ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ ބާރު ދަށްވެ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ މިދިޔަ ހަފްތާގައި ރާއްޖެއަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވީ، ލަންކާގެ ދެކުނުން އުފެދުނު ކޮޅިގަނޑު ރާއްޖެއާ ދިމާއަށް އައުމުން ކަމަށެވެ. ލަންކާގެ ދެކުނުން އުފެދުނު މި ކޮޅިގަނޑާމެދު 3 ގޮތެއް މެޓުން ނިންމިއެވެ. މެޓުން އެންމެ ބޮޑަށް ލަފާކުރީ މި ކޮޅިގަނޑު ބަންގާޅު ކަނޑުން ބޭރުވާނެ ކަމަށެވެ. ދެވަނަ ގޮތަކީ ރާއްޖެ އާއި އިންޑިޔާއާ ދޭތެރެއިން އަރަބި ކަނޑަށް ކޮޅިގަނޑު ދިޔުމެވެ. ތިންވަނަ ގޮތަކީ އަދި އަދި ވުން އެންމެ ނާދިރު ގޮތަކީ ރާއްޖެއަށް ކޮޅިގަނޑު އައުމެވެ. ކަންވީ އެންމެ ނާދިރު ގޮތަށެވެ. މެޓުން ފާހަގަ ކުރެއްވީ ރާއްޖެއާ ވަރަށް ކައިރިއަށް އައުމަށްފަހު ކޮޅިގަނޑުގެ ބާރު މަޑުވީއެވެ. އެކަމަކު އޭރު ބޯ ވާރޭގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ، ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދަ އެރުމުގެ ހާދިސާތައް އޮތީ ހިނގާފައެވެ.