މި ހިނގާ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓެއް އައިލެންޑް އޭވިއޭޝަނަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ ކުރިމަގު ރޭވުމުގެ ތަސައްވަރުގެ ތެރޭގައި ކަނޑައެޅި ކަނޑައެޅުމެއްގެ ގޮތުގައި އުފަންވި، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންސް ފެށުމުގެ ހިޔާލު މިއަދު ހަގީގަތަކަށްވެ، އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސް، ދިވެހި މުވައްޒަފުންގެ ބައިވެރިވުމާއެކު އޮޕަރޭޓްކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި މި ޙަފުލާގައި، ރައީސް ސިފަކުރައްވާފައިވަނީ، މިއީ އަދި ފެށުމެއްގެ ގޮތުގައެވެ.
މިއަދުގެ ހަފުލާގައި ރައީސް ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިގްތިސާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަޅުގަނޑުމެންގެ އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާއަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރިއަށް މި އޮތީ ތަރައްގީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ، އިގްތިސާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުންވެސް ތަރައްގީގެ އަމަލީ މަންޒަރުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްގީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ހާސިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްގީއެއް ގައުމަށް ގެނެސްދެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ، 17 ޑިސެންބަރު 2023 ގައެވެ.
ރާއްޖެއަށް ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ތައާރަފްކުރެއްވުމަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގެ ވައުދުފުޅެކެވެ.