ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބުރު މިއަދު ފަށައިފިއެވެ.
އާރްޑީސީން ބުނީ ބިނާވެހި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޟިރުނުވާ ފަރާތްތަކަށް، އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ މަގްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އާރްޑީސީން ބުނެފައިވެއެވެ.
ބިނާވެހި ޕްރޮގްރާމްގެ ބައިވެރިންނަށް މަސައްކަތް ކުރެވޭނެ ދާއިރާތަކުގެތެރޭގައި އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ ހިމެނެއެވެ. މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ވެސް ހިމެނެއެވެ.
އަދި މިއީ މިއީ 16 އަހަރާއި 21 އަހަރުގެ ކުދިންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދޭކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އާރްޑީސީން ބުނީ ބިނާވެހި-އިންޓަރންޝިޕްގެ ތިން ވަނަ ބުރުގައި ބައިވެރިވީ 5 ކުދިން ކަމަށެވެ.