ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެނެސްފައިވާ ބަދަލުތަކަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ތައުރީފް ކުރައްވައިފިއެވެ.

މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވެފައިވަނީ، މި ބަދަލަކީ ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ. އަދި މިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައިވެއެވެ.

"މި ނިންމެވުމުގެ ސަބަބުން އުމުރުން ދުވަސްވީ ފަރާތްތަކުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރަމުން އައި އިންތިޒާރަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ،" ޝަކީލް ވިދާޅުވިއެވެް ވިދާޅުވިއެވެ.

މިގޮތުން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައި ކަންކަމުގެ ތެރޭގައި ހިމެނެނީ:

ހ. އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.

ށ. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން.

ނ. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެމީހެއް) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން.(ނޯޓު: ސިއްހީ ހާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށެވެ.)

ރ. ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 05 (ފަހެއް) އަހަރު ވުމުންކަމަށް ކަނޑައެޅުން.

ބ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް (ހ)، (ނ) އަދި (ރ) އިން އިސްތިސްނާކުރުން

މިއީ ޙައްޖަށް ދިއުމަށް އެދޭ ގިނަ ދިވެހިންނަށް އުފާވެރި ޚަބަރެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް މި ބަދަލުން ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.