ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ ކ.ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، އޫރުމަސް، ސިނގިރޭޓް، އިސްލާމްދީނާ ހިލާފު ތަކެއްޗާއި ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ ތަކެތީގެ އިތުރުން ބޭސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.