ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މާލެ އަތޮޅު ގުޅިއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.

އެގޮތުން، މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާއިމެދު އެމަނިކުފާނު މަޝްވަރާކުރައްވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.