މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބ.ކަމަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން. މަތިމަރަދޫ / ފާގަމާގެ، އަހުމަދު ހަލީލު (50އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، ކަމަދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.