އިޒްރޭލުން ސޫރިއާ ވަކި މިނިވަން ސަރަހައްދުތަކަކަށް ބަހައި، ސޫރިޔާގެ އެކި ނަސްލުތަކުގެ މީހުންނާއި ބައިމަދު ދީންތަކުގެ މީހުންގެ ސަރުކާރުތަކަށް އެގައުމު ބެހުމަށް ރާވަމުން ދާކަމަށް އިޒްރޭލު މީޑިއާއިން ބުނެފިއެވެ.
އިޒްރޭލުގެ ނޫސް އިޒްރޭލް ހަޔޯމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ކެބިނެޓުގެ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ ސޫރިޔާ ބަހާލުމުގެ ޕްލޭނާއި ސޫރިޔާގައި ތުރުކީގެ ނުފޫޒާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން ވަނީ ޖައުލާނީގެ ހައިއަތު ތަހުރީރުއްޝާމަކީ ހަރުކަށި އިސްލާމީ ޖަމާއަތެއް ކަމަށް ނިންމާފައެވެ. އަދި ޖައުލާނީއަށް އިތުބާރު ނުކުރުމަށާއި ސޫރިޔާއިން އިޒްރޭލަށް ނުރައްކަލެއް ނައަންނަ ގޮތަށް ދުރޫޒްއާއި ކުރުދީންނާއި ސުންނީންނާއިޝިއީންގެ އެކި ސަރަހައްދުތަކަށް ސޫރިޔާ ބަހާލަން ޖެހޭނެ ކަމަށް ބުނެފައެވެ.
އިޒްރޭލު ހަޔޮމް ނޫހުން ބުނި ގޮތުގައި އިޒްރޭލުގެ ކެބިނެޓުން ވަނީ ސީރިއާ މިނިވަން މުސްތަގިއްލު ނަސްލީ އަދި މަޒުހަބީ ބައިބަޔަށް ބަހާލުމުގެ ޕްލޭނާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި އިޒްރޭލުގެ ޕާޓްނަރު ގައުމުތަކާއެކު މަޝްވަރާ ކުރުމަށްވެސް ނިންމާފައެވެ. އަދި މިފަދަ ކަމަކަށް މަސައްކަތް ކޮށްފިނަމަ ސޫރިޔާގެ ތެރޭގައި ދެކޮޅުވެރިކަމަކާ ކުރިމަތިވާނެ ކަމަށާއި އެކަން ކޮންޓްރޯލު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭނކަމަށްވެސް ބުނެފައި ވެއެވެ.