ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. މި އޮޕަރޭޝަނުގައި ޢަލީ ޙާޒިމް ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު، އެކި ބްރޭންޑްތަކުގެ ޖުމްލަ 43 ފުޅި ބަނގުރާ ފެނުނެވެ. މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރުވެސް ވަނީ ޓޯވްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޢަލީ ޙާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ދަނީ ތަޙްޤީޤުކުރަމުންނެވެ.