ފަލަސްޠީނުގެ ޒާތީ ވެރިކަން ކުރާ އައްބާސްގެ އިދާރާގެ ފުލުހުން ވަނީ، ސިޔާސީ ގައިދީއެއް ކަމަށްވާ ސުހައިބް އަބޫ މުއީސްގެ އަންހެނުން ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލާފައެވެ. އޭނާއަކީ 7 މަހުގެ ކުއްޖެއްގެ ކިރުމައެކެވެ.

އައްބާސްގެ ފުލުހުން، ޖެނިންގައި އަބޫ މުޢީސްގެ އަންހެނުން ހައްޔަރު ކުރުމުގެ ދެ ހަފްތާ ކުރިން އޭނާގެ ފިރިމީހާ ވެސް ހައްޔަރުކޮށް ޖަލު ބަންދުކޮށްފައި ވެއެވެ.

ޖެނިން ރެފިއުޖީ ކެމްޕަށް ޒަޔަނިސްޓު ސިފައިން ވަދެ އެތަން ތަޅާލުމުގެ ކުރިން އައްބާސްގެ ފުލުހުން ވަނީ އެތަނަށް ވަދެ ފަލަސްޠީނު މީހުންނާ އެކު ބަޑީގެ ހަމަލަތައް ބަދަލުކޮށް ހަދާފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތތެރިވާ ސިޔާސީ ބަންދު ގައިދީންގެ އާއިލާތަކުގެ ކޮމިޓީން ވަނީ ސިޔާސީ ބަންދެއްގައި ބަހައްޓާފައިވާ ސުހައިބް އަބޫ މުއީސްގެ ގެއަށް ވަދެ އައްބާސްގެ ސިއްރު ފުލުހުން އޭނާގެ އަންހެނުން ޝޫރޫގް ޢިއްޒުއްދީން ހައްޔަރުކޮށް ނާބްލޫސްގެ އަލްޖުނައިދު ޖަލަށް ގެންދިޔަ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެ ކޮމިޓީން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަމަލަކީ އިންސާނިއްޔަތާ ޚިލާފް ޚުދު މުޚުތާރު އަމަލެއް ކަމަށާއި މިއީ ފަލަސްޠިނު މީހުންނާ ދެކޮޅަށް އައްބާސްގެ ސަރުކާރުގެ ނޭއްގާނީކަން ދައްކައިދޭ ކަމެއް ކަމަށެވެ. އަދި މިހާލަތުގައި އުމުރުން 7 މަހުގެ ކުއްޖާއަށްވެސް ރިއާޔާތްކޮށްފައި ނުވާކަމަށް ބުނެ އެކަންވެސް ކުށްވެރިކޮށްފައި ވެއެވެ.