2025 ވަނަ އަހަރަކީ "ބޯހިޔާވަހިކަމުގެ އަހަރަށް" ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މާލެ އަތޮޅު ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރުގެ ވަގުތެއްގައި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ފެށުނު 2025 ވަނަ އަހަރު ވެގެންދާނީ މާތް ﷲ ގެ އިރާދަފުޅާއެކު، ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމުގައި ޢަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިންގާނެ އަހަރަށް ކަމުގެ ޔަގީންކަން، ދިވެހި ރައްޔިތުންނަށް ދެއްވައިފައެވެ.

އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ސަރަހައްދެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ހުރިހައި މަޝްރޫއުތައް އަމަލީ ގޮތުން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް، މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލު ކުރެވޭ ތަރުތީބުން، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ދާއިރާއިން އެއް އަހަރެއްގެ ތެރޭގައި ޢަމަލީ ގޮތުން އެންމެ ގިނަ މަޝްރޫއު ހިންގޭނެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ބިން ހިއްކައި، ޖާގަ އިތުރު ކުރެވިފައި ވާ ރަށްތަކުގައިވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މިކަން ހިނގަމުންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވެރިރަށް މާލެ ސަރަޙައްދުގެ މަޝްރޫއުތައްވެސް އިއުލާންކުރައްވާފައި ވާ ގޮތަށް ކުރިއަށްދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މާލެ އަތޮޅު ގުޅިއާ ދާދި ކައިރީގައި އޮތް ފަޅަކީ، އަދުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫޢު ހިނގާ ސަރަހައްދުކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، މާތް ﷲގެ އިރާދަފުޅާއެކު "ރަސްމާލެ" މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ހައްލެއް ލިބޭނެ މަޝްރޫއުކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަޝްރޫޢުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، އިތުރު ފަރާތްތަކާ ގުޅިގެން މަޝްރޫއު ފުޅާކޮށް، މަސައްކަތުގެ ދުވެލި، ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މަޝްރޫއު ނިމިގެންދާއިރު މުޅި ރާއްޖެއަށް، އަދި ރަސްމާލެ ހިމެނޭ ސަރަހައްދަށްވެސް ފައިދާތަކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކާއި، ރަށްތަކާއި، ސިޓީތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި ކ. ގުޅިއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް އިތުރަށް ވިދާޅުވީ، މި އަހަރަކީ ތަރައްގީގެ އަމަލީ މަސައްކަތާއި މާލީ ތަނަވަސްކަން އިޙްސާސްކޮށްދިނުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި، އެހާމެ ބާރަށް ހިނގާނެ އަހަރެއް ކަމަށެވެ. ކުރިއަށްދާންވީ މި ރޫހާއި އުންމީދުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވާރުތަވި އިގްތިސާދަކާއެކު ނިމިދިޔަ އަހަރަކީ އެންމެ އެދިވަޑައިގެންނެވި ގޮތަށް ކަންކަން ހިނގި އަހަރަކަށް ނުވި ނަމަވެސް، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ހަރުދަނާ ކުރެއްވި، އިގްތިސާދީ ބިންގަލުގެ މަތީގައި ޤައުމު ބިނާކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. ސަރުކާރުގެ އެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެ ނޫންވެސް ގޮތްގޮތުން އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ދޭންޖެހޭ އުޖޫރަ ހަލާސް ކުރުމުގެ މަސައްކަތްތައް މިދިޔަ އަހަރު ކުރެއްވި ފަދައިން، މި އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައިވެސް އެމަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނަށް އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯއްދަވައިދެއްވުން ކަމަށް ވާއިރު، ތަރައްގީގެ ކަންކަން ބައްޓަންކުރައްވަނީވެސް މި މޭރުމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދާ ހަމައަށް ލިބިފައި ވަނީ މުޅިންވެސް އުމްރާނީ ނުވަތަ ފެންނަން ހުންނަ ތަރައްގީއެއް ކަމަށާ، ނަމަވެސް އެ މަނިކުފާނުގެ ޢަމާޒަކީ، އުމްރާނީ ތަރައްގީއާއެކު ފިކުރީ އަދި ރޫޙާނީ ތަރައްގީ ހިމެނޭހެން ވަށާޖެހެނިވި ތަރައްގީއެއް ގެނެސްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ވަގުތީ ހިތްހަމަނުޖެހުންތަކެއް ހުރި ކަމުގައި ވީ ނަމަވެސް، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، ގައުމަށާއި މުޖުތަމަޢަށް ފައިދާ ލިއްބައިދެނިވި މޭރުމަކުން ކަންކަން ކުރިއަށް ގެންދެވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.