ހިޓްލަރަށް ތާއީދުކޮށް ނާޒީންގެ ޝިއާރުތައް ގޮވައި، ނާޒީ ސަލާމަކުން ސަލާން ކުރި މީހަކު، އޮސްޓްރޭލިއާގައި ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. ޙުކުމް އިއްވަމުން، މެޖިސްޓްރޭޓް ބްރެޓް ސޮނެޓް ވިދާޅުވީ، ހުދު މީހާއަކީ، އެހެން ނަސްލުތަކުގެ މީހުންނަށް ވުރެން މާ މޮޅު، މަތިވެރި، އަދި މާޝަރަފްވެރި ނަސްލެއްގެ މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ފިކުރުތައް މުޖުތަމައުގައި ނެގެހެއްޓުމަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
މީޑއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބާއްވާފައިވާ މުޒާހަރާއެއްގައި، އުމުރުން 25 އަހަރުގެ ޖެކޮބް ހަރސަންޓް، ވަނީ ނާޒީ ފިކުރަށް ސަޕޯޓުކޮށް ވާހަކަ ދައްކާފައެވެ.
ނާޒީންނަކީ ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓު ޖޫސްއިން ހިންގަމުން ގެންދާ ފަދަ ކޮންސެންޓްރޭޝަން ކޭމްޕްތައް ހިންގި ބައެކެވެ. އަދި ނާޒީން ގިނަ އަދަދެއްގެ ޖޫސް، ބޮޑެތި އަވަންތަކުގައި ފިހެލިކަމަށްވެސް ވެއެވެ.
މުޒާހަރާއެއްގައި އަޑުގަދަކުރަމުން ހަރސަންޓް ދެއްކި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަތަކުގެ ތެރޭގައި ގޮވަމުން ގޮސްފައި ވަނީ، "އޮސްޓްރޭލިއާ ފޯ ދަ ވައިޓް މޭން" ކަމަށެވެ. އަދި އޭނާ ވަނީ "ހައިލް ހިޓްލަރ" ގެ ގޮލެވި ވެސް ގޮވާފައެވެ.
ހަރސަންޓަކީ އޮސްޓްރޭލިއާއިން އެހެން ނަސްލުތަކުގެ މީހުން ބޭރުކޮށްލުމަށް ގޮވާލާ ދޮންމީހުންގެ ސުޕްރެމަސިސްޓް ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް ސޯޝަލިސްޓް ނެޓްވޯކްގެ މެންބަރެކެވެ. އޭނާއަށް އިއްވާފައިވަނީ އެއް މަހުގެ ޖަލު ޙުކުމެކެވެ.