ފ. ދަރަނބޫދޫގައި ފުލުހުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ ފ. ދަރަނބޫދޫ ޕޮލިސް ޕޯސްޓުންނެވެ. މިއީ ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމްކޮށް ރައްޔިތުންނަކީ ހޭލުންތެރިވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ މި މަހުގެ 6 ވަނަ ދުވަހުއެވެ. މި ހަރަކާތުގައި ފުލުހުން ވަނީ އެރަށުގައި ވިޔަފާރިކުރާ ފަރާތްތަކާއި ދަނޑުވެރިންނާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އަދި ކުށްމަދުކުރުމާއި ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މި ހަރަކާތުގައި ފުލުހުން ވަނީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހަރަކާތް މެދުވެރިކޮށް މުސްތަޤުބަލުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައުގެ ކަންބޮޑުވުންތައް ދެނެގަނެ، މުޖުތަމައުގައި ހިނގާ ކުށްތައް މަދުކުރެވި، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަކީ އަމާޒު ކަމަށެވެ.
ފުލުހުން މި ހަރަކާތް ހިންގާފައިވަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.