އަޔަކްސްއަށް ކުޅެމުންދިޔަ އެމެރިކާގެ އުއްމީދީ ޒުވާން މިޑްފީލްޑަރު ސާޖީނޯ ޑެސްޓް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ސޮއި ކޮށްފިއެވެ.

ނެދަލޭންޑްސްއަށް އުފަން ޑެސްޓް ބާސެލޯނާއަށް ސޮއި ކުރީ ބަޔާން މިޔުނިކުން އޭނާ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ޑެސްޓް ބާސާއަށް ސޮއި ކުރީ 21 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ޑެސްޓް ބާސާގައި ހޯދާ ކާމިޔާބީތަކަށް ބިނާކޮށް އިތުރު 5 މިލިޔަން ޔޫރޯ ބާސާއިން އަޔަކްސްއަށް ދައްކަން ޖެހެއެވެ.

ބާސެލޯނާއަށް ސޮއި ކުރުމަށްފަހު ޑެސްޓް ބުނީ ޔޫރަޕުގެ ޗެމްޕިއަން ބަޔާން މިޔުނިކުން އޭނާ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ބާސެލޯނާ އިހްތިޔާރު ކުރީ އޭނާގެ ހިތް ބޭނުން ވަނީ ބާސެލޯނާއަށް ކުޅުމަށް ކަމުގައި ވާތީ ކަމަށެވެ.

"ބަޔާންއަކީ ވަރަށް ވަރުގަދަ ކްލަބެއް. އެކަމަކު އަހަރެން ބާސެލޯނާ އިހްތިޔާރު މިކުރީ ހިތް ބޭނުން ވަނީ ބާސެލޯނާއަށް ކުޅުމަށް ކަމަށްވާތީ. އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ރަގަޅަށް އަހަންނަށް ނިންމުނު ނިންމުމެއް" ޑެސްޓް،19، ބުންޏެވެ.

މީގެ އިތުރުން ޑެސްޓް ބުނީ ލިއޮނަލް މެސީއާ އެއްޓީމަކަށް ކުޅުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި މެސީއާ ބައްދަލު ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. "ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއާ އެއްޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ އުފަލެއް. އަހަރެން މިހުރީ އޭނާއާ ބައްދަލުވާނެ ވަގުތަކަށް ކެތްމަދުވެފައި" ޑެސްޓް ބުންޏެވެ.

ބާސެލޯނާއިން ޑެސްޓް އެކްލަބަށް ގެނެސްފައި މިވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި އެޓީމުގެ ކަނާތު ބެކަށް ކުޅުނު ޕޯޗުގަލްގެ ސެމެޑޯ އިނގިރޭސި ޕްރިމިއަރ ލީގުގެ ވޮލްވުސްއަށް ވިއްކާލުމަށްފަހުއެވެ.