އިނގިރޭސިވިލާތުގެ ޕާލަމެންޓުން، ޝިންޖިއާންއާ ބެހޭ ފޯމަރެއް ބާއްވައިފިއެވެ. މި ފޯރަމް އިންތިޒާމުކޮށްފައި ވަނީ، ބޭރުގައި ދިރިއުޅޭ ޝިންޖިއާން ނޫނީ އިރުމަތީ ތުރުކިސްތާންގެ މީހުން ބައިވެރިކޮށްގެންނެވެ. ފޯރަމް އިންތިޒާމު ކުރި ފަރާޓުން ބުނެފައި ވަނީ، މިއީ އުއިގޫރު ދަރިކޮޅުގެ މީޙުންނާއި ކަޒާޚް މީހުންނާއި އަދި ކިރިގީޒް ދަރިކޮޅުގެ މީހުންނަށް ޝިންޖިއާން ގައި ދިމާ މައްސަލަތައް މީހުންގެ ސަމާލުކަމަށް ގެނައުމަށް ސިޔާސީ ޙިމާޔަތުގައި ގައުމުން ބޭރުގައި އުޅޭ މީހުންނަށް ފުރުސަތު ދިނުމަށް ބޭއްވި ފޯރަމެއް ކަމަށެވެ.
ޗައިނާގެ ވެރިކަމުގައި މި ދަރިކޮޅުގެ މީޙުންނަށް ކުރިމަތިވެފައިވާ ނިޒާމީ އަނިޔާވެރިކަމާ މެދު ދުނިޔޭގެ ހޭލުންތެރިކަން އިތުރުކުރުމަކީ އެމީހުންގެ މަގްސަދު ކަމަށް ބުނެފައި ވެއެވެ.
ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ތުހުމަތު ކުރަނީ ޗައިނާއިން ޝިންޖިއާންގައި އުއިގޫރު ނަސްލު ނައްތާލުމުގެ މަސައްކަތެއް ކުރާ ކަމަށެވެ. ޗައިނާއިން ވަނީ ތަކުރާރުކޮށް އެކަން ދޮގު ކޮށް އެއީ ޗައިނާގެ އަގު ވައްޓާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެފައެވެ.
ޔޫކޭ ޕާލަމެންޓްގެ ފޯރަމްގައި ވާހަކަ ދެއްކި ބައިވެރިން ވަނީ ޗައިނާ ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މާބޮޑު ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެފައެވެ.