ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވައި މަސްވެރި ވަޒީރު އަޙްމަދް ޝިޔާމް ވާހަކަފުޅު ދެއްކެވިއެވެ.
ބޭ އޮފް ބެންގޯލް ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމުގައި ޖަލްސާގެ ބައިވެރިންނާ މުޚާތަބުކޮށް ވަޒީރު ދެއްކެވި ވަހާކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ކަނޑަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، އިޤްތިޞާދާއި، ސަގާފަތުގެ މައިގަނޑު ބައެއް ކަމަށްވާތީ، ބީއޯބީޕީ-އައިޖީއޯ އާއެކު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ބީއޯބީޕީ-އައިޖީއޯ އިން ދިވެހިރާއްޖޭގެ މަސްވެރިކަން މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަދާ ކުރާ މުހިންމު ދައުރުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލި އަޅުއްވާލެއްވިއެވެ. ބީއޯބީޕީ-އައިޖީއޯއިން އަދާ ކުރާ ދައުރުތަކުގެ ތެރޭގައި ތެރޭގައި މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި މޮނިޓަރިންގއާއި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ދާއިރާގައި ކުރީ ސަފުގައި ހިމެނޭ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގައުމަކަށް ހެދުމަށް ބީއޯބީޕީ-އައިޖީއޯއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން އަގުވަޒަންކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަން މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ބީއޯބީޕީ-އައިޖީއޯގެ މެމްބަރު ޤައުމުތަކުގެ އިސް ވެރިންނާއި، މަސްވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވިއެވެ.
https://sarukaaru.gov.mv/articles/7269