މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުގައި ވައި ނުސާފުވާން ފަށާފައިވާ ކަމަށް ބުނެފިއެވެ.
މެޓުން މިހެން ބުނީ ރޭގެ ވަގުތެއްގައި މެޓުން "އެކްސް"ގައި ހިއްސާކޮށް ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިތުރަށް މެޓުން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން ހަމަލޮލަށް ސާފްކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.
އަދި މީހަލަތުގައި ކުރިއަށްއޮތް ދުވަސް ތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ފެތުރިގެން ދާނެކަމަށް ލަފާކުރޭވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މީގެއިތުރުން ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނު، އިއްޔެ ދުރުން ފެންނަން އޮތްގޮތާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއްވެސް މެޓުން ވަނީ ހިއްސާ ކޮށްފައެވެ.
ހަމައެއާއެކު މި ކަމާގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ "އެކްސް" ގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި އެޗްޕީއޭއިން ވަނީ އެވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފައެވެ.
އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފުއްޕާމެ އާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާ އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމުގެ އިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުންގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން ހިމެނެއެވެ.