އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް އެމެރިކާގެ ރައްޔިތުންނަށް 90،351،750 ޑޯޒްގެ ކޮވިޑް-19 ވެކްސިން ދެވިއްޖެ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވަނީ، ހަމަ އެއާއެކު، އާންމުންނަށް ވެކްސިން ދިނުމަށް އެހާތަނަށް 116،363،405 ޑޯޒްގެ ވެކްސިން އެކި ދިމަދިމާއަށް ފޮނުވިފައިވާ ކަމަށެވެ.
އެމެރިކާގެ ރައްޔިތުންނަށް އަދި މިހާތަނަށް ދެމުން ގެންދަނީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިނާއި، މޮޑަނާގެ ވެކްސިނެވެ.
އެމެރިކާގެ ސީޑީސީން ބުނެފައިވަނީ، މިހާތަނަށް 58،873،710 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 30،686،881 މީހުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
ސީޑީސީން ބުނެފައިވަނީ، މިހާތަނަށް ވެކްސިން ދެވުނު މީހުންގެ ތެރެއިން 7،389،102 ޑޯޒަކީ ދިގު މުއްދަތަކަށް ފަރުވާދޭ މީހުން ތިބޭ ސެންޓަރުތަކުގެ މީހުންނަށް ދެވުނު ވެކްސިން ކަމަށެވެ.
އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް-19 ބަލީގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހުމުގެ އިތުރުން، ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އެމެރިކާއިންނެވެ.
އެމެރިކާގައި ކޮވިޑް ބަލީގެ ހާލަތު އެހާބޮޑަށް ގޯސްވެގެން ދިޔައީ، އެމެރިކާގެ ވެރިކަމުގައި ކުރިން ހުންނެވި ޑޮނަލްޑް ޓްރަމްޕާއި، ޓްރަމްޕްގެ ސަރުކާރުން ކޮވިޑްބަލި ސީރިއަސްކޮށް ނުނަގައި، އަދި ބަލި ފެތުރުން ހުއްޓުވަންވެސް މާބޮޑު މަސައްކަތެއް ނުކުރުމުން ކަމަށް ގިނަބަޔަކު ދެކެއެވެ.
ޓްރަމްޕާ ޚިލާފަށް އެމެރިކާގެ ރައީސްކަމާ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ހަވާލުވެވަޑައި ގެންނެވި ޖޯ ބައިޑެންގެ ސަރުކާރުން ގެންދަނ، ބަލި ފެތުރުން ހުއްޓުވުމަށާއި، އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ވަރަށް ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ.
ބައިޑެން އަމާޒު ކުރެއްވީ، އޭނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު، 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް، ވެރިކަމަށް 100 ދުވަސްވާން އަދި އެތައް ދުވަހެއް އޮއްވައި، އެމެރިކާ މިހާރުވަނީ 100 މިލިއަން ފަހަނައަޅައި ދާން ތައްޔާރުވެފައެވެ.