އިސްމާއީލީ ވޯރާ މުސްލިމުންގެ 49 ރޫހާނީ ލީޑަރު ޕްރިންސް ކަރީމް އަލްހުސައިނީ (18 ވަނަ އާޣާ ޚާން) ޕޯޗުގަލްގައި އިއްޔެ އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އާޣާ ޚާންގެ އުމުރުފުޅަކީ 88 އަހަރެވެ. އޭނާ އާޣާ ޚާނަށް ވެ ވަޑައިގަތީ އުމުރުން 20 އަހަރުގައި ހަރވަރޑް ޔުނިވަރސިޓީގައި ކިޔަވައި ވިދާޅުވަމުން ގެންދަވަނިކޮށް އޭނާގެ ކާފަ އަވަހާރަ ވުމުންނެވެ.
އިސްމާއީލީ ޝީއާއިން އެމީހުންގެ އިމާމު ހޮވަނީ އާއިލާގެ ތެރޭންނެވެ. އެގޮތުން ދަރިފުޅެއް ނޫނީ ގާތްތިމާގެ މީހަކުވެސް އިޚުތިޔާރު ކުރެވިދާނެއެވެ.
ޕްރިންސް ޕްރިންސް ކަރީމް އަލްހުސައިނީ އަށް 18 ވަނަ އާޣާ ޚާންގެ މަގާމު ލިބިވަޑައިގަތީ އޭނާގެ ބައްޕަގެ ނާޗަރަންގީ ދިރިއުޅުއްވުމަށް ކާފަ ނުރުހި ވަޑައިގަތުމުންނެވެ.
އާޣާ ޚާން ފައުންޑޭޝަން އިއުލާން ކުރިގޮތުގައި 19 ވަނަ އާޣާ ޚާން ވަނީ މަރުޙޫމްގެ ވަސިއްޔަތުގައި ކަނޑައަޅުއްވާފައެވެ. އަދި ވަސިއްޔަތުނާމާ، ލިސްބަންގައި ތިބި އޭނާގެ އާއިލާ އާއި ދީނީ އިލްމުވެރިންގެ ހާޒިރުގައި ފަހުން އިއްވޭނެ ކަމަށް ބުނެފައި ވެއެވެ.
ޢާޣާ ޚާނަކީ، ސީދާ ރަސޫލާގެ ދަރިފަސްކޮޅަށް ނިސްބަތްވާ 1300 އަހަރުވެފައިވާ ބައެއްކަމަށް ޚާންދާނީ ސިލްސިލާއިން ދައްކައެވެ.
އާޣާ ޚާން ފައުންޑޭޝަނަކީ، އިލްމާއި ސަގާފަތް ކުރިއެރުވުމަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރު ހިލޭސާބަހަށް ހޭދަކުރާ ފައުންޑޭޝަނެކެވެ. ކޮންމެ އަހަރަކު 30 ގައުމެއްގައި 1 ބިލިއަން ޑޮލަރު އާޣާ ޚާން ފައުންޑޭޝަނުން ހޭދަ ކުރެއެވެ. މި ފައިސާއަކީ ވޯރާއިން އާމްދަނީގެ 12.5 ޕަސެންޓް ޒަކާތުގެ ގޮތުގައި ދައްކައިގެން އެއްކުރާ އާމްދަނީއެވެ.
ރަސްމީ ކަންކަމާއި މުނާސަބާތުގައި އާޣާ ޚާނަކީ، އާންމު ޕްރޮޓޮކޯލުން ގައުމެއްގެ ރައީސެއްގެ ދަރަޖަ ދެވިފައިވާ ބޭފުޅެކެވެ.