ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި މަޝްރޫއަކީ ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ރާއްޖެއާ ޗައިނާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެއްވި ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫއުގެ ތެރެއިން، ކަރަންޓުގެ ހިދުމަތްދިނުމުގެ ނެޓްވޯކް ގާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ގާއިމުކުރުމާއި، ޑީވޯޓަރިންގ ސިސްޓަމް ގާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ގާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.
މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުﷲ މުއްތަލިބް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއާން ހައޯޖޫން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވީ މިއަދު ސޮއި ކުރެއްވި މަޝްރޫއަކީ ރައީސް އިސްނެންގެވުމުގެ މަތިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ތަރައްގީއަށް އިސްކަން ދެއްވާނެކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.