ފާއިތުވި ދުވަސްތަކުގައި ކުރި ގަދަ ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޒިޔާރަތްކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދަނީ ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅިގެންނެވެ.
ގެއްލުން ލިބުނު ގެތަކުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ރިޕޯޓުކުރެވުނު ގިނަ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.
މި މަސައްކަތުގައި އިޖުތިމާޢީ ވުޒާރާއާއި އެންޑީއެމްއޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓުން ވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ގެތަކަށް ޒިޔާރަތްކޮށް، އެސެސްމަންޓް ހެދުމުގެ މަޤްޞަދަކީ ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ.