އިންޑިޔާއަށް ދިއުމަށް ވިސާ ހޯދާ ފަރާތްތަކަށް އިންޑިއަން ހައިކޮމިޝަނަށް ދިއުމުން ވިސާ ދޭ ދިނުން ހުއްޓާލައިފިއެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެއްސުމަށް ގުޅާ ނަންބަރު 7563947 ގެ ހިދުމަތްވެސް، އަދި އެ ހައިކޮމިޝަނުން ދޫކުރަމުން އައި ކިއު ނަންބަރު ނުވަތަ ޓޯކަން ދޫކުރުންވެސް، މިހާރުވަނީ ހުއްޓާލައިފައެވެ. އެކަންކަން ހުއްޓާލިކަން އެންގީ އެ ހައިކޮމިޝަނުން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.

އެ ހިދުމަތް އެގޮތަށް ދިނުން ހުއްޓާލީ އެތަނުގެ ބޭރުގައި ސަފު ހަދައިގެން ގިނައިރު މަޑުކުރަންޖެހުމުގެ ދަތިކަން ފިލުވައިލުމަށެވެ. އޭގެ ބަދަލުގައި، މިހާރު ވަނީ އޮންލައިންކޮށް ފޯމެއް ފުރާގޮތަށް ހަމަޖައްސައިފައެވެ. އެ ފޯމު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެވޭ ފަރާތްތަކުން، 7 މާރިޗު 2021 ވަނަ ދުވަހުން ފެށިގެން، ދެން ޖެހޭނީ ވިސާ އެޕޮއިންޓްމެންޓް ވެބްސައިޓު ( https://hcimv-consularappointment.com ) މެދުވެރިކޮށް ވިސާއަށް އެދޭށެވެ. އެ ސައިޓުން ލިބެން ހުރި ގަޑިތަކުން، އެ މީހަކަށް އެކަށީގެންވާ ގަޑި އެއްގައި އެޕޮއިންޓްމަންޓް ހަމަޖައްސަންވީއެވެ.

މިގޮތަށް މި ހަމަޖެއްސީ އިންޑިއަން ހައިކޮމިޝަނުގެ އިސްނެގުމެއްގެ ދަށުން، ވިސާދޫކުރުމުގެ ކަންތައްތައް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ހިދުމަތަކަށް ބަދަލު ކުރުމަށް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.