކާ އިނދެ ވަރިވެފަ ހުރީމައެއްވެސް ނޫން.. މައްސަލައަކީ ކުއްޖަކު ހުރީމައެއްވެސް ނޫން.. މައްސަލައަކީ އެއީ އަހަރެންގެ ދުރުތާ ތިމާގެ މީހެއްގެ ދަރިއަކަށް ވީމަ.." މާޒް ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

"ކޮބައިތަ މައްސަލައަކީ؟ ކައިވެނި ހަލާލުވާނެއޭ.. އެއީ ދެން އާއިލާއަށް ލައްވާ ނުލައްވާ ހިސާބެއްނު.. އަޅެ ސީރިއަސްކޮށް މިކަމާ ދޭތެރޭ ވިސްނަބަލަ.." ޒިޔާން ބެލީ މާޒްއަށް ވިސްނައިދެވޭތޯއެވެ.

"ނޫން.. އަހަރެން އޭނައާ ދޭތެރޭ ތިކަހަލަ އެއްވެސް ގޮތަކަށް ނުދެކެން.. އެކަހަލަ ގޮތަކަށް އޭނައާ ދޭތެރޭ ވިސްނާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ރަނގަޅު ކުއްޖަކު ހޯދަފާނަން.."

"ސީރިއަސް އެއްޗެއްތަ؟" ޒިޔާން ޔަޤީން ނުވެފައި އަހާލުމުން މާޒް ބޯޖަހާލިއެވެ.

**********

ހާޖަރާގެ މަރު ސާބިތު ކުރެވި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔައިރު އައިކާއާއި ލަމްހާ އެކަކު އަނެކަކު ގައިގައި ބައްދާލައިގެން ތިބިއިރު ލަމްހާގެ ރުއިން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމަކަށް ނާދެއެވެ. އައިކާ ނުރޮއި ވޭތޯ މަސައްކަތް ކުރިނަމަވެސް އޭނާއަށްވެސް އިރުއިރުކޮޅާ ރޮވެއެވެ. އެހެނީ އޭނާ އެގޭގައި ހޭދަކުރި ދުވަސްތަކުގައި ހާޖަރާގެ ފަރާތުން އޭނާއަށް ވަނީ ސަނާއެކޭ އެއްފަދައިން ލޯބި ލިބިފައެވެ. އެހެންކަމުން ސަނާއާ ދުރުގައި އޭނާ އުޅުނުނަމަވެސް އޭނާއަކަށް އެ އުނިކަން އިހުސާސެއް ނުކުރެވެއެވެ. ހިތާމައިގެ އެވަގުތުގައިވެސް ޔޫޝައުގެ ހިތްވަރުގަދަކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. އެހެނީ ޔޫޝައުގެ ޙަޔާތުގައި އޭނާއާއި ލަމްހާ ފިޔަވައި ހުރި ހަމައެކަނި މީހާވެސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކީއެވެ. އެކަމުން ޔޫޝައުއަށް ފުން އަސަރުތަކެއް ކުރާނެކަން އޭނާއަށް އެނގެއެވެ. އެހެނީ ޔޫޝައުއަކީ ބަފައަކާ ނުލައި ހާޖަރާ ނުހަނު ދަތި ހާލުގައި ގެންގުޅެ ބޮޑުކުރި ކުއްޖެއްކަން އޭނާއަށްވަނީ އެނގިފައެވެ. ޔޫޝައުވެސް ހާޖަރާދެކެ ވާ ލޯބި އޭނާއަށްވަނީ ވަރަށް ގާތުން ފެނިފައެވެ. އެހެންކަމުން ހާޖަރާގެ އެ ކުއްލި ވަކިވުން ޔޫޝައުއަށް ބޮޑު ހިތާމައަކަށް ވާނެކަން ޔަޤީނެވެ. އައިކާ ހިތާހިތުން ހާޖަރާގެ މައްޗަށް ހެޔޮދުޢާ ކުރަމުން ދިޔައެވެ. އެވަގުތު ޔޫޝައުގެ ފޯނު ރިންގުވާ އަޑު އިވުމުން އައިކާ ގޮސް ފޯނު ނެގިއެވެ. އޭނާއަކީ ޔޫޝައުއަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދޭ މީހަކަށް ނުވިނަމަވެސް ހާލަތުގެ ގޮތުން ޔޫޝައުއަށް ވާހަކަދައްކަން ފަސޭހަ ނުވާނެކަން އެނގޭތީއާއެކު، ގުޅަނީ ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާ އާދިލްއަށްވީތީ އޭނާ ފޯނު ނެގީއެވެ.

"ހެލޯ! އޭތް މޭން އާދެބަލަ މަޒާޑާއަށް.. މިއުޅެނީ ވަރަށް ބޮޑު ކަމެއް ލައިގަނެގެން.. ޑިސްކަސް ކޮށްލަންވެގެން.." އައިކާއަށް އެއްވެސް އެއްޗެއް ނުބުނެވެނީސް އާދިލް އޭނާ ބޭނުންވާ ކަންތައް ބުންޏެވެ.

"އާދިލް!"

"އަ.. އައިކާ ދޯ؟ ކޮބާ ޔޫޝައު؟" އާދިލް ކުޑަކޮށް އަޅައިގެންފައި އަހާލިއެވެ.

"ޔޫޝައު އެބައުޅޭ.. އެކަމް މިހާރު ޔޫޝައުއަށް ދެވޭކަށް ނެތް.." އައިކާ ބުންޏެވެ.

"އެއީ؟ މާބޮޑަށް ބަލިވީތަ؟"

"ނޫން.. މިއުޅެނީ މަންމަ ނިޔާވެގެން.. މިހާރު އާސަހަރާ މިސްކިތުގަ މިތިބީ.." އައިކާ ބުނެލިއެވެ.

"ކޮންއިރަކު؟ ކީއްވެ އަހަރެންނަށް ނޭންގީ؟"

"ސީދާ ގަޑިއެއް ނޭނގެ.. މެންދުރު ކައިގެން ކޮޓަރިއަށް ވަތް ގޮތަކަށް ނުނިކުމޭ.. ބަލާލިއިރު އޮތީ ނިދިފަ.. ދެން ހައެއް ޖަހަންވީއިރުވެސް ނުހޭލާތީ ގޮވަންވެގެން ދިޔައިރު އޮތީ ނިޔާވެފަ.." އައިކާ އެހެން ބުނެލުމުން އާދިލް މި ދަނީއޭ ބުނެފައި ފޯނު ބޭއްވިއެވެ. ކުޑައިރުކޮޅެއް ވީއިރު އާދިލް ހުރީ އާސަހަރާ މިސްކިތުގައެވެ. އާދިލް ފެނުމާއެކު ޔޫޝައުއަށް ރޮވޭގޮތްވިއެވެ. ނަމަވެސް މަންމައަށްވީ ވަޢުދުގެ މަތިން ހަނދާންވުމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

"ހިތްވަރުކުރޭ.." އާދިލް ޔޫޝައުގެ ކޮނޑުގައި ހިފަހައްޓާލަމުން ހިތްވަރުދިނެވެ.

ހާޖަރާގެ މޫނުދައްކާލުމަށް ލަމްހާއާއި އައިކާ އެތެރެއަށް ވެއްދުނެވެ. ލަމްހާ ރޯވަރުން ޔޫޝައު ހުރީ ވަކިން ބޮޑަށް ދެރަވެފައެވެ. އެހާ ހިތްދަތިވެފައި ލަމްހާ ރޯތަން ފެނުމުން އާދިލްގެ ލޯވެސް ފެންކަޅިވިއެވެ. ހާޖަރާއަކީ އޭނާއަށްވެސް ނުހަނު ހެޔޮ މީހެކެވެ. އޭނާގެ މަންމަ ނެތް ދުނިޔެއެއްގައި މަންމަ ފަދަ މީހެކެވެ. ޔޫޝައު ހާޖަރާގެ މޫނު އަޅަން ގާތްވިއިރު އޭނާގެ އަތް ތުރުތުރުލައެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހާޖަރާގެ މޫނު އެޅި ވަގުތު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އޭނާދެކެ އެންމެ ލޯބިވި އަދި އޭނާވެސް އެންމެ ލޯބިވި އެ މަންމައެއް ދެން އޭނާއަކަށް ނުފެންނާނެއެވެ.

ހާޖަރާގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ޔޫޝައުމެން ގެއަށް އައިއިރު އެ ތިންމީހުންގެ އިތުރުން އާދިލްގެ މޫނުމަތިންވެސް ފެންނަމުންދަނީ މޮޅިވެރިކަމެވެ. ލަމްހާ އެއްވެސް ވަރެއްނެތް މީހެއް ފަދައިން ސޯފާއަށް ވެއްޓިގަތެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ބާރަށް ރޮވިއްޖެއެވެ. ޔޫޝައު ނުރޯން ވަރަށް ހިތްވަރުކުރިއެވެ. ނަމަވެސް ލަމްހާގެ ވޭނީ ގިސްލުމުގެ އަޑުން އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް އާދިލްގެ ގައިގައި ބައްދައިގަނެގެން އޮވެ ރޯން ފެށުނެވެ. ބޮޑު ސިންގާ ފިރިހެނަކު އެގޮތަށް ރޯން ފެށުމުން އާދިލްވެސް ދެރަވެ ރޮވޭގޮތްވިއެވެ. އައިކާ ގޮސް ލަމްހާގެ ގާތުގައި އިށީނުމުން ލަމްހާ އައިކާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ދިޔައެވެ. އާދިލް ޔޫޝައު ގޮވައިގެން ނުކުތީ ބޭރަށެވެ. އިރުގަނޑެއް ފަހުން އެދެމީހުން އެތެރެއަށް ވަތްއިރު ޔޫޝައު ހުރީ ހަމައަކަށް އެޅިފައެވެ. އޭރު ލަމްހާއަށް އޮތީ ސޯފާގައި ނިދިފައެވެ.

"ލަމް! ހިނގާ ކޮޓަރިއަށް.. ތިތާ އޮއްވާ ވެއްޓިދާނެ.." ޔޫޝައު ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމުން ލަމްހާ ތެދުވިއެވެ.

"އިކާވެސް ދޭ ދެން ކޮޓަރިއަށް.. އަހަރެން އެބަ ދަން.." ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލާފައި ކޮޓަރިއަށް ދިޔައެވެ. އާދިލްވެސް ފަހުން އަންނާނަމޭ ބުނެފައި ގެއަށް ދިޔައެވެ.

"ޔޫ! އަހަރެންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ.."

"ލަމް! ޕްލީޒް.. ނުރޮއިބަލަ.. ލަމް ތިހެން ރޮއި ހިތާމަކުރަންޏާ ލަމްގެ ބަނޑުގަ މިއޮތް ދަރިފުޅަށް ކިހިނެއްވާނީ؟ ލަމް ބޭނުންތަ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބެން؟" ޔޫޝައު އެހެން އަހާލުމުން ލަމްހާ ބޯ ހޫރާލިއެވެ.

"ދުނިޔޭގަ އުޅޭއިރު އެކި ކަހަލަ ކަންތައްތަކާ ކުރިމަތިވާނެ.. ހިތާމަތައް ކުރިމަތިވާނެ.. އެކަންތައްތަކަށް އަހަރެމެން ޖެހޭނެ ކެތްތެރިވާން.. ކޮންމެ މީހަކީވެސް މިދުނިޔޭން ދާންޖެހޭނެ މީހެއް.. އެކަން އަހަރެމެން ޖެހޭނެ ޤަބޫލުކުރަން.. ހިތްވަރުކުރަން ޖެހޭނެ.." ޔޫޝައުގެ ވާހަކަތައް ލަމްހާ އަޑުއެހިއެވެ. އޭނާ އެވާހަކަތައް ޤަބޫލުވެސް ކުރެއެވެ. ނަމަވެސް އޭނާއަށް ކެތްކުރަން ދަތިވަނީއެވެ.

"ޤަބޫލުކުރަން.. ހިތްވަރުވެސް ކުރަން.. އެކަމް އެއީ އަހަރެންނަށް މިދުނިޔޭގަ ނުލިބުނު މަންމައެއްގެ ލޯބި ދިން މީހަކީ.. ބައްޕަ ނިޔާވީއްސުރެ ފެށިގެން ޔޫއާ އިންނަންދެން އަހަރެންނަކަށް އެއްވެސް މީހެއްގެ ލޯތްބެއް ނުލިބޭ.. އަހަރެންނަށް ލިބުނީ ވޭނާއި ހިތްދަތިކަމާއި އަނިޔާ.. އަހަރެންނަށް ލޯތްބަކީ ކޮން އެއްޗެއްކަން، ކިހާވަރެއްގެ އެއްޗެއްކަން ދަސްވީ މިގެއިން.. މަންމަގެ ފަރާތުން.. އެހެންވީމަ ކުއްލިއަކަށް މަންމަ ނިޔާވުމުން އަހަރެން ކެތްކުރާނީ ކިހިނެއް؟" ލަމްހާއަށް އަނެއްކާވެސް ރޮވުނެވެ.

"ލަމް! ރަނގަޅު.. ދެރަވާނެ.. ކެތްކުރަން އުނދަގޫވެސް ވާނެ.. އެކަމަކު ބަލާބަލަ އަހަރެން.. އަހަރެން ހަނދާން ހުންނަން ފެށިއިރުވެސް އަހަރެންގެ ބައްޕައެއް ނުހުރޭ.. އަހަރެންވެސް ބައްޕައެއްގެ ލޯބި ބޭނުންވި.. ކިތަންމެ ވަރަކަށްވެސް ބޭނުންވި.. އެކަމަކު އެނަސީބެއް އަހަރެންނަކަށް ނުލިބުނު.. މަންމަ ބޭނުމެއްނުވި އަހަރެންނަށް ދޮންބައްޕައެއް ހޯދައިދޭކަށް.. އެއީ އަހަރެންނަށް ދެރަގޮތެއް ވެދާނެތީ.. މަންމައަށް އަހަރެންނާމެދު ފަރުވާކުޑަ ކުރެވިދާނެތީ.. އޭރު އަހަރެން އަބަދުވެސް އެހެން ކުދިންގެ ބައްޕަ ހުރެފައި އަހަރެންގެ ބައްޕަ ނުހުންނާތީ އެވާހަކަ ވާހަކަ ދައްކާ ބޮޑާހޭކިން.. އެކަމް އަހަރެންނަށް ހެޔޮނުބައި ވަކިވާން ފެށީމަ އަހަރެންނަށްވެސް އެނގުނު އެއީވެސް އިމްތިހާނެއްކަން.. އެކަމަށްވެސް ކެތްތެރިވާން ޖެހޭނެކަން.. އަހަރެންވެސް ކެތްކުރިން.. މިދުނިޔޭގަ އަހަރެންގެ އެކަކުވެސް ނެތް އެ މަންމަ ނޫނީ.. އެ މަންމަ ނޫނީ އަހަރެންނަށް ލޯބިދިން މީހެއް މި އުޑުދަށަކު ނެތް.. އެހެންވީމަ އެ މަންމަ ވަކިވީމަ އަހަރެން ދެރައެއް ނުވާނެތަ؟ އެކަމަކު އަހަރެންވެސް މި ކެތްކުރަނީނު.. ލަމްވެސް ވާނެ ކެތްތެރިވާން.. ލަމްގެ ބަނޑުގަ މިއޮތް ދަރިފުޅަށްޓަކައިވެސް ކެތްކުރަން ލަމްއަށް މަޖުބޫރުވާނެ.. މީ އެތައް ދުވަހެއް ވަންދެން އަހަރެމެން ދެމީހުން ދުށް ހުވަފެނެއް.. ކުރި އިންތިޒާރެއްގެ ނިމުން.." ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ބޯޖަހާލަމުން ޔޫޝައުގެ މޭގައި ބޯއަޅާލައިގެން އޮތެވެ. އެއޮތްގޮތަށް އޮވެ ލަމްހާއަށް ނިދުނީއެވެ.

"މަންމާ! އަޅެ ޔޫޝައުވެސް ހާދަ ދެރަވެފައޭ ހުރީ.. ދެރަވާނެއެއްނު ދޯ މަންމާ.. ޔޫޝައުގެ އެހެން އެކަކުވެސް ނެތް.. ލަމްހާވެސް ރޯވަރުން އަހަރެންވެސް ވަރަށް ދެރަވޭ.. ލަމްހާގެވެސް އެކަކުވެސް ނެތް.. އޭނަ ހާޖަރާ މަންމަދެކެ ހާދަ ލޯތްބެއްވެޔޭ.. ހަމަ އަހަރެން މަންމަދެކެ ލޯބިވާހެން.. ޔޫޝައުއަށްވުރެވެސް ބޮޑަށް ލަމްހާ މަންމަދެކެ ލޯބިވޭ.." އައިކާ ނޭފަތް ދަމާލިއެވެ.

"ދަރިފުޅާ! މާބޮޑަށް ރޮއި ނުހަދާތި.. މިހާރު ތީނދަ ދުވަސް ފުރެނީ.. ހިތާމަކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ.. އަނެއްކާ ޔޫޝައުމެންގެ ކުރިމަތީ ދަރިފުޅު ރޮއި ހަދަންޏާ އެމީހުންވެސް ހައްތަހާ ސަކަރާތްވާނީ.. ދަރިފުޅު ވީހާވެސް ބޮޑަށް ޔޫޝައުއަށް ލޯބިދީ.. ލަމްހާއާ ކުރިއަށްވުރެވެސް އަޅާލާ.. އޭރުން މަޑުމަޑުން އެމީހުންނަށް އެހިތާމައާ ދުރަށް ދެވިދާނެ.." ސަނާ އައިކާއަށް ނަސޭހަތްދިނެވެ.

"މަންމާ! އަހަރެން ކެތްކުރަމޭ.. އަހަރެން އެމީހުންނަށް ފެނިގެން ނުރޮއި ވޭތޯ ހާދަ މަސައްކަތެއް ކުރަމޭ.. އެކަމްވެސް އެމީހުން ރޯތީ ދެރަވެގެން ރޮވެނީ.. ދެން ނުރޯނަން.. މަންމައާ ވާހަކަ ދައްކާލެވުނީމަވެސް ވަރަށް ހިތްހަމަޖެހިއްޖެ.." އައިކާ ދެލޯ ފޮހެލަމުން ބުނެލިއެވެ. އަދި ގުޅާނަމޭ ބުނެފައި އައިކާ ފޯނު ބާއްވަނިކޮށް ޔޫޝައު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ޔޫޝައު ފެނުމުން އައިކާ ހިނިތުންވެލިއެވެ. ޔޫޝައު މަޑުމަޑުން އައިސް އައިކާ ގާތުގައި އިށީނެވެ.

"މަންމަ ގުޅި.. ބުނި ޔޫޝް ގާތު ބުނައްޗޯ ހިތްވަރުކުރައްޗޭ.. އަދި އަހަރެންނަށް ވަރަށް ނަސޭހަތްދިން ޔޫޝްއަށް ހިތްވަރުދޭށޭ ކިޔައިގެން.. ވިހަން ގާތްވާތީ އެކަމަށްވެސް ވިސްނައިގެން އުޅެއްޗޭ ބުނި.." އައިކާ ޔޫޝައުގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބުނެލިއެވެ.

"ކޮބާ ލަމް؟ މިހާރު ރަނގަޅުތަ؟" އައިކާ އަހާލިއެވެ.

"ހޫމް.. ނިދިފަ އޮތީ.." ޔޫޝައު އެހެން ރޭރެޔާ ޚިލާފަށް މިރޭ ބަސްމަދެވެ. އެހެން ވާނެކަންވެސް އައިކާއަށް އެނގެއެވެ. ކުއްލިއަކަށް އެފަދަ ހިތާމައެއް ކުރިމަތިވުމުން ކޮންމެ މީހަކަށްވެސް އެހެން ވާނެއެވެ.

"ޔޫޝް މިރޭ ދާންވީނު އެކޮޓަރިއަށް.. ލަމް ކިހާ އެކަނިވާނެ.. އޭނަ ކިހާ ދެރަވެފަ ހުރީ.." އައިކާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"އޭރުން އިކާޔޯ؟ އިކާވެސް ދެރަވެއެއްނު.. އިކާވެސް އެކަނިވާނެއެއްނު.. އިކާއަށް މިދުވަސްކޮޅު އަހަރެން ކައިރީގަ ހުރުން ވަރަށް މުހިންމުވާނެ.. މިއަދުވެސް އިކާގެ ބަނޑުގަ ރިއްސިއެއްނު.. އެހެންވީމަ އަހަރެންނަކަށް ނުކެރޭނެ އިކާ އެކަނި ބާއްވާފަ ދާކަށް.. ދަންވަރު ކަމެއް ދިމާވެއްޖެއްޔާ ކިހިނެއް ހަދާނީ؟ އެހެންވެ ލަމްވެސް ބުނެފަ އޮތީ އިކާ ވިހަންދެން އަހަރެން މިކޮޓަރީގަ އޮންނާށޭ.." ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ބޯހޫރާލެވުނެވެ.

"އެކަމް މިރޭ ދެން ދޭ.. މިރޭ އޭނަ އެކަނިކޮށްލާކަށް ނުވާނެ.. ޔޫޝްއަށްވެސް އެނގެއެއްނު މިރޭ ލަމްގެ ހާލު ހުރިގޮތް.." އައިކާ ކުރުނުކޮށް ކިޔަން ފެށުމުން ޔޫޝައު އެކޮޓަރިއަށް ދާން އެއްބަސްވިއެވެ. ޔޫޝައު ލަމްހާގެ ކޮޓަރިއަށް ދިޔައީ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް އޭނާއަށް ގުޅާށޭ ބުނެފައެވެ. ޔޫޝައު ދިއުމުން އައިކާ އޮށޯތީ ވަރުބަލިވެފައި ހުރުމުންނެވެ. ކޮޓަރި ތަޅުނުލީ ކަމެއް ދިމާވިނަމަވެސް ޔޫޝައުއަށް އަވަހަށް އައިސް ވަދެވޭނެގޮތް ހެދުމުގެ ބޭނުމުގައެވެ. އެގޭގައި އިތުރު އެއްވެސް މީހަކު ނޫޅޭތީ އެއްވެސް ކަހަލަ ބިރުވެރިކަމެއްވެސް ނެތީމައެވެ.

ހަފްތާއެއްވީއިރު މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުން ދިޔައެވެ. ޔޫޝައުވެސް އަލުން އޮފީހަށް ނުކުމެ މަސައްކަތައިގެން ކުރިއަށް ދިޔައިރު އައިކާއާއި ލަމްހާވެސް ކުރިއެކޭ އެއްގޮތަށް އުޅެމުން ދިޔައެވެ.

**********

"ޒިޔާ! ވަރުބައްޔެއްވެސް ނުވޭތަ؟ މިހާރު އެހެރަ ދޭއްޖެހީ.." ލީން އަހާލިއެވެ.

"ވަރުބަލިވާވަރު ކަމެއް ނުކުރެވެއެއްނު އަދި.."

"އަހަރެން މިހާރު ވަރުބަލިވެއްޖެ މިހެން އިނދެ އިނދެ.." ލީން އެހެން ބުނެލުން ޒިޔާން ލީންއަށް ބަލާލިއެވެ.

"ލީން ވަރުބަލިވެއްޖެއްޔާ ގޮސް އޮށޯވެލާ.. އަހަރެން މިތަންކޮޅު ކުރަހާ ނިންމާލާފަ ދާނީ.. މާދަމާ ރޭ ފަށާ މުބާރާތަށް ނިންމަންޖެހޭ ކުރެހުމެއް މީ.. މާދަމާ މެންދުރު އެމީހުން އަންނާނެ މި ބަލާ.. އޭރަށް ނިންމަން ޖެހޭނެއެއްނު.." ޒިޔާން ބުނެލިއެވެ. ޒިޔާން ހުރީ އެރޭ ރަށު ސްކޫލުގައި އޮތް ތަމްސީލު މުބާރާތުގެ ބެކްގްރައުންޑަށް ތައްޔާރުކުރަން ހަވާލުކުރި ކުރެހުމެއް ކުރަހާށެވެ.

"ދެން ތި ބަހައްޓާފަ ހިނގާބަ ނިދަން.. މާދަމާ ހެނދުނުވެސް ކުރެހިދާނެއެއްނު.."

"ލީން ދޭބަލަ މިވަގުތު.. ވާހަކަދައްކަން ހުންނަންޏާ ހައްތަހާ ލަހޭ ވާނީ.. ނުވާނެއޭ ގިނައިރެއް.. ފަސްމިނެޓް ވާނީ.." ޒިޔާން އެހެން ބުނެލުމުން ލީން އެންމެ ރަނގަޅޭ ބުނެލިއެވެ.

"އަވަސްކުރައްޗޭ އިނގޭ.." ލީން ކޮޓަރިއަށް ވަންނަމުންވެސް އެހެން ބުނެލުމުން ޒިޔާންއަށް ބޯ ހޫރާލެވުނެވެ. ޒިޔާން އެތަންކޮޅު ކުރަހާ ނިންމާލާފައި ދިޔައިރު ލީން ހުރީ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

"ކިހިނެއްވީ؟"

"ޒިޔާ! އަހަރެން އެބަ ވަރަށް ހާސްވޭ.. ހީވަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭހެން.. މިރޭ މާބޮޑަށް އެބަ އިކާ މަތިންވެސް ހަނދާންވޭ.. ނޭނގެ މިވާގޮތެއް.. ވަރަށް އެހެން ކަހަލަ ގޮތްތަކެއް ވަނީ.." ލީންގެ ހިތުގައިވާ ނުތަނަވަސްކަން ޒިޔާންއަށްވެސް ފާހަގަކުރެވުނެވެ.

"އާދެބަލަ މިތާ އިށީންނަން.. ތިވާނީ މިރޭ މާގިނައިން އިކާގެ ވާހަކަ ދެއްކީމަ ވާގޮތެއްކަމަށް.."

"ނޫން ޒިޔާ.. އަހަރެންނަށް މިހެން ހީވާ ހީވުން ވަރަށް ސީދާވާނެ.. ކުރީ ފަހަރުވެސް އިކާ.." ލީން ކުއްލިއަކަށް ހުއްޓާލިއެވެ.

"އިކާ ކިހިނެއްވީ؟"

"ކަމެއްނުވޭ.." ލީން ދުރަށް މޫނު އަނބުރާލިއެވެ.

"ދޮގު.. ލީން އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟" ޒިޔާން އެހެން އަހާލުމުން ލީންއަށް ޒިޔާންއާ ދިމާ ބަލާލެވުނެވެ.

"ސޮރީ ޒިޔާ.. އަހަރެންނަށް އެވާހަކަ ބުނެވޭކަށް ނެތް.. އެވާހަކަ އެއްވެސް މީހަކު ގާތު ނުބުނާނެކަމަށް އަހަރެން ވާނީ އިކާއަށް ވަޢުދުވެފަ.. އެކަމް އަހަރެންނަށް އެ ވަޢުދު އުވާލެވިއްޖެ.."

"ވަޢުދެއް އުވާލެވުމަށްފަހު އެއީ ވަޢުދަކަށް ނުވާނެ.. ބުނެބަލަ.. އިކާ ކިހިނެއްވީތަ؟" ޒިޔާން އަނެއްކާވެސް އަހާލިއެވެ. ލީން ޒިޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަންހެނުންނަކީ ޒިޔާން ވަރަށް ޤަދަރުކުރާ ބައެކެވެ. ވީއިރު އަންހެނަކާމެދު އެފަދަ ގޮތަކަށް ކަންތައް ކުރީތީ އޭނާއަށް އައްޒާމްދެކެ އިންތިހާއަށް ރުޅިއާދެވުނެވެ.

"އަހަރެން އިކާއަށް ގުޅާލާނަން.." ލީން އެހެން ބުނެލާފައި ފޯނު ނެގިއެވެ. އައިކާއަށް ނުގުޅަން ނިންމައިގެން ހުރިނަމަވެސް މިރޭ އޭނާއަށް ކުރެވޭ އިހުސާސްތަކަކުން ގުޅަން ބޭނުންވީއެވެ. އައިކާގެ ނަންބަރަށް ގުޅާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ.

"ނިއްވާލާފައޭ އޮތީ.."

"ޔޫޝައުއަށް ގުޅާބަލަ.." ޒިޔާން ލަފާދިނެވެ.

"އޭނަ އޮވެދާނެ ލަމްހާ ކައިރީވެސް.. އެހެންނޫނަސް އަހަރެންނަކަށް ނޭނގެ އޭނަގެ ނަންބަރެއްވެސް.." ލީން މާޔޫސްވިއެވެ.

"އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ.." ޒިޔާން އެހެން ބުނެލުމުން ލީންވެސް ބޯޖަހާލިއެވެ.

"ދެން ހިނގާ ނިދަން.. ތީ ނުނިދިގެން އުޅުނު މީހާއެއްނު.." ޒިޔާން ގަސްތުގައި ލީން ރުޅިއަރުވާލިއެވެ.

**********

ޔޫޝައުއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާތީއެވެ. ސްކްރީނަށް ބަލާލިއިރު ނުދަންނަ ނަންބަރެކެވެ. އެހެންކަމުން އޭނާ ފޯނު ނަގަން ނުނަގަން އިނދެފައި ފޯނު ނަގައި ހަލޯއޭ ބުނެލިތަނާ އެކޮޅުން ފޯނު ކަނޑާލައިފިއެވެ. އޮޅިގެން ގުޅުނީކަމަށް ބަލައި އޭނާ ފޯނު ބާއްވަން އުޅުނުތަނާ މެސެޖެއް އައެވެ. ދެންމެގައި ގުޅި ނަންބަރުންނެވެ. ޔޫޝައު މެސެޖް ހުޅުވާ ބަލާލިއެވެ.

"ދެންމެގަ ތިގެއަށް މީހަކު ވަންނަނިކޮށް އަހަރެންނަށް ފެނިއްޖެ.. ހީއެއްނުވޭ ވަގަށް ވަންނަން އުޅުނު މީހެއްހެނެއް.. ހަމަ ބޮޑު ދޮރުން ހަމަޖެހިލާފަ ވަނީ.." މެސެޖް ކިޔާލުމާއެކު ޔޫޝައު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދޭތެރެ ޖައްސަން އެ އުޅުނު މީހަކީ ކާކުބާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ނުވެސް ދަންނަ މީހަކު ދަންވަރު ގަޑީގައި އޭނާގެ ފޯނަށް ގުޅައި މެސެޖް ކުރުމުގެ ބޭނުމަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ.

"ބުނަން.. ކަލޭ ކިތަންމެ ވަރަކަށް ދޭތެރެ ޖައްސަން އުޅުނަސް ތިކަމެއް ނުވާނެ.." ވަރަށް ރުޅިއައިސްފައި ޔޫޝައު މެސެޖުގެ ރިޕްލައި ދިނެވެ.

"މީ ދޭތެރެ ޖައްސަން ބުނާ އެއްޗެއް ނޫން.. ހަމަ ޔޫޝައުއަށް ރަނގަޅަކަށް.. ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ބުނެލީ.. ޤަބޫލު ނުކުރެވެންޏާ ޔޫޝައުގެ ދެއަނބިންގެ ކޮޓަރި ބަލާލަބަލަ.. އޭރުން އަހަރެން މިބުނާ އެއްޗެއްވެސް އެނގިދާނެ.." ޔޫޝައުގެ މެސެޖާއި ވިއްދައިގެން އައި މެސެޖުގައި އޮތެވެ.

"އައި ޑޯންޓް ކެއަރ.. ޔޫސްލެސް ބިޗް.." ޔޫޝައު އޭނާގެ ދެއަނބިންނަށް ފުރިހަމައަށް އިތުބާރުކުރެއެވެ. އަދި ވަގުތުން ފޯނު ނިއްވާލިއެވެ.

"ކާކުތަ މި ދަންވަރު ތާކުންތާކު ނުޖެހޭ ދޮގު ޚަބަރުތަކަކައިގެން މެސެޖްކޮށް އެ ގުޅައިގަތީ؟ ކުރާނެ ކަންތައް ހުސްވީތަ ދޭތެރެ ޖައްސަން އެ އެނބުރިގަތީ.. މުޅި ރޭ ޚަރާބުކޮށްލައިފި.." ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާއަށް ދެން އެރޭ ނުނިދޭނެތީއެވެ. އޭނާއަކީ ނިދާފައި ހޭލެވިއްޖެނަމަ ދެން ނިދޭ މީހެއް ނޫނެވެ. ދަންވަރުގެ އެވަގުތުގައި ހޭލެވުމުން އައިކާގެ ހާލު ބަލާލައި ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލާލަން ޔޫޝައު ބޭނުންވިއެވެ. އޭނާ މިދުވަސްކޮޅު ނިދާ އުޅެނީ އައިކާގެ ކޮޓަރީގައިކަމަށް ވިޔަސް ލަމްހާ ކުޑަކޮށް ބަލިވެ އުޅޭތީ އޭނާ އެރޭ އެކޮޓަރިއަށް ނިދަން އައީއެވެ. އޭނާ އެއްވެސް ފިކުރެއްނެތި އައިކާގެ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ.

"އައިކާ........"