ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، މާލެ އަތޮޅު ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ޔަގީންކަން ގުޅީ ރައްޔިތުންނަށް ދެއްވާފައިވަނީ، މިހާރު ގުޅިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖައްސަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނުވަނީ، ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ މައްސަލައަށް އަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މިވަގުތުވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޓީމު ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަވާނީ، ކައުންސިލުން ބައްޓަންކޮށްފައިވާގޮތަށް، އިތުރު ބަދަލެއް ނުގެނެސްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތްކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނޭ އަދި އިގްތިސާދީ ނަފާ ބޮޑުވާނޭ ގޮތަށް އިސްކަންދެއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޙައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ހައްލެއް އޮތްނަމަ، ހައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ބިމުގެ ދަތިކަން ނައްތާލެވި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްގީއަށް ލާޒިމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށައި، ރަށުގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ހައްލެއް ހޯއްދަވައިދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

މާލެ އަތޮޅު ގުޅިއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ، 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސްޔާ ފަށްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.