ޤައުމީ އެއަރލައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިސަރުކާރުން ގައުމީ އެއަރލައިން ކޮޅަށް ޖަހާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް މިއަދު ހަވީރު ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އަމީންވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވުމުން ދުރު މަންޒިލްތަކަށް ޤައުމީ އެއަރލައިން މެދުވެރިކޮށް ދަތުރުތައް ކުރެވިދާނެ ކަަމަށެވެ. ނަމަވެސް، މިހާތަނަށްވެސް ދުރު މަންޒިލުތަކަށް ދަތުރުތައް ފެށިފައިނުވަނީ މީގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު 2018 ވަނަ އަހަރު ނިމުނުއިރު އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ، ހިންގުން ހަރުދަނާ ކުންފުންޏެއް ކަމަށާއި އެހެންނަމަވެސް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތުތަކުގެ ޤައުމީ އެއަރލައިނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
"ސީ ޕްލޭންގެ ގިނަ ކޮންޓްރެކްޓްތަކެއް އޮތީ ހުއްޓިފައި. ކުންފުނީގައި އޮތް އެންމެ ރަނގަޅު އެއަރބަސް 2022 ވަނަ އަހަރު ގެނައި ބޯޓު އޮތީ ދޫކޮށްލާފައި. ބޭނުންކުރަމުންދިޔަ ޑޭޝް 1 މަރުކޭޝްގެ ބޯޓުތަކުގެ ތެރެއިން ސްޕެއަރ ނަގަމުން ގޮސް، 4 ބޯތު އޮތީ ބޭނުންނުކުރެވޭ ހާލަތުގައި. މިލިޔަނުން ދޫކޮށްފައިހުރި ދަރަނިތައް ހޯދޭތޯ އަޅުގަނޑުމެން ބަލަމުންމިދަނީ. ރަނގަޅަށް ނުބެލެހެއްޓުމުގެ ނަތީޖާއަކީ އެތައް ބޮޑު ދަރަންޏަކުން ދެރުން" ވަޒީރު ވިދާޅުވިއެވެ.
ވައިޑް ބޮޑީ ފްލައިޓެއް ގެނެސް ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އައިލެންޑް އޭވިއޭޝަނުން އަންދާޒާ ކުރާ ގޮތުގައި މި ގެނެވުނު ވައިޑް ބޮޑީ ފްލައިޓުން އަހަރަކަށް 60،000 ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ. ވައިޑް ބޮޑީ ފްލައިޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާއަށެވެ. އެއަށްފަހު ޔޫރަޕަށެވެ.