މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 98 ގޭގެ އެސެސްމަންޓް ހަދާފައިވާނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއިން މަސައްކަތް ފެށި ކަމަށެވެ. އަދި މީހުންނަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވި ގޭގޭގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އެއިދާރާއިން މަސައްކަތް ކުރި ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ 35 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސަވައިދީފައިވާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ބައެއް ރަށްރަށް އުދަ އެރުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ސަރުކާރުން މިހާރު ގެންދަވަނީ ގެއްލުން ލިބުނު ރަށްތަކުގެ ހާލަތު އެސެސްކުރައްވައި އެހީވެދޭނެ ގޮތްތައް ބައްލަވަމުންނެވެ.