އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ދަންނަވާފައެވެ.

މި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އައު ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ އާއި އަދި އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ހިޒް އެކްސަލަންސީ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސަށް އަރިސްކުރައްވާފައެވެ. އިންޑިއާގެ އައު ސަފީރާއެކު ރައީސް ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ‌‏ތަރައްގީގެ މަގުގައި އެއްބާރުލުންދިނުމާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ‏ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް މިގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމުގެ އަޒުމް އައުކުރައްވަމުންނެވެ.