މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް، އިއްޔެ މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް ވަނީ 2025 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކާއި އިސްކަންދޭ ދާއިރާތަކުގެ މަޢުލޫމާތު މުވައްޒަފުންނާ ހިއްސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން، މިނިސްޓްރީން ކަނޑައެޅި ގިނަ ލަނޑުދަނޑިތަކެއް ޙާޞިލުކުރެވިފައިވާ ކަމަށެވެ.
"2025 ވަނަ އަހަރަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ އަހަރެއް," މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މުވައްޒަފުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދެއްވައި، މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންގެ ޚިޔާލު ހޯއްދެވިއެވެ. މީގެއިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ޓީމް ސްޕިރިޓް އިތުރުކޮށް ކުރިއަށް އޮތް ތާނގައި ހުރިހާ މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.